ދިވެއްސަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭ ގެއެއްގައި މީހަކު ރަހީނުކުރި މީހާ: އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ---- ފޮޓޯ/ ފުލުހުން

މާލޭ ގެއެއްގެ ތެރޭގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ހިފަހައްޓައި، އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގޭ އުމުރުން 48 އަހަރުގެ އިބްރާހީމް ސައީދެވެ.

ފުލުހުން އިއްޔެ، ބުނީ މާލޭ ގެއެއްގައި ހުއްދަ ނޫން ގޮތުގައި 44 އަހަރުގެ މީހަކު ހިފަހައްޓައި، އަނިޔާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ބުދަ ދުވަހު އެ ޚިދުމަތަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ކުރި މަސައްކަތުން، އަނިޔާ ލިބުނު މީހާ ހުރިތަން ހޯދުމަށްފަހު، ފުލުހުން ވަނީ އިއްޔެ އެ މީހާ ސަލާމަތްކޮށްފައެވެ. އަދި އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި، އިބްރާހީމް ސައީދު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ.

ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެނެސްގޮސްފައެވެ. އެ މީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭގެފަހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ގެންދަނީ މި މައްސަލަަ ތަހުގީގު ކުރަމުންނެވެ.

މިއީ މިފަހުން ފެންމަތިވި މިފަދަ ދެވަނަ މައްސަލައެވެ. އެގޮތުން، ހުއްދަ ނޫން ގޮތުގައި މާލޭގެ ގެއެއްގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓެއް، އިއްޔެ ހެނދުނު 06:00 ހާއިރު ވެސް ފުލުހުންނަށް ލިބުނެއެވެ. އެ ރިޕޯޓާ އެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެ މީހާ ސަލާމަތް ކުރިއެވެ.

ފުލުހުން ބުނީ އެއީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް