ބޮލީވުޑްގެ ކުރީގެ ބަތަލާ އަދި އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓުވިންކަލް ކަންނާ އާއި ފިލްމީ ތަރި ކާޖޮލް ދޭވްގަން އެކީގައި ޓޯކް ޝޯއެއް ހޯސްޓުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ފިލްމުފެއާގައި ބުނެފައިވާ ގޮތުން އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ މި ޓޯކް ޝޯ ގެނެސްދޭނީ އެމޭޒަން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރާ ގޮތަށެވެ.
މިއީ އިންޑިއާގެ މަޝްހޫރު ފަންނާނުންނާ ފިލްމީ ތަރިން ބައިވެރިކޮށްގެން ގެނެސްދޭ ސެލެބްރިޓީ ޓޯކް ޝޯއެއް ކަމަށާއި މިހާތަނަށް މި ޝޯއާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައި ނުވާ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

ޓުވިންކަލް ކަންނާ ގެނެސްދިން "ޓްވީކް އިންޑިއާ" ޓޯކް ޝޯގައި އިންޑިއާގެ މަޝްހޫރު ފިލާޏްތްރޮޕިސްޓް ސުދާ މޫރުތީއާ އެކު--ފޮޓޯ/ރަޝްމީރައިޓްސް
އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ނުފޫޒުގަދަ ސެލެބްރިޓީން ފެންނާނެ މި ޓޯކް ޝޯ އަކީ ވަރަށް އެކުވެރި މާހައުލެއްގައި ވަރަށް މަޖާކޮށް ގެންދާނެ ޝޯއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިޒާޖުގެ ގޮތުން ވެސް ޓުވިންކަލް އާއި ކާޖޮލް އަކީ ވަރަށް ސަކަ މިޒާޖެއްގެ ވެރިންތަކެއް ކަމުން މިއީ ވަރަށް ޝައުގުވެރިކޮށް ގެނެސްދެވޭނެ ޝޯއެއް ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މި ޓޯކް ޝޯއިން ފެންނާނެ މަޝްހޫރު ފިލްމީ ތަރިންގެތެރޭ ޝާހްރުކް ޚާން، އާމިރު ޚާން، އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރު ހިމެނެއެވެ.
މި ޝޯގެ ޝާހު ފެންނަ އެޕިސޯޑަކީ ފިލްމު "ދިލްވާލޭ"އަށްފަހު ދެ ތަރިން އަލުން ބައްދަލުވާ ރީޔޫނިއަންގެ ގޮތުގައި ފާހަގަކޮށްލެވޭ އެޕިސޯޑަކަށްވާނެ ކަމަށް ފިލްމުފެއާގައި ވަނީ ބުނެފައެވެ.
މި އަހަރުގެތެރޭ މި ޓޯކް ޝޯ ގެނެސްދޭން ތައްޔާރުވަމުން އަންނައިރު ފުރަތަމަ ސީޒަންގައި ގެނެސްދޭން ނިންމާފައި ވަނީ މުޅިއެކު އަށް އެޕިސޯޑެވެ.
ބަތަލާ ކާޖޮލް އަދި އަލަށް ޓޯކް ޝޯއަކުން ހޯސްޓެއްގެ ގޮތުގައި ފެންނާނެއިރު ޓުވިންކަލް ވަނީ ޓުވީކް އިންޑިއާގެ ނަމުގައި މީގެކުރިން ވެސް ޓޯކް ޝޯއެއް ހޯސްޓުކޮށް ގެނެސްދީފައެވެ.