ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ޓެލެމެޑިސިން ޚިދުމަތް އިފުތިތާހުކޮށް، އެންޑޯމެޓްރިއޯސިސްގެ ފަރުވާއަށް ޚާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި އެ ޚިދުމަތާއި ކްލިނިކް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި، ޓެލެމެޑިސިން ޚިދުމަތަކީ ސިއްހީ ދާއިރާގެ ފަންނީ މީހުން ބަލި މީހުންނާ ކައިރީގައި ނެތް ނަމަވެސް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅުވައިލަދޭ ޚިދުމަތެކެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި އެކަށީގެންވާ ފަރުވާއެއް ދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށާއި އެއާއެކު މުޅި ސަރަަހައްދުގައި ހަމަހަމަކަމާއެކު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާ ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެންޑޯމެޓްރިއޯސިސް ކްލިނިކާ ގުޅޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، އެ ކްލިނިކްގެ ޒަރިއްޔާއިން އެ ބަލި ހުންނަ އަންހެނުންގެ ބަލި ދެނެގަތުމާއި ފަރުވާ ދިނުމާއި ޖުމްލަކޮށް ދޭ ފަރުވާ ރަނގަޅުކޮށް ސިއްހަތާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު: ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޓެލެމެޑެސިންއާއި އެންޑޯމެޓްރިއޯސިސް ކްލިނިކެއް ވަނީ އިފުތިތާހުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ރައީސް އިފުތިތާހްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ދިވެހި ސިއްހީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ކަމަށެވެ.
"އޭގެ ސަބަބުން ދިވެހިރާއްޖެ ޒަމާނީ ޓެކްނޮލޮޖީއާ ލާމެހިގެންދާނީ ވަރަށް އާދަޔާ ޚިލާފު ގޮތެއްގައިކަން ޔަގީން، މި މަޝްރޫއުގައި އެންމެ ފުރަތަމަ ތަރައްގީ ކުރެވޭ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާ މިހާރު ވަނީ އިއުލާން ކުރެވިފައި. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް އުއްމީދީ ފުރުސަތެއް،" ސާޖިދާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކެއްގެ ޚިދުމަތް ވެސް އިފުތިތާހުކޮށްފައެވެ.
އެ ޖަލްސާގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ހަވާލުކޮށްފައެވެ. އެގޮތުން އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްފައިވެއެވެ.
އެންޑޯމެޓްރިއޯސިސްއަކީ އަންހެނުން ތަހަންމަލްކުރާ ބައްޔެކެވެ. މި ބަލީގެ ސަބަބުން ބަނޑުގައި ރިއްސުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ކުރިމަތިވެއެވެ. މި ބަލީގައި ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ރަހިމުގައި ހުންނަ ޓިޝޫ ރަހިމުން ބޭރުގައި އުފެދުމެވެ. މި ބައްޔަށް ދާއިމީ ޝިފާއެއް ނުވާއިރު، ބަލީގެ އުނދަގޫތަކުން ސަލާމަތްވުމަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ފަހަރު ދިމާވެއެވެ.
އެ ބަލި ތަހަންމަލުކުރާ ގިނަ އަދަދެއްގެ ދިވެހީން ތިބޭއިރު، އެ ބައްޔަށް ރަނގަޅު ފަރުވާއެއް ރާއްޖޭން ބޭނުންވާކަމަށް އެންޑޯމެޓްރިއޯސިސްއަށް ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރާ އެންޑޯ އެޑްވޮކޭޓް ސަޕޯޓް ކޮމިއުނިޓީން ބުނެއެވެ.
މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗްގައި އެންޑޯމެޓްރިއޯސިސްއަށް ޚާއްސަ ކްލިނިކެއް ހުންނަ ނަމަވެސް ސެ ކްލިނިކުން ޚިދުމަތްދެނީ ހަފުތާއަކު އެންމެ ދުވަހެއްގައިކަން ފާހަގަކޮށް، އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.