ގާތްގަނޑަކަށް 29 ގަޑިއިރުގެ ބަހުސަކަށް ފަހު, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ، ބައެއް ޚަރަދުތަކާއި ޓެކްސްތަކެއް މަދުކުރުމުގެ ބިލް ނުވަތަ ޓްރަމްޕްގެ "ބިގް ބިޔުޓިފުލް ބިލް", ދަށުގެ އިން ފާސްކޮށްފިއެވެ.
އެމެރިކާގެ ކޮންގްރެސްގެ ދަށު ގެއިން ބުރާސްފަތި ދުވަހު ނެގި އެ ވޯޓުގައި އެ ބިލާ އެއްކޮޅަށް 218 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ދެކޮޅަށް ވޯޓު ދެއްވާފައި ވަނީ 214 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީގެ 212 މެންބަރުން ވެސް ވަނީ އެ ބިލާ ދެކޮޅު ހައްދަވާފައެވެ. އެ މެމްބަރުންނާއެކު ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީން ވަކިވެވަޑައިގަތީ ކެންޓަކީގެ މަންދޫބުން ކަމަށްވާ ތޯމަސް މެސީ އާއި ޕެންސިލްވޭނިއާގެ ބްރައިއަން ފިޓްސްޕެޓްރިކްއެވެ.
އެ ބިލް ދެން ފޮނުވާނީ ގާނޫނަކަށް ހެދުމަށް ޓްރަމް ސޮއިކުރައްވާ ތަސްދީގު ކުރެއްވުމަށެވެ. ޓްރަމްޕް ވަނީ އެ ބިލު އެމެރިކާ މިނިވަން ދުވަސް ކަމަށްވާ، މިއަދުގެ ނިޔަލަށް ފާސްކުރުމަށް މުހުލަތު ދެއްވާފައެވެ.
އާ ގާނޫނުގެ ދަށުން އެމެރިކާގެ ދަރަނީގެ ސީލިންގް ނުވަތަ ސަރުކާރަށް ދަރަންޏަށް ނެގޭނެ އެންމެ ގިނަ އަދަދު ފަސް ޓްރިލިއަން ޑޮލަރަށް އުފުލޭނެއެވެ.
ކުރާ ހަރަދުތަކަށް ފައިސާ ދެއްކުމަށްޓަކައި، ގައުމީ ސިއްޚީ ނިޒާމު، މެޑިކެއިޑް ނިޒާމު މެޑިކެއިޑާއި ކާބޯތަކެތި ހެޔޮ އަގުގައި ލިބިދޭ ފުޑް ސްޓޭމްޕަށް ކުރާ ޚަރަދުން 1.2 ޓްރިލިއަން ޑޮލަރު ކެނޑުމަށް ހިމަނައިފައެވެ. އާމްދަނީ ދަށް ގޭބިސީތަކަށް ސަރުކާރުގެ ހެލްތު އިންޝުއަރެންސް - އަދި ފުޑް ސްޓޭމްޕްގެ ނަމުން މަޝްހޫރު ސަޕްލިމެންޓަލް ނިއުޓްރިޝަން އެސިސްޓެންސް ޕްރޮގްރާމް (އެސްއެންއޭޕީ) ފަދަ އިޖުތިމާއީ ހަރަކާތްތައްވެސް ވަނީ މަދުކޮށްފައެވެ.
ކޮންގްރެސްގެ ބަޖެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި އެ ބިލުގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ތެރޭގައި ހެލްތު އިންޝުއަރެންސް ނެތް މީހުންގެ އަދަދު 17 މިލިއަނަށް އިތުރުވާނެއެވެ.
އަދި އެގައުމުގެ ދަރަނި ހަމަ އެ މުއްދަތުގައި ގާތްގަނޑަކަށް 3.3 ޓްރިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވެސް އެ އޮފީހުން ލަފާކޮށްފައިވެއެވެ.
ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އެ ބިލުގައި ވާ ގޮތަށް ޓެކްސް ކުޑަކުރުމުން މައިގަނޑު ގޮތެއްގައި ފައިދާ ކުރާނީ އެންމެ މުއްސަނދިންނަށް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ނަމަވެސް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި ބިލުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިއަރައި، މެޑިކެއިޑް ފަދަ ޕްރޮގްރާމްތަކުގައި އިސްރާފުކުރުމާއި ހަދާ މަކަރާއި ހީލަތް ކުޑަކުރެވޭނެއެވެ.
އެ ބިލު ދަށުގެއިން ފުރަތަމަ ފާސްކުރީ، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
އެ ވޯޓުގައި ބިލު ފާސްވީ ވަރަށް ހަނި އަޣުލަބިއްޔަތަކުންނެވެ. ބިލާ އެއްކޮޅަށް 215 މެމްބަރުން ވޯޓުދިންއިރު، ދެކޮޅަށް ވޯޓު ދީފައި ވަނީ 214 މެމްބަރުންނެވެ.
އޭގެ ފަހުން އިސްލާހުތަކާއެކު، ސެނެޓުން ފާސްކުރީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.
އެ ފަހަރު ބިލު ފާސްކުރީ 24 ގަޑިއިރަށްވުރެ ގިނަ ވަގުތު ބަހުސް ކުރުމަށްފަހު، ނާއިބު ރައީސް ޖޭޑީ ވެންސްގެ ވޯޓާއެކުގައެވެ. އެ މަނިކުފާނު ވޯޓު ދެއްވީ ދެ ފަރާތް، 50 ވޯޓު 50 ވޯޓުން އެއްވަރުވުމުންނެވެ.