ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީސް 'ފޯ މޯ ޝޮޓްސް'ގެ ފަހު ސީޒަން ގެނެސްދެނީ

ވެބް ސީރީސް "ފޯ މޯ ޝޮޓްސް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އެމޭޒަން ޕްރައިމް ވީޑިއޯއިން 2019 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އައި ވެބް ސީރީސް "ފޯ މޯ ޝޮޓްސް ޕްލީޒް"ގެ ފަހު ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަކަން އިއުލާނުކޮށްފިއެވެ.

އެމޭޒަން ޕްރައިމްއިން ސޯޝަލް މީޑިއާގައި މި ވެބް ސީރީސްގެ ފަހު ސީޒަންގެ ޕޯސްޓަރަކާ އެކު ކުރި ޕޯސްޓުގައި ބުނެފައި ވަނީ އެ ޓީމުން ތިބީ "ފޯ މޯ ޝޮޓްސް"ގެ ފައިނަލް ސީޒަން ގެނެސްދިނުމަށް ތައްޔާރަށް ކަމަށެވެ.

މިހާތަނަށް މި ވެބް ސީރީސްގެ ތިން ސީޒަން ގެނެސްދީފައިވާއިރު މިއީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީސްއެކެވެ.

ވެބް ސީރީސް "ފޯ މޯ ޝޮޓްސް"ގެ މަންޒަރެއްގައި އެ ސީރީސްގެ ލީޑް ތަރިން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮޑު ކާސްޓަކާ އެކު ގެނެސްދޭ "ފޯ މޯ ޝޮޓްސް"އަކީ އުމުރުން 30ގެ އަހަރުތައް ގުނަމުން އަންނަ ހަތަރު އަންހެނުން ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވެ މިނިވަންކަމާ އެކު އުފާވެރި މިނިވަން ދިރިއުޅުމެއް ހޯދުމަށް ކުރާ މަސައްކަތްތައް ދައްކުވައިދޭ ސީރީސްއެކެވެ.

މި ސީރީސްގެ ތެރެއިން މި އަންހެނުންނަށް ލޯބީގައި ކުރަންޖެހޭ އުފާވެރި އަދި ހިތި ތަޖުރިބާތަކާ އެކު އަންހެނުންތަކެއްގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ދަމަހައްޓަން ކުރާ މަސައްކަތް ދައްކުވައިދެއެވެ.

ސަޔާނީ ގުޕްތާ، ބާނީ ޖޭ، ކީރްތީ ކުލާރީ އަދި މާންވީ ގާގްރޫ މުހިއްމު ރޯލްތަކުން ފެންނަ "ފޯ މޯ ޝޮޓްސް"ގެ ފުރަތަމަ ސީޒަންގެ ޑައިރެކްޓަރަކީ އަނޫ މެނަންއެވެ. އޭގެފަހުން ގެނެސްދިން ދެ ސީޒަން ޑައިރެކްޓްކޮށްފައި ވަނީ ނުޕޫރު އާސްތަނާއެވެ.

މިއީ ޕްރިތިޝް ނެންޑީ ކޮމިއުނިކޭޝަންސްއިން އެމޭޒަން ޕްރައިމްއަށް އުފައްދައިދޭ ވެބް ސީރީސްއެކެވެ. މި ސީރީސްގެ ހަތަރު ވަނަ އަދި ފައިނަލް ސީޒަން ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ނިންމި ނަމަވެސް އެމޭޒަންގައި މި ވެބް ސީރީސް ސްޓްރީމްކުރަން ފަށާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް