އިސްރާއީލުގެ އަސްކަރިއްޔާއިން ޔަމަނުގެ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ތިން ބަނދަރަކާއި އިންޖީނުގެއަކަށް ބޮން އަޅައިފިއެވެ.
އެ ހަމަލާގެ ރައްދުގައި ޔަމަނުން ވެސް ވަނީ އިތުރު މިސައިލް ހަމަލާތައް ފޮނުވާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ, ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ހުދައިދާ، ރަސް-އީސާ އަދި އަސް-ސަލިފްގެ ބަނދަރުތަކުގެ އިތުރުން ރަސް ޚަތީބު އިންޖީނުގެއަށް ވެސް ހަމަލާދީފައިވާ ކަމަށެވެ. އަދި, ހޫޘީން އަތުލައިގަނެ ހުދައިދާ ބަނދަރުގައި ބަނދަރުކޮށްފައި އޮތް ގެލެކްސީ ލީޑާ ބޯޓުގެ ރާޑަރު ސިސްޓަމަށް ވެސް ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެއެވެ.
އިއްޔެ ރޭ ދަންވަރު އިސްރާއީލުން ދިން އެ ހަމަލާތަކަކީ ފާއިތުވި މަސް ދުވަހުގެ ތެރޭގައި ޔަމަނަށް ދިން ފުރަތަމަ ހަމަލާއެވެ.
ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލްކުރާ ހަނގުރާމަވެރި ޖަމާއަތް، ޙޫޘީން ވަނީ އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު މިސައިލުތައް ފޮނުވާފައެވެ.
ޔަމަނުން ދެ މިސައިލެއް ފޮނުވާލި ކަމަށް އިސްރާއީލުން އަސްކަރިއްޔާއިން ވެސް ވަނީ ބުނެފައެވެ.
ހޫޘީން ބުނާ ގޮތުގައި އެ މީހުން އިސްރާއީލަށް ދެމުންދާ ހަމަލާތަކަކީ އިސްރާއީލުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތަކަށް ދެކޮޅަށްދޭ ހަމަލާތަކެކެވެ.
އިސްރާއީލުން 2023 ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އެ ޖަމާއަތުން ވަނީ އިސްރާއީލަށް އެތައް ސަތޭކަ މިސައިލްތަކެއް ފޮނުވައި، ރަތް ކަނޑުގައި ދަތުރުކުރާ އުޅަނދުތަކަށް 100 އަށް ވުރެ ގިނަ ހަމަލާ ދީފައެވެ.
ހޫޘީންގެ ހަމަލާތައް ހުއްޓާލާފައިވަނީ ޖަނަވަރީ މަހު ހަމާސްއާއި އިސްރާއީލާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމުންނެވެ. ހޫތީން ހަމަލާތައް މަޑުޖައްސާލި ނަމަވެސް އެމެރިކާއިން މާރިޗު 15 ވަނަ ދުވަހު ޔަމަނަށް ހަމަލާތައް ދޭން ފެށުމުން ރައްދު ހަމަލާތައް ދޭން އަނެއްކާ ވެސް ފެށިއެވެ.