ގަދަ 10 ގައި ހިމެނުނު ދިވެހި ދަރިވަރުންނާއި ރައީސްގެ ސްކޯލާޝިޕްގައި ހިމެނޭ ދަރިވަރުންގެ ތެރެއިން ވެސް ގިނަ ދަރިވަރުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަނީ އެ ކުދިންނާ އެކަށީގެން ނުވާ ޔުނިވާސިޓީތަކުން ކަމަށް, އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
އައިޖީއެސްއިން ބުނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި ކޭމްބްރިޖް ޔުނިވާސިޓީގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރައީސްގެ ސްކޯލާޝިޕްގައި ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާއާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކާއި ޔުނިވާސިޓީތަކުގެ ރޭންކިންތަކަށާއި މޮޅެތި ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބަލާފައިވާނެ ކަމަށެވެ.
އައިޖީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރައީސްގެ ސްކޯލާޝިޕް ލިބިގެން 2023 ވަނަ އަހަރު ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ދުނިޔޭގެ ގަދަ 10 ޔުނިވާސިޓީތަކުގެ ތެރެއިން ޔުނިވާސިޓީއެއްގައި ކިޔަވަނީ ޕައިލެޓްކަމުގެ ތަމްރީނު ހަދަމުންދާ ދަރިވަރަކު އެކަންޏެވެ. އަދި ޔުނިވާސިޓީތަކުގެ ރޭންކިންގައި ގަދަ 10 އަކާއި ގަދަ 30 އާ ދެމެދުގެ ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ކިޔަވަމުންދާ ކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.
ނަމަވެސް ރައީސްގެ ސްކޯލާޝިޕްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޔުނިވާސިޓީ ރޭންކިންގެ ގަދަ 100 ގައި ނެތް ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ކިޔަވަމުންދާ ކަމަށް ވެސް، އައިޖީއެސްގެ ތަފާސްހިސާބުތަކުގައި ވެއެވެ.
މީގެ އިތުރުން ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން ޔުނިވާސިޓީ ރޭންކިންގެ ގަދަ 50 ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީތަކުން ކިޔަވަނީ އެންމެ ހަތް ދަރިވަރުން ކަމަށާއި، 39 ދަރިވަރަކު ރޭންކިންގެ ގަދަ 100 ގައި ނެތް ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ ކަމަށް ވެސް، އައިޖީއެސްގެ ތަފާސްހިސާބުތަކުގައި ވެއެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، އޭގެ ތެރޭގައި ގަދަ 200 ޔުނިވާސިޓީތަކުގެ ތެރޭ ނުހިމެނޭ ޔުނިވާސިޓީތަކުން ކިޔަވާ 11 ދަރިވަރަކާއި، ޔުނިވާސިޓީގެ ރޭންކިންއަށް ވުރެ ފެންވަރު ދަށް ދެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ.
އައިޖީއެސްގެ ސީއީއޯ ރިފްއަތު މުޙައްމަދު ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ މޮޅެތި ދަރިވަރުން ފެންވަރު ދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮންނަ މަންޒަރު ކަމަށެވެ. އެންމެ މޮޅެތި ދިވެހި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން، ރާއްޖޭން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލުކުރުމާއި ސްކޯލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން“ ރިފްއަތު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޯލާޝިޕަށާއި ހައި އެޗީވާސް ސްކޯލާޝިޕަށް ކުރިމަތިލުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
ހައި އެޗީވާސް ސްކޮލަޝިޕް ދޭނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.
ރައީސްގެ ސްކޮލަޝިޕް ލިބެނީ މަތީ ސާނަވީ އިމްތިހާނުން އިސްލާމާއި ދިވެހި މާއްދާ ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދައި، އޯލެވެލް ނުވަތަ އެއަށް ވުރެ މަތިން އިނގިރޭސިން ސީއަށް ވުރެ މަތީ ފާހެއް ހޯދި ދަރިވަރުންނަށެވެ. އެގޮތުން، އެ ސްކޮލަޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ކޮށްދެއެވެ.
މި ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ނިޔަލަށެވެ. އެއީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފާއިތުވި ދެ އަހަރުގެ ސާނަވީ އާއި މަތީ ސާނަވީ އިމްތިހާނުން އެންމެ މަތިން މާކްސް ލިބިގެން ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ އަދަދު 1،800 އަށް ވުރެ ގިނައެވެ.