ޑުރަގު ޓްރެފިކިންގެ ކުށް ސާބިތުވެ ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލް) އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ނަބީލްގެ އިތުރުން ދައުވާކޮށްފައިވަނީ ހދ. ކުޅުދުއްފުށީ، ބިޗާނާ، އާދަމް މުހައްމަދުގެ މައްޗަށެވެ.
ދެ މީހުންގެ މައްޗަށް ދައުވާކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31، 2017 ގައި މއ. ބްރައިޓްބްލޫގޭގެ ކޮޓަރިއެއް ތެރެއިން މަސްތުވާތަކެއްޗާ އެކު ދެ މީހުން އަތުލައިގަތުމާ ގުޅިގެންނެވެ.
އެ ގޮތުން، އެ ކޮޓަރީގެ ސައިޑް ޓޭބަލް މަތިން ފެނުނު ފިލްމު ހުސްކުރި ދަޅުގައި 20.7 ގްރާމްގެ ކެނަބިސް ހުއްޓެވެ. އަދި، ޑްރެސިން ޓޭބަލްގެ ދަމާ ވަތްގަނޑު ތެރެއިން ދެ ކައްޓާ ފެނިފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ނަބީލް ދިރިއުޅޭ ގ. ކަމަރާގޭގެ ކޮޓަރިން 31 ގްރާމް ޑައިމޯފިން އާއި 231.3 ގްރާމްގެ ކެނެބިސް އަދި 25.7 ގްރާމްގެ ކެނަބިސްއާއި އެހެން ކޮތަޅަކުން 85.8 ގްރާމްގެ ކެނެބިސް ފެނުނު ކަމަށް ދައުވާގައިވެއެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލުމާ އެކު 100،000 ރުފިޔާއިން ޖޫރިމަނާކުރަން ހުކުމްކޮށްފައެވެ.
ނަބީލަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި ވެސް ޖަލަށްލީ މީހެކެވެ. އެ ގޮތުން، އޭރު އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާގައެވެ.
އެ ފަދަ މައްސަލަތަކުގައި އެތައް ފަހަރަކު ނަބީލް ހައްޔަރުކުރިއެވެ.