އަބަދު އެއްގޮތަކަށް ކަންކުރުމުގެ ބަދަލުގައި ކަންކަންކުރާ ގޮތަށް ބަދަލުތަކެއް ގެނެވިއްޖެ ނަމަ ނަތީޖާ ބަދަލުކުރެވޭނެ ކަމަށް, ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2023 - 2024ގެ އިނާމުދިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ރޭ ވާހަކަ ދައްކަވަމުން, މިސާލެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ އަބަދު މުށި މަސް ބާނަށް ދާނަމަ އަބަދު ބޭނޭނީ މުށި މަސް ކަމަށާއި، ނަމަވެސް އެ ބާނާ މުށިމަސް ހިފައިގެން އެހެންދިމާއަކަށް ނުކުމެއްޖެ ނަމަ ތަފާތު އެހެންވައްތަރުތަކުގެ މަސް ބޭނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެ ވިދާޅުވި ވާހަކަ ތިލަ ކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ތަޢުލީމީ ނަތީޖާއަށް ވެސް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާ ގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާކޮށްގެން ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ ތައުލީމީ ގައުމީ މަންހަޖުގެ ތަސައްވުރަކީ ސުކޫލު ނިންމައި ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުންކަން މިނިސްޓަރު ހަނދާން ކޮށްދެއްވިއެވެ. އެ ދަރިވަރުންނަކީ އިސްލާމީ އަގީދާ ވަރުގަދަ، އަމިއްލަ ވަންތަކަމާއި ދިވެހި ގައުމިއްޔަތު ދަމަހައްޓާ، ގާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދައިދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އުނގެނުމާއި ހޯދާބެލުމަށް ޝައުގުވެރިވާ، އިލްމު އުފައްދާ، ކާމިޔާބު ފަރުދަކަށް އެ ދަރިވަރުން ހަދައިދޭންޖެހޭ. އަދި ތިމާގެ އާއިލާއާއި، މުޖުތަމައާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާއަދާކުރާ، އުފެއްދުންތެރި އަދި ޒިންމާދާރު ފަރުދަކަށް ހަދައިދޭންޖެހޭ," ޚިދުމަތުގެ ގިނަ ދުވަސްތައް ތައުލީމީ ދާއިރާގައި ހޭދަ ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވިއެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2023 އަދި 2024ގެ ސާނަވީ ބައިން ބެސްޓް އޯލް ރައުންޑްގެ މަގާމު ރޭ ހާސިލްކުރީ ޢާއިޝަތު ޝަހާ ޝަމްޢޫނެވެ. މަތީ ސާނަވީ ބައިގެ ބެސްޓް އޯލް ރައުންޑަކީ މުޙައްމަދު މަނޫން ފާއިޒެވެ.