މާފަރުން ނެގި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ

ނ. މާފަރުގެ ސަރަހައްދު: މާފަރުން ނެގި ފަރުމުލީގައި ރިސޯޓެއް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން، ނ. މާފަރުން މިއަދު ވަކިކުރި ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މާފަރުގެ ބޮޑު ފަޅުތެރޭގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ބައްތިޖެހި ރަށާއި ފަރުމުލި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރު ފެށުނުއިރު އޮތީ މާފަރުގެ އިހްތިސާސްގެ ތެރޭގައެވެ. ނަމަވެސް އެ ވެރިކަމުގައި 2020ވަނަ އަހަރު އެ ދެ ރަށް ހިމެނޭ ގޮތަށް، މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް ވަނީ އިހްތިސާސުން ވަކިކޮށްފައެވެ.

އެއަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު މާފަރަށް ވަޑައިގެން، އެ ރަށުގެ އިހުތިސާސުން ވަކިކުރި ބައި ހޯދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ވައުދުފުޅާ އެއްގޮތަށް އެ މަނިކުފާނު މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 15ގައި ސޮއިކުރެއްވި ގަރާރަކުން ވަނީ ފަރުމުލި މާފަރަށް ދެއްވައިފައެވެ.

https://sun.mv/208241

މިއަދު ރައީސް އޮފީހުން ބުނީ، ރައީސަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ދަށުން، ފަރުމުއްޔަކީ މާފަރުގެ ބައެއް ނޫންކަމުގައި ހަމަޖައްސަވައިފައިވާ ކަމަށެވެ.

އޭގެ ފަހުން ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަން ހުށަހަޅަން ހުޅުވާލައިފައެވެ.

އެ އިއުލާނުގައިވާ ގޮތުން ބީލަމުގެ ދަށުން ދެނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށެވެ.

އެ ކަމަށް ޝައުގުވެރިވާނަމަ، މިމަހުގެ 21 ވަނަ ދުވަހާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީގެ އީމެއިލް [email protected] އަށް ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު ހުށަހަޅަން ޖެހޭނެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު 10ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ ބީލަން ހުށަހެޅުމުގެ، ސަރުކާރު ބަންދުނޫން ތިން ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލްއަށް ސުވާލުތައް ފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ރައީސް ރިޔާސީ ކެމްޕޭނަށް ސެޕްޓެމްބަރު 20، 2023ގައި މާފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ ޞާލިޙްގެ ސަރުކާރުން އެ ރަށުގެ އިހްތިސާސުން ވަކިކޮށްފައިވާ ބަޔަކީ އެ ރަށަށް ލިބެން ޖެހޭނެ ބައެއްކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ރަށު ފަޅުތެރޭގައި ރިސޯޓް ހަދައި، ޓޫރިޒަމްގެ ފުރުސަތު އިތުރުކޮށްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވައުދުވެވަޑައިގަތެވެ.

ނ. އަތޮޅުގައި މިހާރު އަށް ރިސޯޓެއް ހިންގާއިރު އެ އަތޮޅުގައި 15 ގެސްޓްހައުސް ވެސް ހުންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް