ސްޕެނިޝް ލަލީގާގެ ރެއާލް ސޮސިއެޑާޑަށް ކުޅުނު މާޓިން ޒުބިމެންޑީ، 60 މިލިއަން ޕައުންޑްގެ އަގަކަށް އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްއަށް ގެންގޮސްފިއެވެ.
ޒުބިމެންޑީއަކީ އާ ސީޒަނަށް މިހާތަނަށް އާސެނަލްއިން ގެންދިޔަ ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އާސެނަލްއިންވަނީ ޗެލްސީގެ ކީޕަރު ކެޕާ އަރީޒާބަލާގާ، ފަސް މިލިއަން ޕައުންޑްގެ އަގަކަށް ގެންގޮސްފައެވެ.
އަދި، ކުރިއަށް އޮތް ސީޒަނަށް އެ ޓީމުން މިހާރު އަންނަނީ ސްޕޯޓިންގެ ހުނަރުވެރި ފޯވަޑް ވިކްޓާ ގިޔޮކެރޭސް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެ ވިޔަފާރިއަށް ވެސް 70 މިލިއަން ޕައުންޑްގެ އަގެއް ހަރަދުކުރަން ޖެހޭނެކަމަށްވަނީ ބެލެވިފައެވެ.
ޒުބިމެންޑީއަކީ ރެއާލް ސޮސިއެޑާޑްގެ އެކި ލެވެލްތަކުން ކުރިއަރަމުން އައިސް ސީނިއާ ޓީމުގެ ފުރަތަމަ 11 އިގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިޔަކަށްވެފައިވާ ޔޫރަޕްގެ ގިނަ ކްލަބްތަކެއްގެ ލޯ އެ ކުޅުންތެރިޔަކަށް އަމާޒުވެފައިވި ކުޅުންތެރިޔެކެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އާސެނަލާއި ގުޅުނު ޒުބިމެންޑީ ވަނީ ސޮސިއެޑާޑަށް 236 މެޗު ކުޅެދީ 10 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
އުމުރުން 26 އަހަރުގެ ޒުބިމެންޑީ އާސެނަލަށް ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ބުނީ، މިއީ އޭނާގެ ކެރިއަރުގައި ވަރަށް މުހިންމު ވަގުތެއް ކަމަށެވެ. މިއީ އޭނާ އެ ބަދަލަކަށް ބަލަމުންދިޔަ އަދި ބޭނުންވި ބަދަލެއް ކަމަށެވެ. ސްޕެއިންގެ ޤައުމީ ޓީމަށް 19 މެޗު ކުޅެދީފައިވާ ޒުބިމެންޑީވަނީ ސްޕެއިނާ އެކު ޔޫރޯ މުބާރާތް ވެސް ކާމިޔާބުކޮށްފައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ފާހަގަކުރި ގޮތުގައި ޒުބިމެންޑީއަކީ އާސެނަލްއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ކުޅުންތެރިއެކެވެ. އަދި، އޭނާގެ ޓީމަށް ޒުބިމެންޑީ ވަރަށް ފުރިހަމަ ފިޓްވާނެ ކަމަށް ވެސް އާޓޭޓާ ބުނެފައިވެއެވެ.