ދަރިވަރުންގެ ނަތީޖާއަށް އެންމެ ބޮޑު އަސަރެއް ކުރަނީ އާއިލާއާއި މުޖުތަމައުގެ ތެރެއިން: ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދަރިވަރުންތަކަކާއެކު: މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ނަތީޖާ ދަށްވަނީ ސްކޫލް މާހައުލު ގޯސްވެގެން އެކަނި ނޫން ކަމަށް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންގެ ނަތީޖާ ދަށްވަނީ ސްކޫލް މާހައުލު ގޯސްވެގެން އެކަނި ނޫން ކަމަށާއި، ދަރިވަރުންގެ ނަތީޖާ ދަށްވުމުގެ ސަބަބުތަކުގެ ތެރޭގައި އާއިލާ އާއި މުޖުތަމައުގެ ތެރެއިން ކުރާ އަސަރު ހިމެނޭ ކަމަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އިއްޔެ ވިދާޅުވެއްޖެއެވެ.

ސާނަވީ އިމްތިހާނުން ފާސްވެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިދިޔަ ޖޫން މަހު ބޭއްވި "މަތީ އަރުތަވެރިންގެ" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ކަނޑައަޅާފައިވާ ފަސް މާއްދާއިން 'ސީ' ފާސް ހޯދުމަކީ އެންމެ ދަށް މިންގަނޑު ކަމަށާއި، ވޭތުވެދިޔަ ދެ އަހަރުގެ ނަތީޖާއަށް ބެލިކަމުގައި ވިޔަސް، 50 ޕަސެންޓު ދަރިވަރުން ފަސް މާއްދާއިން ފާސްނުވާ ކަމަށެވެ.

މިކަމުގެ ތަފްސީލު ހޯދުމަށް "ސަން" އިން ސުވާލުކުރުމުން ޝަފީއު އިއްޔެ ވިދާޅުވީ، ސަރުކާރުން ތައުލީމަށް ކުރާ ހޭދަޔާ އަޅާ ބަލާއިރު ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށާއި، ގައުމީ ފެންވަރުގައި ދަރިވަރުންގެ ފަރާތުން ފެންނަނީ އެންމެ އެދެވިގެންވާ ނަތީޖާއެއް ނޫން ކަމަށެވެ. އެއާއެކު ވެސް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނެ ކަމަށް މިނިސްޓަރު ގަބޫލުކުރައްވައެވެ.

ޝަފީއު ވިދާޅުވިގޮތުގައި، ޓީޗަރުންގެ ހުނަރު އިތުރަށް ތަރައްގީކޮށް، ޓީޗަރުންނަށް އިތުރު އެހީތެރިކަން ދޭން ޖެހެއެވެ.

ހަމަ އެއާއެކު، ދަރިވަރުންގެ ނަތީޖާ ގުޅިފައިވަނީ މަދަރުސީ މާހައުލާ އެކަނި ނޫން ކަމަށާއި، ނަތީޖާ ދަށްވުމުގައި މަދަރުސީ މާހައުލުގެ އިތުރުން އެހެނިހެން ސަބަބުތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަން ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ހަދާފައިވާ ދިރާސާތަކުން ހާމަވާކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވިގޮތުގައި، މަދަރުސީ މާހައުލުން ކުރާ އަސަރަށް ވުރެ، މުޖުތަމައުންނާއި އާއިލާގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ކުރާ އަސަރު މާ ބޮޑެވެ.

"މިސާލަކަށް ވަރަށް އިންޓެލިޖެންޓް ކުއްޖެއް އެ ކުއްޖާއަކީ، އެ ކުއްޖާ ކިތަންމެ އިންޓެލިޖެންޓް ވިޔަސް ގޭގަ މަސްތުވާތަކެތި، މުޖުތަމައަށް ނުރައްކާތެރިވީ، ކުއްޖާގެ އާއިލާ ރޫޅުނީ، ކުއްޖާ ބަލަހައްޓާނެ މީހަކު ނެތީ، ބިކަވީ، އެހެންވެއްޖިއްޔާމު އެ ކުއްޖާ ކިތަންމެ އިންޓެލިޖެންޓް ކުއްޖަކަށް ވިޔަސް ނަތީޖާ ދަށްވެދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، ސްކޫލްތަކުގެ އިސްވެރިންނާއި މުދައްރިސުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމްކޮށްދީ ކުދިން ގަޔާވާ ކަހަލަ މާހައުލަކަށް ސްކޫލްތައް ހެދި ނަމަވެސް، މުޖުތަމައުގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ކުރާ އަސަރު މާ ބޮޑެވެ. ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި މުޅި މުޖުތަމައު އެކުގައި މަސައްކަތްކުރަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަފީއު އޭރު ވިދާޅުވީ، ގްރޭޑް 10 ނިންމައި ސާނަވީ އިމްތިހާނުގެ ނަތީޖާ ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޕްރައިމަރީގެ ނަތީޖާ ދަށްވުން ހިމެނޭ ކަމަށާއި، އެގޮތުން ނޭޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ މައުލޫމާތަށް ބަލާއިރު، ކީ ސްޓޭޖް އެކަކާއި ދޭއްގެ ނަތީޖާ ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ތައުލީމީ ދާއިރާ ރަނގަޅު ކުރުމަށް 'ތައުލީމަށް އިންގިލާބީ ބަދަލު' ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ވެސް މިދިޔަ އަހަރު ސަރުކާރުން ފަށާފައިވެއެވެ.

comment ކޮމެންޓް