"މައިންބަފައިންނާއި އިހުތިރާމްއާއި އޯގާތެރިކަމާއެކު ވާހަކަދައްކާށެވެ. ލޯތްބާއި އަޅައިލުމާއި ވަގުތު ދޭށެވެ. "

***

"މަންމާ......ކިހިނެއް ތިހަދަނީ؟ މަންމަ ތިފާޑަށް މީހުން ނެތްތަންތާ ވާހަކަދައްކާ އުޅޭކަމަށް ކުރިއަކުން ހީނުކުރަން....މަންމަގެ ބޮލަށް އެކި މީހުން އެރިގެން މަންމަގެ ސިކުނޑި ދޮވެލާފައިދޯ..މަންމަގެ ދަރިން ތިއްބާ އަހެދްއަށް މިގެ ހިބަކޮށްދޭ ވާހަކަ ދައްކާއިރު އޭނަ މިގެއަށް އައި މަގުސަދާއި ނިޔަތް މަންމަ ހަދާން ހުރިކަމަކަށް ނުވޭ....މަންމަ ހާސްފަހަރު ވަސިއްޔަތް ކުރިޔަސް އަހެދްއަކާއި ނީންނާނަން...." މުރުތަސިމް އެލީޒީދެކެ އައިސްފާ ހުރި ރުޅިގަނޑުވެސް ބޭލީ އޭނަގެ މަންމައަށެވެ.

މުތަސިމްގެ ނަޒަރު ހުއްޓުނީ އަހެދްގެ މޫނަށެވެ. ހިތަށް ލިބުނު އުދަގޫތަކުން އިތުރަށް ރުޅިގަދަވުން ނޫންކަމެއް ނުވިއެވެ.

"މަންމަގެ ބޮލަށް ނޭރި މަށަށް ކަމެއްކޮށްދީފާނަންތަ؟ މިގެއިން ނުކުމޭ............"

"މުތަސިމް....."ޒަހްރާ ހައިރާންވެ ލޯ ބޮޑުކޮށްލަމުން ބޮލުގައި އަތުން ހިފެހެއްޓިއެވެ.

"މަންމާ. މަންމަ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރީ...."މުރުތަސިމް ވާހަކަދައްކަ ދައްކާ ހުއްޓާ ޒަހްރާ އެތެރެއަށް ވަނެވެ.

އަހެދް މުރުތަސިމްއާއި ކުރިމަތިލީ އެއްވެސް ބިރެއް ޖެހިލުމެއްނެތިއެވެ. ނަމަވެސް އޭނަގެ އަޑު މަޑެވެ.

"މަންމަ އަހަރެން ކައިރީ އަބަދުވެސް ތިވަރެއް ނެތިގެން ތައުރީފުކޮށްފައި ވާހަކަދައްކާނީ. އެލީޒީ ކޮންމެފަހަރަކު މަންމަ ގުޅީމަ އެގޮތަށް ވާހަކަ ހުންނާތީ ނުރުހުނަސް ވަރަށް އެއްޗެކޭ ނުބުނާނެ. އެކަމަކު..... މުރުތަސިމްފަދަ މަންމައަށް ހެޔޮކަމަށް ދައުވާ ކުރާ މީހާ އަންހެނަކާއި ޖެހިގެން އަމިއްލަ މަންމަ ހިތުގައި ޖެހޭ ބަހުރުވައިން ވާހަކަދައްކާނެ ކަމަކަށް ހިތަށް ނާރާ....އަހަރެންގެ ކުރިމަތީގައި މުރުތަސިމްގެ ގަދަރު ގެއްލިއްޖެ. މައިމީހާއަށް ގަދަރު ނުކުރާ މީހެއްގެ އަގެއް ނުހުންނާނެ. އެހެޔޮ ކިތަންމެ ގިނަ ފަށް އަޅައިގެން ކެޕްޓަން ނޫން އެއަށްވުރެ މަތީ ނަމެއް ކިޔަސް ގަދަރުވެރިއެއްނޫން..އެނގޭތަ؟ ގުރުއާންގައި އަންގަވާފައިވަނީ މައިންބަފައިންނާއި ދިމާލަށް އުފްވެސް ނުކިޔަން. އަލް އިސްރާ ސޫރަތް ނިކަން ރަގަޅަށް މާނައާއެކު ކިޔާބަލަ. އޭރުން އުޅެން ދަސްވާނެ.......ގުރުއާނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތަން އަމުރުކުރައްވާފައިވާއިރު ހިތަށް އެރިހާ އެއްޗެއްނު ތި ގޮވައިލީ. ތިމާއަށް ތިިހިސާބަށް އާދެވުމުގައި މަންމައަކު ކުރި ބުރަ މަސައްކަތް ހަނދާން ނައްތާލި މީހަކަށް އަންހެނަކަށް ކުރެވޭނީ ކޮން ގަދަރެއް............އަހަރެން އިރާދަކުރެއްވިއްޔާ މުރުތަސިމްގެ އަމިއްލަ ގެއަކަށް ނުވަންނާނަން.."

މުރުތަސިމްގެ ހިތަށް އެ ޖުމްލަތަކުން އަސަރުތަކެއްކުރިކަން ޔަގީނެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް އޭނަ ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރީގައި ހުރި އެލީޒީ ފެނުމާއެކު މޫނުމަތީގައި އެތިފަހަރެއްނުޖެހުނީ ހަމަ ކިރިޔާއެވެ.

"ﷲ ގަންދީ ހުވާކޮށްފައި ބުނެފާނަން. އަހެދް އެ ހަދަނީ ދޮގު. އަހަރެން ދުވަހަކުވެސް މަންމައާއި ހުތުރުބަހުން ވާހަކައެއް ނުދައްކަން. އޭނަ....އޭނަ އުޅެނީ އަހަރެމެން ދެމީހުން ދޭތެރެއަށް ވަންނަން..މަކަރުވެރި އަންހެނެއް...ސިމް..އައި ސްވެއާ..."

"ދުރަށް ދޭ....ނޫނީ......"މުރުތަސިމް ގޮށްމުށްކަވާފައި ވީއްލާލި އެތިފަހަރު އެރީ ފާރަށެވެ. އެލީޒީ ގަންނާކުރެއްވި ބިރުން އެއްފަރާތަށް ޖެހުނެވެ. މުރުތަސިމްގޮސް ވެއްޓިގަތީ އެނދަށެވެ. މަންމައާއި އެހެން ވާހަކަދެއްކުނުކަމަށްޓަކާ އަމިއްލަ ނަފުސްދެކެ ރުޅިއާދެވުނެވެ. ލަދުވެތިވިއެވެ. އޭނައަކީ ހަގީގަތުގައިވެސް އެހާ ނުބައި މީހެއްހެއްޔެވެ؟ އަހެދް ބުނިހެން އޭނަގެ ގަދަރު ވެއްޓި އަގެއްނެތްފަދަ އިހުސާސް ކުރެވުނެވެ.

އަހެދްވެސް ޒަހްރާ ގާތު އޭނަ ދާ ވާހަކަ ބުނަންވެގެން ޓަކި ދިނެވެ. އެކަމަކު ދޮރު ނުހުޅުވުމުން ނަމާދަށް ވަނީކަމަށް ހީކޮށް ގަޑި ބަލާލާފައި ހިނގައިގަތެވެ.

ހަވީރުވީއިރުވެސް ދޮރު ނުހުޅުވާ ހުރުމުން އެންމެންގެ ސަމާލުކަމަށް އެވާހަކަ ގެނައީ އަބީރުއެވެ."މެޑަމް މެންދުރު ނުކަނީ...ތިނެއް ޖަހައިފި...."

"ކަލެއަށް ތިވާހަކަ ބުނަން އެނގުނީ މިހާރުތަ؟" މާހްޒަބީން އެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ އަހެދްވެސް އެގެއަށް އައި ވަގުތުގައެވެ.

"ޒަހްރާއްތަ އަށް ގުޅީމަ ފޯނު ނުނެގީމަ މިއައީ...ހަނދާންނެތިގެން ޕާސް ބާއްވާފައި ދެވުނީ. އެބަލާ މިއައީ......."

"އޭރުއްސުރެ ދޮރު ތަޅުލާފައި މިހިރީ.." އަހެދްއާއި މާހްޒަބީން އަދި އެންމެން ގޮވާ ޚަބަރެއްނުވުމުން މުރުތަސިމްވެސް އައެވެ. އެންމެފަހުން ދޮރުގެ ތަޅު ހަލާކުކޮށްލާފައި ވަންއިރު ޒަހްރާ އޮތީ ތަޅުން މަތީގައެވެ. ލޮލުގެ ކަޅި އެއް ދިމާލަކަށް ހުއްޓިފައެވެ. ނޭވާލުމުގައި އުދަގޫގޮތެއް ހުއްޓެވެ. މުރުތަސިމް މަންމައާއި ދިމާލަށް ދުއްވައިގަތްއިރު އެހެން އެންމެންވެސް ވަށައިގެން ބޮނޑިވެލިއެވެ.

އަހެދްއަށް ކަމުގެ ހުރި ސީރިޔަސްކަން ރޭކާ ލުމާއެކު ވަގުތުން އެމްބިއުލެންސްއަށް ގުޅިއިރު މުރުތަސިމް އޭނަގެ މަންމަގެ މޫނުގައި އަތް ޖައްސާފައި ލޯ ހުޅުވަން އެދެމުން ދިޔައެވެ. އޭނަގެ ކަރުނަތަކުން ޒަހްރާގެ މޫނު ތެމެނީއެވެ. އަހެދްވެސް ޖެހި ބުދެއްހެން ގަނޑުވެފައި އެއްފަރާތުގައި ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ނޫނެކެވެ. މިއީ ހަގީގަތެއް ނޫނެވެ. ހުވަފެނެވެ. އޭނައަށް ބާބިލްގެ ނަމްބަރަށް ގުޅުނެވެ. ބާބިލް ގާތު ޒަހްރާގެ ހާލަތު ބުނެދޭންވެގެން އަނގަ ހުޅުވިނަމަވެސް އަޑު ބޭރުނުވިއެވެ.

"މަންމާ..ކިހިނެއްވެފައި ތިއޮތީ؟ އައިމް ސޯ ސޮރީ..އަހަރެން އެހެން ބުނި އެއްޗެއް ނޫން......އައިމް ސޮރީ......މަންމާ ޕްލީޒް ލޯ ހުޅުވަބަލަ..އެއްޗެކޭ ބުނެބަލަ....."

"ސިމް...މަންމައަށް އޯކޭވާނެ އިންޝާﷲ..ހިތްވަރުކުރޭ...ހެޑް އިންޖަރީއެއްހެން ހީވަނީ...."ކޮންމެވެސް މީހެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. އެއީވެސް އަޑުގަދަވެގެން އެގެއަށް އައި އަވަށްޓެރިއެކެވެ. އޭނަ މުރުތަސިމް ތެދުކުރަން މަސައްކަތްކުރިއެވެ.

އެމްބިއުލެންސް ސައިރެންގެ އަޑު އިވުމާއެކުހެން ޕެރެމެޑިކް މީހުން ސްޓްރެޗާ ހިފައިގެން އައިގޮތަށް އަވަސްފަރުވާދޭން އުޅެގަތެވެ. މުރުތަސިމް ހިނގައިގަތީ ރޮބޮޓެއްހެންނެވެ. ހަށިގަނޑަށް ބަރުވެ މޮޅިވެރިކަމުންގޮސް ހަށިގަނޑުގެ ހަކަތަ އެއްކޮށް ހުސްވެފައެވެ.

***

ހޮސްޕިޓަލަށް ޒަހްރާ ގެންދެވުނުކަން އެނގުމާއެކުހެން އާއިލާގެ އެތައް ބަޔަކާއި އެކުވެރިން އަދި ދަންނަ މީހުން އެތަނަށް އެއްވިއެވެ. ޒަހްރާއަށް ވެގެން އުޅޭގޮތް އެނގުނީ ޑޮކްޓަރ ނިކުމެ އާއިލާއަށް ހާލަތު އޮޅުން ފިލުވާދިނުމުންނެވެ.

"ބްރެއިން ބްލީޑްއެއް...ވަރަށް ބޮޑުވަރުވެފައި......ސާޖަރީ ހެދިޔަސް މިހާރު މިއޮތް ހާލަތަކަށް ބަދަލެއް ނާންނާނެހެން ހީވަނީ....."

އެއީ "ވެލްވެޓް މެންޝަން"ގެ ތާރީޚު ދުށް އެންމެ ކަޅު ދުވަހެވެ. އެންމެނަށް ލިބުނު ޝޮކުގައި ހަދަންވީގޮތް ނޭގިތިބިއިރު އެެހެން ޑޮކްޓަރުންގެ ޚިޔާލު ހޯދުމުގެ މަސައްކަތްފެށިއެވެ. ޒަވިއާރުއާއި އަލްބާންވެސް އިނގިރޭސި ވިލާތާއި އެމެރިކާގެ އެންމެ މޮޅު ޑޮކްޓަރުންގެ ލަފާ ހޯދިއެވެ. ނަމަވެސް ލިބުނީ ނާއުއްމީދީ ޖަވާބެވެ. އެންމެން ލަފާދިނީ ދުޢާކުރުމަށެވެ. އެހާ ގިނައިން ސިކުނޑިއަށް ލޭ އެޅިފައިވާއިރު ދުރު ދަތުރުކުރުން ރައްކާތެރިކަމަކަށް ނުވެއެވެ. މެޑިކަލް ހިސްޓްރީ ބަލައިލިއިރު ދެހަފްތާކުރިން ކްލިނިކަކަށް ދައްކައިގެން ލޭތުނިކުރަން އެހެން ބޭހެއް ފަށާފައިވާކަން އެނގުނެވެ. ޒަވިއާރުއަށްވެސް މަންމަ އެބޭސް ކާކަމެއް ކުރިއަކުން ނޭގުނެވެ. އެކަން އެނގުނުނަމަ އޭނަ އެ ހުއްޓުވީހެވެ. އެފަހަރު މަންމަ ގޮވައިގެން ޑޮކްޓަރަށް ދިޔައީ އަބީރުއެވެ. ބޭސްދެނީވެސް އޭނައެވެ. އެކަމާއިމެދު ސުވާލުކޮށް އެކަކު އަނެކަކު ކުށްވެރިކުރުމުގެ ބަދަލުގައި އެންމެންވެސް އުއްމީދުކޮށްގެން ތިބީ ކޮންމެވެސް ކަހަލަ ކަރާމާތަކުންވެސް މަންމަ ސަލާމަތްވާނެކަމުގައެވެ. ޒަވިއާރު ފިޔަވައެވެ. އޭނައަށް މަންމަގެ ސީޓީ ސްކޭން ފެނުމާއެކު މަންމަ ސަލާމަތްވުމަކީ ނާދިރުކަމެއްކަން އެނގުނެވެ. ވަގުތުން ޓިކެޓް ނަގައިގެން މާލެ އަންނަން ނިންމިއެވެ.

***

ސިންގަޕޫރަށް ގެންދާން ހުރިހާ ތައްޔާރީތަކެއްވެފައި އޮތްވާ ޒަހްރާ ނިޔާވީ އެންމެން ގަނޑުކޮށް ހިތްތައް ރޮއްވާލާފައެވެ. ލޯ މަރައިލިގޮތަށް އަލުން ލޯ ހުޅުވުމެއް ނެތިއެވެ. ވަދާއުގެ ސަލާމްކުރާނެ ފުރުސަތެއް ނުދީއެވެ. އެންމެ ގަދަޔަށް ރޮއި ހަޅޭއްލެވީ މުރުތަސިމްއެވެ. އޭނަގެ މަންމަގެ ގައި މައްޗަށް ވެއްޓިގަތްގޮތަށް ދުރުކޮށްލެވުނީ އެތައް އުދަގުލުންނެވެ. ތަކުރާރުކޮށް މަންމައާއި ޝަކުވާކުރަމުން ދިޔައީ ކުއްލިއަކަށް ވަކިވީތީއެވެ. އޭނަ އެތައް ފަހަރަކު މާފަށް އެދުނެވެ. ވީނުވީއެއް އެހެން ބަޔަކަށް ނޭގުނަސް މުރުތަސިމްގެ ހިތާމަ އެންމެ ބޮޑަށް އިހުސާސްކުރެވުނީ އަހެދްއަށެވެ.

މުރުތަސިމް އޭނަގެ މަންމައާއި ދިމާލަށް އެންމެ ފަހުން ބުނެލި ޖުމްލަވެސް ސިކުނޑީގައި ހަރުލާފައިވިއެވެ."މަންމަ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރީ..." އެފަދަ ރަހުމްކުޑަ ހިލަ ބަސްތަކުން މުރުތަސިމްގެ މަންމަ އެކަމާއި މާބޮޑަށް ހިތާމަކޮށް ހިތުގައި ޖެހުނީކަމަށް ވެދާނެއެވެ. އެ ހާދިސާއެއް ހިނގީ ހަމަ އެވަގުތު އެތެރެއަށް ވަދެ ކޮޓަރި ތަޅުލިގޮތަށްކަން ޔަގީނެވެ. ތަޅުންމައްޗަށް ވެއްޓިފައި އޮތްތަނުގެ ގޮތުން އަހެދްއަށް އެކަން ޔަގީންވިއެވެ. މުރުތަސިމްގެ ހަރުކަށި އަނިޔާވެރި ލަފުޒުތަކުން އެމަންމަގެ ނާޒުކް ހިތަށް ކުޅަދާނަނުވީއެވެ.

***

"ދަ އޮންލީ ވޭ ޓު ސްޓޮޕް ދަ ޕެއިން އިން ޔޯ ލައިފް އިޒް ޓު އެކްސެޕްޓް ދަ ފެކްޓް ދެޓް ނަތިން އިޒް ޔޯސް، ނަތިން ވޯޒް ޔޯސް، އެންޑް ނަތިން ވިލް އެވާ ބީ ޔޯސް، ދޭ އާ ވޯލްޑްލީ އެޓޭޗްމެންޓްސް ގިވެން ބައި ﷲ، ބިލޯންގިން ޓު ﷲ، އެންޑް ރިޓާނިން ބެކް ޓު ﷲ........." ފޯނުގެ ޑިސްޕްލޭގައި އިނގިރޭސިބަހުން އިން އިބާރާތްކޮޅު ފެނުމާއެކު އޭނަގެ ލޮލުގައި ގިނަވަމުން ދިޔަ ކަރުނައިގެ މުތީތައް އޮހިގަންނާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ސަހަރާގައި ހުރި މަހާނައަކާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މަރަކީ ކިހާ ގާތުގައިވާ އެއްޗެއްކަން ވިސްނުމާއެކު މޭގައި ފިރުމައިލެވުނީ ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. "ޔާ ﷲ ފޮގިވް މީ.......ފޮގިވް މީ....އައިމް އެ ސިނާ..މިބޮޑު ފާފައިން އަރައިގަންނާނީ ކިހިނެއް؟ ދުވަހަކުވެސް ސަލާމަތްވާނެ ކަމެއް ނޭގޭ. އެއަށްވުރެ ބޮޑު ކުށެއް ކުރެވުނީ..ފާފައިގެ ސަޒާ ލިބުން ހައްގު...ދާއިމަށް އަޒާބުލިބޭނީ މިފަދަ ފާފަވެރިންނަށް.. އަހަރެންގެ ސަބަބުން މަންމަ ދުނިޔެ ދޫކުރީ. މިދުނިޔެއިންވެސް އެއްވެސް އުފަލެއް ބޭނުމެއްނޫން..މިއީ ފާފަވެރިއެއް...ނުލަފާ މީހެއް.........."

މުރުތަސިމް ރޮމުން މަހާނަ ކައިރީގައި ކުޑަކަކޫ ޖެއްސިއެވެ.

"ސިމް...ތިހެން އުޅުނީމަ މަންމައަށް އަސަރުކުރާނެ..ޔޫ ހޭވް ޓު ބީ ސްޓްރޯންގް...." ކައިލް މުރުތަސިމް ގެ ކޮނޑުގައި ހިފާ ނެގިއެވެ.

"އަހަރެން މަންމަ މަރައިލީ......."

"ސިމް....ކޮންމެ މީހަކަށްވެސް ކުށެއްކުރެވިދާނެ...މަންމަ ދެރަވާފަދަ ކަމެއްކުރެވިފައިވާނަމަ ދެންވެސް ތައުބާވެގެން މަންމައަށް ކޮށްދެވޭނެކަމަކީ ދުޢާކޮށްދިނުން. ތިހެން އަމިއްލަ ނަފުސް ހަލާކުކުރުމުން ސިމްއަށް އަދި މަންމައަށްވެސް ރަގަޅުގޮތެއް ނުވާނެ.."

"ކައިލް އެދުވަހު ބުނި ބަސް ގަބޫލުނުކުރެވުނީ މަގޭ ނުބައިކަމުން. ކައިލް އެދުވަހު ބުނީމެއްނު....މަންމަ އެދުވަހުވެސް ބޮލުގައި ރިއްސައިގެން އެއްވެސް މީހެއްގެ ފޯނަށް ނުގުޅިގެން......."މުރުތަސިމްއަށް މޫނުގައި އަތް އެޅުނެވެ.

"އެވާހަކަ އިހަށް ބާއްވާފައި ހިނގާ ގެއަށް..ހިތާމަވެސް ކުރެވޭނީ ހަށިގަނޑުގައި ހަކަތަ ހުރެގެން.."

"އަހަރެން ކީއްކުރަން ދުނިޔޭގައި ހުންނަންވީ...މަންމައަކީ އަހަރެންގެ ހުރިހާ މީހަކީ....އެކަމަކު....."މުރުތަސިމްގެ ލޮލަށް އަނެއްކާ ތާޒާ ކަރުނަގިނަވިއެވެ. ޝޭޚަކަށް އެ މަންޒަރު ފެނުމުން ދެރަވެގެން އައިގޮތަށް ވިސްނާދޭން މަސައްކަތްކުރިއެވެ. ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައް ކިޔާދިނެވެ. މިދުނިޔެއިން މީހުންނަށް ދިމާވާނީ އެކި އިމްތިހާނުތައްކަމާއި އެއްވެސް އިންސާނަކަށް ހުރިހާ އުފަލެއް ފުރިހަމަނުވާނެކަމަށާއި އަދި ބައެއްފަހަރު ހުރިހާ އުފަލެއް ފުރިހަމަވާއިރު އިމްތިހާން ކުރިމަތިވާނެކަމާއި ހުރިހާކަމަކަށް އޮތް ހައްލަކީ ކެތްތެރިކަމާއި ﷲތައާލާއާއި އޮތް ގުޅުން ރަގަޅުކުރަން މަސައްކަތްކުރުން ކަމުގައި ބުނެދިނެވެ. މުރުތަސިމް ކައިލްގެ ކޮނޑަށް ލެނގިލައިގެން ހުރިއިރު އެލޮލުން ފެނުނީ ހިތްދަތިކަމާއި މޮޅިވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ.

"އަހަރެންގެ ސަބަބުން މަންމަ މަރުވީ......"

"ކޮއްކޯ....ހިތްވަރުކުރަންވާނެ. އެންމެނަށްވެސް މިދުވަސް އަންނާނެކަން ޔަގީންވޭ...ލޯބިވާ އެންމެންވެސް ވަކިވާނެ..ގުރުއާނުގައި ކޮންމެ ނަފުސަކަށް މަރުގެ ރަހަ ލިބޭނެކަމަށް އަންގަވާފައިވޭ. އެއީ އެންމެންނަށްވެސް ފެންނަ ހަގީގަތެއް. މުއްސަދިކަމާއި އާރާއި ބާރު ލިބިގެންވެސް އެއްވެސް އިންސާނަކަށް މަރު ނުހުއްޓުވޭ....ސަބަބަކީ މިއީ ހަގީގީ މަންޒިލެއްނޫން. އަނެއް ދުނިޔެ ހުރިހާގޮތަކުން ރަގަޅުވާނެކަމަށް ﷲ ތައާލާ އަންގަވާފައިވޭ. އިންސާނުންނަށް އެކަން ނޭގެނީ...މި ދުނިޔެއިން އެންމެނަށް ކުރިމަތިވާނީ ހިތާމައާއި ހިތްދަތިކަން. .ﷲއަކީ ހުރިހާ ފާފައެއް ފުއްސަވާ ރަހުމާންވަންތަ ރަހީމް ވަންތަ..ޝިރުކުކުރުން ފިޔަވާ ހުރިހާ ފާފައެއް ފުއްސަވާދެއްވާ.ﷲގެ ރަހުމަތުން މާޔޫސްނުވޭ......."

މުރުތަސިމް ލޯ މަރާ ތަގުޅިކޮށްލިއިރުވެސް ސިކުނޑީގައި އެނބުރެމުން ދިޔައީ ކުށްވެރިކަމުގެ އިހުސާސެވެ. ކައިލް އޭނައަށް ވިސްނާދީގެން ގެންގޮސް ކާރަށް އަރުވަން ދޮރު ހުޅުވައިލިއިރު ދުރުން އިވުނު ހުނުންވެސް އެހެން ޔުނިވާސްއަކުން އިވުނު އަޑެއްފަދައެވެ.

"މަންމަގެ މާފު ނުލިބި ކިހިނެއް ދުނިޔޭގައި އުޅޭނީ؟"

"ސިމް. މަންމަ ބޭނުމެއްނުވާނެ ސިމްގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް އޮހޭތަން ބަލަން.......މަންމަ ވަރަށް ލޯބިވި މަންމަގެ ދަރިންދެކެ...އަހަންނަށް ކޮންމެ ދުވަހަކު އެކަންތައް ފެނިފައި ހުރީ...އަހަރެން މިއީ މަންމަގެ އުފަން ދަރިއެއްކަން އިހުސާސްވިޔަނުދޭ. އަމިއްލަ ދަރިއެއްފަދައިން ލޯބިދިން....އެހެންވީމަ ސިމްވެސް މިއަދު މަންމައަށްޓަކާ ކޮށްދޭންވީ ކަމަކީ ދުޢާކުރުން. ވަރަށްގިނަ ދަރިން ނުކިޔަމަންތެރިވެ ޖަދަލުކޮށް ބަސްބުނެ ހަދާ. އެކަމަކު މައިންބަފައިން މާފުކޮށްދޭ... އަހަރެން ނުބުނާނަން މަންމަގެ ހިތް ނުބައިވާނެއޭ.މަންމައަށް ލިބިފައިވީ ހަމަ ގޯލްޑެން ހާޓެއް މަންމަގެވީ..." ކައިލްގެ ތައުރީފުތަކުން އޭނަގެ ހިތުގައިވާ ވޭން އިތުރުވިއެވެ. މިއީ ނިމުމެއްނެތް ތޫފާނެކެވެ. ލޮލުގެ ފުރަގަހުގައި ގުގުރަމުންދާއިރު ހިތަށް ހޮނުއަޅަމުންދާފަދައެވެ. އޭނަ ދުނިޔެމަތިންވެސް ފޫހިވެއްޖެއެވެ. މާޔޫސްކަމުގެ ސާލެއް އޮޅާލައިގެން އޭނަ ބޭނުންވަނީ އޮތްތަނުން ނުތެދުވެ އޮތުމަށެވެ. އޭނަައަކީ ކުށްވެރިއެކެވެ. ފާފަވެރިއެކެވެ. ދުވަހަކު އޭނަގެ ފާފަ ފޮހެވޭނެހެއްޔެވެ؟

***

ޒަވިޔާރު އެނދުން ތެދުވާނެ ހިތްވަރެއް ނުލިބިފައި އޭނަގެ ފޯނަށް ބަލަހައްޓައިގެން އޮތެވެ. މަންމަގެ އެތައް ކޯލެއް މިސްވެފައެވެ. އޭނަ ގުޅިޔަސް ގިނަަފަހަރު "ބިޒީ"ވެގެން ފޯނު ބާއްވަނީއެވެ. ގިނަފަހަރު އަވަދިނެތި އުޅެގެނެއްނޫނެވެ. މަންމަ ގެ ނަސޭހަތްތަކާއި ދަރުސްތަކަށް ފިލަންވެގެންނެވެ. އޭނަ ޚިޔާރުކުރީ އެންމެ ރަގަޅު ދިރިއުޅުމެއްނޫނެވެ. އެކުވެރިންނާއެކު ސަކަރާތްޖެހުމާއި މަޖަލުގައި އުޅުނުއިރު ނަމާދުކުރަން ހަދާނެއްނުހުރެއެވެ. ޒަވިއާރުއަށް އޭނަގެ މަންމަ ފޮނުވި ފޮޓޯއެއް ހުޅުވާނުލާ ހުރެވުނުކަން އެނގުމުން އެފޮޓޯ ހުޅުވިގޮތަށް އޭނައަށް މޫނުގައި ބާލީސް އެޅުނެވެ.

"އާ ޔޫ އޯކޭ؟" މައިރާއަށް ޒަވިއާރުގެ ހިމޭން ކަރުނަތަކުން އަސަރުކުރިއެވެ. ކައިރީގައި އޮށޯވެ މަޑުމަޑުން އަތް ވަށައިލެވުނީ ސަޕޯޓްދިނުމުގެ ގޮތުންނެވެ.

"އިޓްސް އޯކޭ ޓު ކްރައި..."މައިޜާއަށް މަޑުމަޑުން ބުނެވުނެވެ. އެެތައް އިރެއްފަހުން ޒަވިއާރު ބެލްކަނީގައި ކޮފީއެއް ހިފައިގެން އިންއިރު ލޯ ދުޅަވެ ރަތް އަރާފައެވެ. އެލޮލުންވެސް ފެންނަނީ ނިމުމެއްނެތް ހިތާމައެކެވެ. މަންމައެއްގެ ވަކިވުމަކީ ދުވަހަކުވެސް ހިތުން ނުފިލާނެ ލަކުނެއްކަން އޭނައަށް ޔަގީންވިއެވެ.

"އަހަންނަށް މަންމައާއި އަޅާނުލެވުނީ. މަންމަގެ ބޭސްތަކާއި އެއްޗެހިވެސް...ހުރިހާކަމެއް ގޯސްކޮށް ގޮސްފައި ހުރީ...އެހެންވެގެން ނުވާނެ. ވަރަށް ކަޑަ ބޭހެއް ދީފައި ހުރީ....އަހަންނަށް ބެލުނު ނަމަ.....އަޅާ ލެވުނު ނަމަ.......އަހަންނަކީ ކުށްވެރިއެއް.."

މޮޅިވެރިކަން، ހިތާމަ، އަމިއްލަ ނަފުސް ކުށްވެރިކުރުންފަދަ ކިތަންމެ އިހުސާސްތަކަކީ ލޯބިވާ މީހެއްގެ ވަކިވުމަށްފަހު ސިކުނޑި ކަމުން ދާނެ ޚިޔާލުތަކެވެ. ފުން ހިތާމަ އެކި މީހުންނަށް އިހުސާސްކުރެވި ކުރިމަތިލާނީވެސް އަދި ކެތްކުރުމުގެ ބާރު ހުންނާނީވެސް އެކިވަރަށެވެ. ޒަވިއާރުގެ ލޮލުންވެސް އޮހެމުން ދިޔައީ ހިފެހެއްޓުމެއްނެތް ކަރުނައެވެ.

***

އަލްބާން އޭނަގެ މަންމަގެ ހެދުން މޫނުގައި ޖައްސައިލަމުން ދެލޯ މަރައިލިއެވެ. އެ ހެދުމުގައި ހިފާފައިވަނީ މަންމަގެ މީރުވަހެވެ. ކުޑައިރުއްސުރެން ދެނެ ފަރިތަ ނޭފަތުގައި ހަރުލާފައިވާ ހިތްގައިމު ވަހެކެވެ. އޭނަ މަންމަދެކެ ހިތްހަމަނުޖެހިފައި ހުރެ ފުރައިގެން ދިޔަކަމަށްޓަކާ އަމިއްލަ ނަފުސްދެކެ ރުޅިއައެވެ. މަންމަ އެހާވަރުން އުމްރާގްރޫޕެއް ހަދަން އެދުމުން އެކަންވެސް ކޮށްނުދެވުނީއެވެ. ކިހާ ރަހުމްކުޑަ ހިތެއްހެއްޔެވެ؟ އަލްބާން މަންމަ ފޮތް ކިޔަން އިންނަ ކޮޓަރިއަށްވަދެ ސޯފާގައި އިށީދެލައިގެން އިންއިރު އޭނައަކީ ދުނިޔޭގައިވާ އެންމެ ބޮޑު އެކަނިވެރިޔާކަމުގެ އިހުސާސްކުރެވުނެވެ.

އަބީރު ދޮރުން އެތެރެއަށް ބޯދިއްކޮށްލާފައި ދާން އުޅެފައިވެސް ޚިޔާލު ބަދަލުވިއެވެ.

"ކުޑަ ސާހަބް.."ދެތިން ފަހަރު ގޮވައިލުމުން އަލްބާން އެއިންގޮތަށް އިނދެ މޫނު އަނބުރައިލިއެވެ.

"މެޑަމް ހަދިޔާ ސިޓީ ހަވާލުކުރަނީ....މެޑަމް މަރުވަނީނު އޭގެ ކުރިން ބުނަނީ ކުދިން ފޯނު ނުގުޅެނީ ސިޓީ ލިޔަނީ....ޕޯސްޓްކުރަން އަބީރު ކައިރީ ބުނަނީ........"އަބީރު އެތެރެއަށްވަދެ ފޮތް ހަރުގަނޑުގެ އެންމެ ދުރުގައި ހުރި ފޮތްތައް ހާވަންފެށިއެވެ. ފޮތްތަކުގެ ދޭތެރެއަށް ލައްވާފައި ހުރި ސިޓީތަކެއް ނަގާފައި އޭނަ އަލްބާންގެ އަތަށް ދިއްކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. ކޮންމެ ސިޓީ އުރައެއްގައި ނަން ޖަހާފައެވެ. މަންމަގެ އަތުލިޔުމެވެ. އޭނަގެ ނަން އޮތް ސިޓީއުރަ ކަނޑައިލިއިރު ލޮލުން ކަރުނަ ހިލުނެވެ.މަންމައަށް މަރު ގާތްވިކަން އިހުސާސްވެ ވަސިއްޔަތް ކުރަން ސިޓީތައް ލިޔުނީހެއްޔެވެ؟ ތެޅިތެޅިވާ ހިތަކާއެކު އެ ނިއުޅައިގެން ކިޔަން ފެށުމާއެކު ލޯފުސްވިއެވެ. އޭނަގެ މަންމަ މިހުރިހާ ދުވަހު ފޮރުވާފައިވި "ކަޅު" ސިއްރެއް ވުޖޫދަށް އައީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު