ތެލަސީމިއާ ބަލި ހުންނަ ކުދިންނާއި މީހުންނަށް ޚިދުމަތްދޭ މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ.
އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ވަނީ އެމްބީއެސްއަށް ހޮޓްލައިނެއް ހަމަޖައްސާފައިވަނީ، ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމުގެ މަގުސަދުގައި ކަމަށެވެ. އެ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ޚިދުމަތުން ބުންޏެވެ.
އެމްބީއެސްއިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8:00އިން 21:00އަށް ޚިދުމަތްދެއެވެ. އެގޮތުން އެކި ޚިދުމަތްތައް އެކި ގަޑިތަކުގައި ލިބެން ހުންނައިރު، ޑޮކްޓަރަށް ދެއްކުން އޮންނަނީ 8:00އިން 20:30އަށެވެ. އަދި ތެލަސީމިއާއަށް ސްކްރީން ކުރުން އޮންނަނީ 8:30އިން 13:00އަށް ކަމަށްވާއިރު، ލޭ ހަދިޔާ ކުރުމަށް 8:00އާއި 19:45އާ ދެެމެދުގެ ގަޑިތަކުގައި ދެވޭނެއެވެ.
ވަރަށް ގިނަ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް މިދިޔަ މެއި މަހު ވަނީ ބަދަލުކޮށްފައެވެ.
އެ ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އެ ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވާއިރު، ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވެސް ހުރެއެވެ. އަދި އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑެއް ވެސް ގާއިމުކޮށްފައިވެއެވެ.
މީގެ އިތުރުން ބަލިމީހުންނަށް ބޭނުންވާނެ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދޭ ކައުންސެލިން ރޫމެއްވެސް އެ ސެންޓަރުގައި ގާއިމުކޮށްފައިވެއެވެ.
ހެލްތު މިނިސްޓްރީއާއި އެމްބީއެސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 2023ގެ ނިޔަލަށް އެ ޚިދުމަތުގައި ރެޖިސްޓާކޮށްފައިވާ، ތެލަސީމިއާ ބަލި ހުންނަ މީހުންގެ އަދަދަކީ 659 އެވެ.