ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމާ ކުރިމަތިލެއްވީ ގެއްލިފައިވާ އިތުބާރު އަލުން ހޯދައިދިނުމަށް ކަމަށް އަޙްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.
އެފްއޭއެމުގެ އިންތިޚާބުގަައި ވާދަކުރުމަށް ކެންޑިޑެންސީ ހުށަހެޅުމަށްފަހު މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޓޮމް ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ މިވަގުތު އޮތީ ފުން އަޑިގަނޑެއްގައި ކަމަށެވެ.
ޓޮމް ވިދާޅުވީ އެފްއޭއެމްގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން ރަނގަޅުކުރުމަށް ޕްލޭނެއް އެކުލަވާލުމަށްފަހު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އަމާޒަކީ އަހަރެއްހާ ދުވަސްތެރޭ އެފްއޭއެމްގެ ހިންގުން ރަނގަޅު ކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެއްގެތެރޭ ފައިނޭންޝަލީ ކަންތައްތަކާއި މުބާރާތްތައް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ގޮތަށް ތަރުތީބުކުރުން އެއީ އަޅުގަނޑުމެންގެ އުންމީދަކީ،" ޠާރިގު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ޓޮމް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާނީ ރާއްޖޭގެ ހަތަރު ސަރަހައްދުގެ ޓީމުތަކަށް އެފްއޭއެމުގައި ބަސްބުނުމުގެ ފުރުސަތު ލިބޭނެ ގޮތަށް ކަމަށެވެ.
މިދިޔަ އަހަރު ދެ ފަހަރު ވެސް އިންތިޚާބު ގެންދަންޖެހޭ ގޮތަށް ޕްރޮސެސްތައް ނުގެންދިއުމުން ފީފާއިން އިންތިޚާބު ހުއްޓުވިކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ މިފަހަރު އެއްވެސް އުނދަގުލެއް ނެތި އިންތިޚާބުގެ ކަންކަން ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި މަހު 26 ވަނަ ދުވަހު އެފްއޭއެމުގެ އިންތިޚާބު ބާއްވަން ތައްޔާރުވާއިރު، މެމްބަރު 23 ކުލަބުގެ ތާއިދު ޓޮމްއަށް ވަނީ ލިބިފައެވެ. މިއީ އެފްއޭއެމްގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ކުލަބުތަކެކެވެ.
ޓޮމްއާއެކު މި އިންތިޚާބުގައި ވާދަކުރާނެ ކަމަށް ބެލެވުނު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންތިޚާބަށް ޝަރުތުހަމައެއް ނުވެއެވެ.