ދިވެހީން ބާނާ މަސް، ރޯމަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އެ މަސް ޕްރޮސެސް ކުރަންވީ ރާއްޖޭގައި ކަމަށާއި ނޫންނަމަ ރާއްޖެ އޮންނާނީ ފަގީރުކަންމަތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭން ބާނާ ކަނޑުމަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު މިއަދު ވަނީ ތައްޔާރުކޮށްފައެވެ.
ރާއްޖޭގެ މަހުން ދަޅުމަސް އުފައްދާފައިވަނީ ޗައިނާގެ ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސް ކޯ ލިމިޓެޑް ކުންފުނިންނެވެ.
ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ، އެ ކުންފުނިން ދިވެހި ކަނޑުމަސް ކާމިޔާބު ކަމާއެކު ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ތައްޔާރުކޮށްފައިވާތީ މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުމަށް ލިބުނު ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތާޒާ މަސް އެކްސްޕޯޓްކޮށް، އެހެން ފަރާތްތަކަށް އޭގެން ޕްރޮޑަކްޓް އުފެއްދުމުގެ ފުރުސަތު ދެމުންގެންދާނަމަ، ރާއްޖެ އޮންނާނީ ފަގީރު ގައުމެއްގެ ގޮތުގައި ކަމަށެވެ.
ބާރުއަޅަންވީ ރާއްޖެއިން ބާނާ މަސް އަމިއްލަ ގައުމުގައި ޕްރޮސެސްކޮށް، ޕްރޮޑަކްޓް އުފެއްދުމަށް ކަމަށް މި ޕޯސްޓުގައި ވެއެވެ.
"އިންޑޮނޭޝިއާއިން މައުދަން އެކްސްޕޯޓްކުރުން މަނާކުރުމުން ލިބުނު ފައިދާތަކުން ފިލާވަޅު ދަސްކުރަންވީ" އުމަރު ވިދާޅުވިއެވެ.
އުމަރު މިސާލެއްގެ ގޮތުގައި ދެއްކެވީ 2014ވަނަ އަހަރު އިންޑޮނޭޝިއާއިން މައުދަން އެކްސްޕޯޓުކުރުން މަނާކުރަން ނިންމި ނިންމުމެވެ. އެ ގައުމުން ނިންމި ނިންމުމުގެ ނަތީޖާއަކަށްވީ މި މައުދަންތަކުން އުފައްދާ ތަކެތީގެ ބޭނުމަށް ޗައިނާ ފަދަ ގައުމުތަކުން އިންޑޮނޭޝިއާގައި ފެކްޓޮރީ ހަދަން އިންވެސްޓު ކުރުމެވެ.
މި އިންވެސްޓްމަންޓުގެ ސަބަބުން އެގައުމުގައި ގިނަ ވަޒީފާތަކެއް އުފެދި، ޓެކްސް ލިބި ގައުމުގެ އެކްސްޕޯޓުން ފައިދާ ވާންފެށިއެވެ. މިހާރު އިންޑޮނޭޝިއާ އަކީ އިގްތިޞާދު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިން ގައުމެކެވެ.
ދެހާސް ތޭވީސްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އުމަރު ވަނީ އިންތިޚާބުގެ ކެމްޕެއިން ތެރޭ ވެސް ރާއްޖެއިން ރޯމަސް އެކްސްޕޯޓު ކުރުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން، ރާއްޖެއިން ބޭރުކުރާ މަސް ވާންވާނީ ޕްރޮސެސް ކުރުމަށް ފަހު، އެންމެ ފަހުގެ ޕްރޮޑަކްޓްގެ ގޮތުގައި ބޭރުކުރާ މަހަށް ކަމުގައި އޭނާ އޭރު ވިދާޅުވިއެވެ. މަސްވެރިންނަށް ހަގީގީ މަންފާ ލިބޭނީ އޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރުގެ ޒައާމަތެއްގައި ރާއްޖޭން ރޯމަސް އެކްސްޕޯޓްކުރުން ހުއްޓައި، ރާއްޖޭން އެކްސްޕޯޓުކުރާ ހުރިހާ މަހަކީ ޕްރޮސެސް ކުރުމަށްފަހު ވިއްކާ މަސްކަމުގައި ހަދާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ މަސް ރައްކާ ކުރާނެ ކޯލްޑް ސްޓޯރެޖު ކެޕޭސިޓީ ނެތުމާއި އެކަށީގެންވާ މިންވަރަކަށް މަސް ޕްރޮސެސް ކުރެވޭނެ ފެސިލިޓީތައް ރާއްޖޭގައި ނެތުމެވެ.
އެހެންކަމުން ރާއްޖެއިން އެހެން ގައުމުތަކަށް ރޯމަސް އެކްސްޕޯޓު ކުރެއެވެ. މިފަދައިން އެކްސްޕޯޓުކުރާ މަސް އެގައުމުތަކުން ޕްރޮސެސްކޮށް ވިއްކައެވެ.
ދިވެހީން ބާނާ މަސް، ޗައިނާއިން ދަޅުގައި ބަންދުކޮށް، ފުރަތަމަ ސާމްޕަލް ބެޗު ތައްޔާރުކޮށްފައި މި ވަނީ އެ ގައުމާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުންނެވެ.
މި މަސައްކަތް ކުރާ ކުންފުންޏަކީ ޗައިނާގައި 2008ގައި އުފައްދައި، މޫދުވިނައާއި ބޯވައާއި ބޯވަދިލަ މަހުން އުފެއްދުންތައް ތައްޔާރުކޮށް، ވިއްކުމަށް މަޝްހޫރުވެފައިވާ ކުންފުންޏެއް ކަމަށްވާ ޗިންޖެންގް ފުޑްސްގެ ސަބްސިޑަރީއެކެވެ. އެގޮތުން ވެއިހާއި ކިއުޒެޑް ބްލޫސީ ފުޑްސްއަކީ އެމެރިކާއާއި ކޮރެއާއަށް ކަނޑުމަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމަށް ހުއްދަ ލިބިފައިވާ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.