ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ޓާމިނަލާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ކުންފުނިތަކަށް ވިއްކަން އުޅޭ ކަމަށް ޚަބަރު ފެތުރިފައިވާއިރު، އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފެތުރިފައިވަނީ، ވެލާނާ އެއާޕޯޓުގައި އައު ވީއައިޕީ ޓާމިނަލެއް އަޅައި އެތަން ހިންގުމަށް ދުބާއީގެ ޖެޓެކްސް ކުންފުނިން ހުށަހަޅައިފައިވާ ކަމަށާއި، ސަރުކާރުން އެ ހުށަހެޅުމާމެދު ވިސްނަމުންދާ ކަމަށެވެ.
މިހާރު 88 ޕަސެންޓް މަސައްކަތް ނިމިފައިވާ ހަނިމާދޫ އެއާޕޯޓް ވިއްކާލަން އުޅޭ ކަމަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ މަނިކުފާނު ވިދާޅުވީ އެ އެއާޕޯޓު ވިއްކާލަނީ އިންޑިއާގެ އަދާނީ ގުރޫޕަށް ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް، ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރައްވާފައިވާ ކަމަށެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓަކީ ދިވެހީންގެ އަގުބޮޑު މުދާ ކަމަށެވެ. ކުރީގެ ލީޑަރުން އެ ތަންތަން ތަރައްގީ ކުރެއްވީ ބޭރު މީހުންނަށް ވިއްކާ ނުލައި ކަމަށާއި އެގޮތަށް އަމަލުކުރެއްވީ ދުރު ވިސްނޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.
"މާފަހުން އަންނަ ބަޔަކު، އެފަދަ އަގުހުރި އެސެޓްތައް އުފައްދަން ނޭނގޭ ތަނުގަައި، ކުރީގެ ލީޑަރުން ދިވެހިންނަށްޓަކައި ކޮށްދީފައި ހުރި މަސައްކަތް ވިއްކާލަން ވިސްނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން،" އިމްރާން ވިދާޅުވިއެވެ.
"ދިވެހިންގެ ހަރުމުދާ ވިއްކާނުލައި، ދިވެހި ދައުލަތް ހިންގަން ނުދަންނަ މީހަކުނަމަ، ދިވެހި ސިންގާ ސަނާގައި ހުރުމަށް އެމީހަކު ކުފޫހަމައެއްނުވޭ!"
އޭނާ ވިދާޅުވީ، ރައީސް މި ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުން ފިލާވަޅު ދަސްކުރައްވަން ޖެހޭ ކަމަށާއި އެއީ، ޒާތީ މަސްލަހަތަށް ޓަކައި ގަައުމުގެ ތަރިކަ ވިއްކައިގެން ވެރިކަންކުރުމަކީ ދިވެހީން ބަލައިގަންނާނެ ކަމެއް ނޫންކަން ކަމަށް އިމްރާން ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް އެކި ސަރުކާރުތަކުން ކުރިއަށްގެންގޮސްފައިވާއިރު، އެ އެއާޕޯޓުގެ ޒަމާނީ ރަންވޭ ތަރައްގީ ކޮށްފައިވަނީ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގައެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފަހު އަހަރު އެ ރަންވޭ ނިމުނު ނަމަވެސް، އެ ސަރަހައްދުގައި ހުރި ސީޕްލޭން ޓާމިނަލްގެ ސަބަބުން ސަލާމަތީ ގޮތުން ފްލައިޓް އޮޕަރޭޓް ނުކުރެވިއޮވެ، ދަތުރުތައް ފެށޭވަރުވީ ޞާލިޙްގެ ވެރިކަމުގައި 2022ގައެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ.
އެ އެއާޕޯޓު ވިއްކަން އުޅޭ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެ ވާހަކަ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އެ އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، އެކަމާ ބެހޭ ގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ.
ވީއައިއޭގެ ވީއައިޕީ ޓާމިނަލް ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅޭ ގޮތުން ސަރުކާރުން ރަސްމީކޮށް އެއްޗެކޭ ބުނެފައިނުވެއެވެ. އަދި އެމްސީއެލްގެ ބަހެއް ހޯދަން މަސައްކަތް ކުރުމުން، އެ ކުންފުނިން ބުނެފައިވަނީ އެފަދަ ޕްރޮޕޯޒަލެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.