ނިމިދިޔަ ހަފުތާގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ބިޒުނަސް ފޯރަމެއް ބާއްވާފައިވާއިރު, އެ ގައުމުން ރާއްޖެއަށް އިންވެސްޓަރުން ގެނެވޭނެ ގޮތެއް, ވިސްނިވަޑައި ނުގަންނަވާ ކަމަށް, އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ, ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވިއެވެ.
ދުވިސައްތައަށްވުރެ ގިނަ އިންވެސްޓަރުންނާއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރަމް ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ފޯރަމަށް ފަހު, ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއޫއެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ އެ ބިޒްނަސް ފޯރަމަކީ ރާއްޖޭގައި އިންސްޓުކޮށްގެން ތިބި ފަރާތްތަކަށާއި ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތަކެއް ފަހިވެގެންދިޔަ ފޯރަމެއް ކަމަށެވެ.
މި ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތަކާއި އަދި ދިވެހި ސަރުކާރުން އިންވެސްޓަރުންނަށް ދޭ ލުއިތަކާ ގުޅޭ މައުލޫމާތު އެ ގައުމުގެ އިންވެސްޓަރުންނަށް ދީފައެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރިއަށް ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ފުރަތަމަ މަޝްރޫއުކަމަށްވާ, 100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއާއި، ހިންގުމުގެ ދާއިރާއިން އެހީތެރިވުމާ ގުޅޭ އެއްބަސްވުމެއް ވަނީ އެ ގައުމާއެކު ގާއިމުކޮށްފައެވެ.
ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ދެއްކެވި ވާހަކަފުޅުގައި މި ދަތުރުފުޅަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

ކުރީގެ ރައީސް ޔާމީން: --- ފޮޓޯ/ ޗެނަލް13
ޔާމީން ސުވާލު އުފެއްދެވީ، ސިންގަޕޫރަކީ އިންވެސްޓްމެންޓްތައް ވަރަށް ވާދަވެރިކޮށް ކުރިއަށްދާ ގައުމެއް ކަމަށްވާއިރު އެ ގައުމުން ރާއްޖެއަށް އިންވެސްޓަރުން ގެނެވޭނީ ކިހިނެއްތޯއެވެ. އަދި ބޭރު ދަރަނި ބޮޑުވެފައިވާ މި ގައުމަށް ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ދަށް ރޭޓިންއެއް ދީފައި ވުމުން ރާއްޖެ މިހާރު އޮތީ ވެސް އިންވެސްޓަރުން ގެނެވޭ ހާލަތުގައި ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މިހާރު ސިންގަޕޫރަށް ގޮސް އިންވެސްޓަރުން ހޯދޭނެ ކަމަށް، މިއީ ދެން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ މުހާވިރާ ބަހެއް މިއީ ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް.." ޔާމީން ވިދާޅުވިއެވެ.
"ސިންގަޕޫރު މިހާރު އެ މީހުންގެ ޕްލޭން ހަދާފައި އޮތީ 2050އާ ހަމައަށް. އަޅުގަނޑުމެން ބެކްސްލައިޑް ކޮށްގެން މި އުޅެނީ އެހެންވީމަ މިތަނަށް ކީއްކުރަންތޯ ސިންގަޕޫރުގެ އިންވެސްޓަރުން އަންނަންވީ އަޅުގަނޑަށް ހަމަ ނުވިސްނޭ ކިހިނެއް ކަމެއް ސިންގަޕޫރު އިންވެސްޓަރުން މިތަނަށް ގެންނާނީ."
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން އިންވެސްޓަރުންނަށް ލުއި ދޭނެ ކަމަށް ބުނި ނަމަވެސް ސަރުކާރުގެ ފިސްކަލް ޕޮލިސީއަށް ބޭރުގެ ތާއީދެން ނެތް ކަމަށާއި، ވިޔަފާރީގެ މުއާމަލާތްތަކުގެ ކޯޓަށް ދިޔަޔަސް އެ މައްސަލައެއް 'ތަޅުއެޅުވޭނީ'ކަން އިންވެސްޓަރުންނަށް އެނގޭ ކަމަށެވެ.
"ސިންގަޕޫރު އިންވެސްޓަރުން އެބައުޅޭ މިތާ ޓުއަރިޒަމް ދާއިރާގައި، ގެސްޓްހައުސް ދާއިރާގައި އެބައުޅޭ. އެހެންވީމަ އެއީ ވަރަށް ފަރިތަ، ސިންގަޕޫރު މީހުންނަކީ ދިވެހިރާއްޖޭގައި މިއޮތް އިންވެސްޓްމެންޓް ވެއްޓާ ވަރަށް ފަރިތަ ބައެއް، އެތަނަށް ގޮސް މި ކިޔައިދެނީ ދިވެހިރާއްޖޭގައި މިއޮތީ ފަހި ނިޒާމެކޭ އިންވެސްޓްކުރަން،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ސިންގަޕޫރަކީ ޑިވެލޮޕްމެންޓް އެސިސްޓެންސް ނުވަތަ ތަރައްގީގެ މަސައްކަތްތަކަށް އެހީ ދޭ ބަޔެއް ނޫން ކަމަށާއި ފަންނީ އެހީ ފޯރުކޮށްދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ނަމަވެސް މި ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ޔާމީން ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޚާއްސަކޮށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށެވެ.