ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ ގެއިން ވަގަށް ނެގި، 60،000 ރުފިޔާގެ ސާމަނު ހޯދައި، އެ ތަކެތި އޭނާއާ ހަވާލުކޮށްފިއެވެ.
އަލީ ޚާލިދު ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން، އެގެއިން ވައްކަން ކޮށްފައި ވަނީ މިދިޔަ މަހުގެ 29ގައި ހެނދުނު 06:13 ހާއިރެވެ. ވައްކަން ކުރަން ދެ މީހަކު އެ ގެއަށް ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެންލައިޓު އެ މީހުން ހޯދީ އެގެއާ ޖެހިގެން ހުރި މއ. ބަބުލަވާލިގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކުން ކަން ފާހަގަކުރައްވައި، އެ ޕޯސްޓުގައި ވަނީ އެ މީހުން އެ ގޭ ތެރޭގައި 20ވަރަކަށް މިނެޓު ހޭދަކުރި ކަމަށެވެ.
އެ މައްސަލަ އެ ދުވަހު ޚާލިދު ފުލުހަށް ވެސް ހުށަހެޅުއްވިއެވެ.
މިއަދު ފުލުހުން ބުނީ، އެ ގެއިން ވަގަށް ނެގި ސާމާނުތަކުގެ ތެރެއިން އައިފޯނަކާއި ލެޕްޓޮޕަކާއި އެކި ބްރޭންޑުތަކުގެ އަވިއައިނާއި ޕްރިންޓަރަކާއި އެކި ބްރޭންޑުތަކުގެ ހާޑާއ ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހޯދިފައިވާ ކަމަށެވެ.

އަލީ ޚާލިދުގެ ގެއިން ވައްކަން ކުރަން ބަޔަކު ވަދެ: އެގެއިން ވަގަށް ނެގި 60،000 ރުފިޔާގެ މުދާ ވަނީ ހޯދާފައި --- ފޮޓޯ/ ޚާލިދު
ޚާލިދުއާ ހަވާލާދީ ފުލުހުން ބުނީ، ހޯދުނު ތަކެތީގެ އަގު 60،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށާއި އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.
އެ ތަކެތި ފުލުހުން ހޯދާފައި ވަނީ، މިދިޔަ މަހުގެ 30ގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށްވާއިރު، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވައްކަމުގެ މައްސަލަތަަކަކީ މާލޭގައި ގިނަ މައްސަލަތަކެކެވެ. އެގޮތުން ވައްކަމުގެ 1،593 މައްސަލަ މި އަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ.