"ރާއްޖޭގައި ނޯވޭ އަންހެން ފުޓްބޯޅައިގެ ޑޮމެސްޓިކް މުބާރާތެއް. ހަމައެކަނި ފިރިހެން ކުދިންނާ ޔޫތު ޓީމުތަކާ ދެކޮޅަށް ޕްރެކްޓިސް މެޗުތަކެއް މި ލިބެނީ،"
މިއީ މި ފަހަރުގެ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން ތިން މެޗުން ރާއްޖެ ބަލިވުމާ އެކު މުބާރާތް ބޭއްވި ވިއެޓްނާމުގެ ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި އަންހެން ގައުމީ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ދެއްކި ވާހަކައެކެވެ.
ވިއެޓްނާމުގެ މީޑިއާތަކުން ވަނީ ރާއްޖޭގެ ނަތީޖާ އެހާ ގޯސްވި ސަބަބުތައް އާތީ ކައިރިން އަހާފައެވެ. އެ ސުވާލުތަކަށް އާތީ ޖަވާބުދެމުން ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދިނެވެ.
މި ނޫސްވެރިންގެ ބައްދަލުވުމާ ކުރިމަތިލުމުގެ ކުރިން ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވަނީ މުބާރާތް ބާއްވާ ވިއެޓްނާމު އަތުން 7-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ދެވަނަ މެޗުގައި އެމެރިކާއަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ގުއާމް އަތުން 3-0 އިން ބަލިވިއިރު، ޔޫއޭއީ އަތުން ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.
ނިސްބަތުން ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ގިނަ ލަނޑުތަކެއް ވަދެފައިވީ ނަމަވެސް އަންހެން ޓީމުގެ ހިތްވަރަށް ސާބަހެވެ. މީގެ ކުރިން ދުނިޔޭގެ އަންހެން ފުޓުބޯޅައިގެ ވަރުގަދަ ގައުމެއްގެ ގޮތުގައި އޮތް ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 16-0 އިންނެވެ. ރާއްޖެއިން މި މުބާރާތުގައި ޓާގެޓުކުރީ ވިއެޓްނާމުން ރާއްޖެކޮޅަށް އަށް ލަނޑު ޖެހިޔަނުދީ ހިފެހެއްޓުމަށެވެ. އެކަން ހާސިލު ވެސް ކުރިއެވެ.
ވިއެޓްނާމުގެ ނޫސްވެރިންނާ ވާހަކަދައްކަުން އާތީ ބުނީ، ރާއްޖެ ކަހަލަ 100 ޕަސެންޓް މުސްލިމް ގައުމެއްގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި ޒަމާނުއްސުރެ އޮންނަ ގަބޫލުކުރުންތަކާއި ވިސްނުންތަކުގެ ސަބަބުން ކުޅުންތެރިން ހޯދުމާއި ތަރައްގީކުރުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ. އަދި، ވިއެޓްނާމް ފަދަ ވަރުގަދަ ޓީމުތަކާ ކުޅުމަކީ ކުޅުންތެރިންނަށް ދަސްކުރަން ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގައި އާތީ ފާހަގަކުރިއެވެ.
ކޯޗު ބުނީ، ރާއްޖޭގެ އަންހެން ގައުމީ ޓީމަށް ބޭނުންވަނީ ގިނަ މެޗުތަކެއް ކަމަށާއި ގިނަ މުބާރާތްތަކާއި މެޗުތައް އިތުރުވާ ވަރަކަށް ޓީމުގެ ހާލަތު ރަނގަޅުވާނެ ކަމަށެވެ.
އެފްއޭއެމުން އެންމެ ފަހުން އަންހެން ފުޓުބޯޅަ މުބާރާތެއް ބާއްވާފައިވަނީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން ބާއްވަން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދީ ބޭއްވޭގޮތެއް ނުވިއެވެ.