"ކަނބުލޮ" ފިލްމުގެ ޓިކެޓު ބުކް ކުރުމަށް ހުޅުވާލައިފި

ކަނބުލޮގެ ޕޯސްޓަރު

މިދިޔަ އަހަރު އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާ ފިލްމު "ކަމަނާ"ގެ ޓީމުން މިފަހަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ކަނބުލޮ"ގެ ޝޯތަކަށް ޓިކެޓު ހޯދަން ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ސެޓާން ސްޓޫޑިއޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ފިލްމުގެ ފުރަތަމަ ފަސް ޝޯއަށް ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލާފައެވެ. މި ފިލްމަށް ލިބޭ ތަރުހީބަށް ބަލައި އިތުރު ޝޯތަކަށް ނަން ނޯޓުކުރުމަށް ހުޅުވައިލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޝޯތަކަށް ނަން ނޯޓު ކުރުމަށް ގުޅާނީ 7458800 ނަމްބަރު މެދުވެރިކޮށް ވައިބާއިން ކަމަށް ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ ކަނބުލޮ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31ވަނަ ދުވަހުއެވެ.

މި ފިލްމުގެ ފަހަތުގައި ވަނީ ކަމަނާގެ ޓީމެވެ. އެގޮތުން އައްޒަ މި ފިލްމުގެ ލީޑަށް ހަމަޖައްސާފައިވާއިރު އޭނާ އަކީ ކަމަނާގެ ވެސް ލީޑު އެކްޓަރުގެ ރޯލު ކުޅެފައިވާ ތަރިއެވެ.

އައްޒަގެ އިތުރުން ފިލްމުގެ ރޯލުތަކުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސައާއި ވާޝިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ފެންނާނެއެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމު ކަނބުލޮ އަކީ ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާތަކުގެ މައްޗަށް އަލިއަޅުވާލާ ފިލްމެކެވެ.

މި ފިލްމުގެ ޕޯސްޓަރު މީގެ ކުރިން ވަނީ ބެލުންތެރިންނަށް ދައްކައިލައިފައެވެ.

މިއީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޔަޝްފާ އަބްދުލްޣަނީ 2009ވަނަ އަހަރު ނެރުނު ވާހަކަ ކަމަށްވާ "ޔުކްތާ"އަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. ޔުކްތާ އަކީ 2009ވަނަ އަހަރުގެ ވާހަކަ މުބާރާތުން އެންމެ މޮޅު ވާހަކައަށް ހޮވުނު ވާހަކައެވެ.

މި ވާހަކައަށް ބިނާކޮށް ތައްޔާރުކުރާ ފިލްމުގެ ސްކްރީންޕްލޭ ތައްޔާރު ކުރާނީ މަހުދީ އަހުމަދެވެ. އަލީ ޝާނިޒް މުހައްމަދު އަދި ހުސެން މުނައްވަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ގިނަ މަސައްކަތްތަކެއް ވަނީ މިހާރު ނިމިފައެވެ.

comment ކޮމެންޓް