މޮރޮކޯ ސަރުކާރުން ދިވެހި އިމާމުންނަށް، އެ ގައުމުގައި އަރަބި ކިޔަވަން ފުރުސަތު ދެނީ

ޝަހީމް، މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު މާލިކީއާ ޖަނަވަރީ މަހު ބައްދަލުކުރެއްވުން: ދިވެހި އިމާމުންނަށް މޮރޮކޯގައި އަރަބި ކިޔެވުމުގެ ފުރުސަތު ދޭން ވަނީ ނިންމައިފައި -- ފޮޓޯ/ ޕީއެސްއެމް

މޮރޮކޯ ސަރުކާރުން، ދިވެހި އިމާމުންނަށް އެ ގައުމުގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ދޭން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ފުރުސަތު ހަމަޖެހުނުކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށެވެ.

މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވެވި ސިޓީފުޅަކާ ގުޅިގެން ފަހިވި ފުރުސަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެކަމާ ގުޅޭ އެއްބަސްވުން މޮރޮކޯ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އިމާމުންނަށް އަރަބި ބަސް އުނގެނުމުގެ ފުރުސަތު ހަމަޖެހޭނީ އެ ގައުމުގެ ރަސްގެފާނުގެ ޚާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިޓިއުޓަކުން ކަމަށެވެ.

އެ އިންސްޓިޓުޓްގައި ކިޔަވާ މީހުންނަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓް މަނީ ވެސް ދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އިމާމުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން އިތުރު ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިދިޔަ އަހަރު 100 އަށްވުރެ ގިނަ އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހޯދައިދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް