މޯލްޑިވިއަންގެ އެތެރޭގެއާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި، ފްލައިޓުމަތީ ޕަވާ ބޭންކު ބޭނުންކުރުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މަނާވާނެކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.
މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލޭންޑް އޭވިއޭޝަނުން މިއަދު ބުނީ ޕަވާ ބޭންކުތައް އުފުލުމުގައި ހުރި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން، މޯލްޑިވއަންގެ ހުރިހާ މަތިންދާ ބޯޓުތަކެއްގައި ވެސް ޕަވާ ބޭންކު ބޭނުންކުރުން އާދިއްތަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ.
އެއީ ދަތުރުކުރާ ފަސިންޖަރުންނާއި، ފަޅުވެރިންނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އެޅި ފިޔަވަޅެއްކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ކޮންމެ ފަސިންޖަރަކަށް ވެސް ގިނަވެގެން ގެންދެވޭނީ ދެ ޕަވާ ބޭންކު ކަމަށާއި، ބޯޓަށް އަރުވަން ހުއްދަ ދޭނީ ޕަވާ ބޭންކަކީ 100Wh ވުރެ މަތި ނޫން ކެޕޭސިޓީއެއްގެ ޕަވާ ބޭންކަކަށް ވާނަމަ ކަމަށެވެ.
މޯލްޑިވިއަނުން ވަނީ ޕަވާބޭންކު ބޯޓުގައި ބަހައްޓަންވީ ތަންތަނާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައެވެ. އެގޮތުން ޕަވާބޭންކު ހުންނަންވާނީ މަތިންދާބޯޓުގެ ތެރޭގައި، އަމިއްލަ ހަށިގަނޑުގައި، ނުވަތަ ގޮނޑީގެ ޖީބުގައި، ނުވަތަ ގޮނޑީގެ ދަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ގޮނޑީގެ މަތީގައި ހުންނަ ރެކުތަކުގައި ބެހެއްޓުން މުޅިން މަނާ ވާނެ ކަމަށާއި، ޗެކްކުރާ ދަބަހުގައި ގެންދިއުން ވެސް މުޅިން މަނާވާނެ ކަމަށް ބުންޏެވެ.
މަތިންދާބޯޓުގައި ދަތުރުކުރަމުންދާއިރު، ޕަވާ ބޭންކު ބޭނުންކޮށްގެން އެއްވެސް ވަސީލަތެއް ޗާޖުކުރުން ނުވަތަ ޕަވާ ބޭންކު ޗާޖުކުރުން ވެސް މަނާވާނެއެވެ.
ޕަވާ ބޭންކުތައް ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލްކޮށް އެކްޓިވޭޓްވުން ހުއްޓުވުމަށް ޓަކައި، މި ތަކެތި ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި، ނުވަތަ އެ ނޫން ވެސް ގޮތަކަށް އިންސިއުލޭޓްކުރެވިފައިވާ ޓާމިނަލްތަކާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މިސާލަކަށް، ހާމަވެފައިވާ ޓާމިނަލްތަކުގައި ޓޭޕް އަޅައިގެން ނުވަތަ ކޮންމެ ވަސީލަތެއް ވަކި ޕްލާސްޓިކް ކޮތަޅެއްގައި ނުވަތަ ރައްކާތެރިކަން ދޭ ޕައުޗެއްގައި ބަހައްޓައިގެންނެވެ،" އެ ކުންފުނިން ބުންޏެވެ.
މި ފަހުން ބައިނަލްއަގްވާމީ ބައެއް އެއާލައިންތަކުން ވެސް ވަނީ ޕަވާ ބޭންކު ބޯޓުގައި ބޭނުންކުރުން މަނާކޮށްފައެވެ.
އެގޮތުން ސިންގަޕޫރު އެއާލައިންސް (އެސްއައިއޭ) އާއި އެ އެއާލައިންގެ ބަޖެޓް އެއާލައިން ސްކޫޓްއިން ދަތުރުކުރާ ފަސިންޖަރުން، ދަތުރުގެ ވަގުތުގައި ފޯނާއި އެ ނޫން ވެސް އާލާތްތައް ޗާޖް ކުރުމަށް ޕަވާ ބޭންކު ބޭނުން ކުރުން މިދިޔަ އެޕްރީލް އެކަކުން ފެށިގެން މަނާކޮށްފައެވެ.
ޓައިވާންގެ އެއާލައިނެއް ކަމަށްވާ އީވީއޭ އެއާގެ ފްލައިޓްތަކުގައި ވެސް ޕަވާ ބޭންކް ބޭނުންކުރުމާއި ޗާޖުކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ފަސިންޖަރުން ބޯޓަށް އެރުމުގެ ކުރިން ހުރިހާ އާލާތްތަކެއް ޗާޖު ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ތައި އެއާވޭސް އިން އިއުލާންކޮށްފައި އޮތް ގޮތުގައި މި އަހަރުގެ މާޗް 15 އިން ފެށިގެން އެ އެއާލައިންގެ މަތިންދާބޯޓުގައި ޕަވާ ބޭންކް ބޭނުންކުރުން މަނަލެވެ.
މި ފިޔަވަޅު އަޅާފައިވާ އެހެން އެއާލައިންތަކުގެ ތެރޭގައި އެއާ އޭޝިއާ، ތައި އެއާވޭސް، ސްޓާލަކްސް އެއާލައިންސް، ޓައިގާއެއާ ޓައިވާން އަދި ޗައިނާ އެއާލައިންސް ހިމެނެއެވެ.