އިކާން އުޅުނުގޮތުން ރޫބީގެ ކައިރިއަށް ހިނި އައެވެ. ކުދިކުދި ކަންކަމުގައިވެސް އިކާން ރޫބީއަށް އިސްކަންދޭ މިންވަރާއި، ރޫބީއާއިމެދު ވިސްނާވަރު އެނގުމުން، ރޫބީގެ ހިތަށް ބަޔާންކުރަންދަތި އުފާވެރިކަމެއް ލިއްބައިދިނެވެ.
********
"އިށީންނަންވީނު..." އެނދަށް އިޝާރާތް ކުރަން އުޅެފައި، އެއްޗެއް ހަނދާންވާ ފަދައިން އިކާން އަވަހަށް ސޯފާއަށް އިޝާރާތްކުރިއެވެ.
ބަސްއަހާ ކުއްޖަކު ފަދައިން ރޫބީ ސޯފާގެ އެއްކޮޅުގައި އިށީނެވެ. އިކާން އިށީނީ ހަތަރު ވަރަކަށް ފޫޓުގެ އެ ސޯފާގެ އަނެއްކޮޅުގައެވެ. ދެމީހުންގެ ދެމެދުގައި އެކަށީގެންވާ ވަރަށް ހުސްޖާގަ އޮތެވެ. ރޫބީ އިސްޖަހާލައިގެން އިންއިރު، ދައްކާނެ ވާހަކައެއް ނޭނގިގެން އިކާން އިނީ ކުރިމަތީގައި ހުރި ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. ޓީވީ ހުރީ ނިވާލާފައެވެ. އިކާންގެ ކުރިމަތީގައި ޓީވީގެ ރިމޯޓު އޮތެވެ. ދޭތެރެއަކުން ރޫބީގެ އަތަށް ނަޒަރު ހިންގައިލިޔަސް، އެ އަތުގައި ހިފާލާނެ ހިތްވަރެއް އިކާނަކަށް ނުލިބުނެވެ. އިކާން ރިމޯޓު ނެގިއެވެ. ޓީވީ ހުޅުވިއެވެ. ޓީވީއިން ދެއްކީ އެވަގުތަށް އެންމެ އެކަށީގެންވާފަދަ މަންޒަރެއް ނޫނެވެ. އިކާން އަވަހަށް ޗެނަލް ބަދަލުކޮށްލިޔަސް، ފެނުނު މަންޒަރުން ރޫބީ އިނީ ލަދުން ވިރޭވަރު ވެފައެވެ.
"ކޮފީއެއް ގިރަމާ..." ޓީވީގެ ރިމޯޓު ރޫބީގެ އަތަށް ދިއްކޮށްލަމުން އިކާން ތެދުވިއެވެ.
ރޫބީއަށް ރިމޯޓުގައި ހިފުނީ އިކާންގެ އިނގިއްޔާއި އެއްކޮށެވެ. އިކާން ބަލައިލިގޮތުން ރޫބީ އަވަހަށް ރިމޯޓު ދަމައިގަތެވެ. ކަންތައް ވީގޮތުން އިކާން ހީކުރާނީ ރޫބީ ގަސްދުގައި ކުރި ކަމެއް ކަމަށެވެ. އަމިއްލަ ނަފުސަށް އަޑުލަމުން ރޫބީ އަވަހަށް ރިމޯޓު ބޭއްވިއެވެ. ރޫބީ ބިރުން އުޅުނުގޮތުން އިކާންއަށް މަޖާވިއެވެ.
"ރޫބީ ރެސްޓްކޮށްލާ!... އެބަ އަންނަން ކޮފީ ގިރައިގެން..." އިކާން ކޮފީމޭޒާއި ދިމާއަށް ހިނގައިގަތެވެ.
ހުދުކުލައިގެ ޓީޝާޓަކާއި، މަޑު ނޫކުލައިގެ ޖީންސްގައި އިކާން ފެންނަނީ ފިރިހެންވަންތަކޮށެވެ. ކޮފީ ގިރަން ހުރިއިރު، އަތުން ކޮށްލާ ހަރަކާތްތައް ފުރިހަމައެވެ. ފިރިހެނަކު އެފަދަ ކަންކަން ކުރުމަކީ ރޫބީގެ ހަޔާތަށް ގެންނަ ބައިވެރިޔާގެ ކިބައިގައި ހުރުމަށް ރޫބީގެ ހިތް އެދުނު ސިފަތަކުގެ ތެރޭގައި ހިމެނޭ އެއް ސިފައެވެ. ހާމައަށް ފެންނަން އޮތް އިކާންގެ ދެއަތުގެ މުލައްދަނޑީގެ ޖާދޫގައި ޖެހި ރޫބީގެ ހިތް ހައްޔަރުވިއެވެ. މޭޒުމައްޗަށް އެތިކޮޅެއް އެޅިދާނެތީ ބަލައިގެން އުޅުނުގޮތުން އިކާން ސާފުތާހިރުކަމަށް ލޯބިކުރާވަރު ރޫބީއަށް ހާމަވިއެވެ. ޓީވީ ހުޅުވާފައި ހުއްޓަސް، ރޫބީގެ ޝައުގުވެރިކަން އަތުލާފައިވީ އިކާންގެ ހަރަކާތްތަކެވެ. އެނޫން ދިމާއެއް ނުބެލުނެވެ. ކޮފީތަށި ހިފައިގެން އިކާން އެނބުރުމުގެ ކުރިން ރޫބީ އަވަހަށް ޓީވީއަށް ނަޒަރު ހުއްޓައިލިއެވެ.
"ވަރަށް ހޫނު އިނގޭ..." ރޫބީގެ އަތަށް ކޮފީތަށި ދީފައި، އިކާން ސޯފާގައި އިށީނެވެ. ކުރިން ދުރުގައި އިށީނަސް، އެފަހަރު އިކާން އިނީ ރޫބީގެ ގައިގައި ޖެހޭހައި ކައިރީގައެވެ.
ނޭވާލާންވެސް އުނދަގޫވެފައި އިން ރޫބީއަށް ކޮފީތަށި ހޫނުކަންވެސް އެނގުނީ، އިކާން ތެޅިގަނެފައި ކޮފީތަށި އަތުލުމުންނެވެ.
"ބުނީމެއްނު ހޫނުވާނޭ... ފިހުނުތަ؟..." ކޮފީތަށި މޭޒުމަތީގައި ބައިންދާފައި އިކާން ރޫބީގެ އަތުގައި ހިފައިލިއެވެ. މަޑުމަޑުން އަތަށް ފުމެލިއެވެ.
"ނޫން..." ރޫބީ އުޅުނީ އަތް ދަމައިގަންނާށެވެ. އިކާން އެފުރުސަތު ނުދޭނެކަން އެނގޭތީ ރޫބީ މަޑުން އިނެވެ.
"ރަތްވެފައެއްނު މިއޮތީ..." އިކާން އިނީ ހާސްވެފައެވެ.
އިކާން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މިނީބާ ހުޅުވައިލިއެވެ. އޭގައި ހުރި ކުދި ދަޅުތަކުން ދަޅެއް ނަގައިގެން އައިސް، ރޫބީގެ އަތުގައި ޖައްސައިލިއެވެ. ފިނިވީވަރުން ރޫބީއަށް އަތް ދަމައިގަނެވުނެވެ. އޭރުވެސް އޭނާއަށް އިނދެވުނީ އިކާންގެ މޫނަށް ބަލާށެވެ. ކަންބޮޑުވުން ފެންނަމުންދިޔަ އެ މޫނުން ރޫބީއަށް ކުޑަވެސް ގެއްލުމެއް ވާން ނޭދޭކަން ބުނެދެމުން ދިޔައެވެ.
އިކާނަށް ރޫބީ އެހާ މުހިއްމުވީ ކީއްވެ ހެއްޔެވެ؟ ރޫބީއަށް ކަމެއްވުމުން ހީވަނީ އިކާންގެ ގައިގައިވެސް ވޭންއަޅާ ހެންނެވެ. ޔަގީނުންވެސް އެއީ ދެއްކުންތެރިކަމެއް ނޫނެވެ. ކުރިން ރޫބީއަށް ނަފުރަތުކޮށްފައި އެހާ ކުއްލިއަކަށް އިކާން އޭނާދެކެ ލޯބިވެދާނެ ހެއްޔެވެ؟ ރޫބީގެ ހިތް މަޑުމަޑުން އިކާނަށް ލެނބެމުންދިޔައީ އަމިއްލަ އިހުތިޔާރެއް ނެތިއެވެ. ކުޑައިރު، ރޫބީއަށް އެތައް އަނިޔާއެއް ލިބުނެވެ. ލޭމަނާނުވާ ވަރަށް ތަންތަން ހަލާކުވިއެވެ. އެކަމަކު، އެވަރުގެ އަޅާލުމާއި އޯގާތެރިކަމެއް އެހެން މީހެއްގެ ފަރާތުން ރޫބީއަށް އިހުސާސް ކުރެވިފައެއް ނުވެއެވެ.
"މާބޮޑަށް ތަދުވީތަ؟..." އިކާން ހީކުރީ ރޫބީ ތަދުވެގެން އަތް ދަމައިގަތީ ކަމަށެވެ. "އެބަ އަންނަން ބޭހެއް ހިފަ..."
އިކާން އުޅުނީ ކޮޓަރިން ނުކުންނާށެވެ. އޭނާގެ ޖުމުލަ ފުރިހަމަވުމުގެ ކުރިން ރޫބީ އިކާންގެ އަތުގައި ހިފައިލިއެވެ. އިކާން ހުރީ އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ.
"ރޫބީ...." އިކާން ބަލައިލިއިރު، ރޫބީ އިނީ އިކާނަށް ބަލަހައްޓައިގެންނެވެ. ދެލޮލުގައި ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރުވިއެވެ. ބޭއިހުތިޔާރުގައި އިކާނަށް ރޫބީގެ ކައިރިއަށް ތިރިވެވުނެވެ.
"ކީއްވެ އަހަންނަށް އެހާ ރަނގަޅީ؟..." ޝަކުވާގެ ރާގަކަށް ރޫބީއަށް އަހައިލެވުނެވެ. "އަހަރެންގެ ޝަރުތު އެނގި ހުރެވެސް އަހަންނާ މެރީކުރަން ބޭނުންވީ ކީއްވެ؟.."
އިކާން ހިނިތުންވެލިއެވެ. ރޫބީގެ ދެލޮލުން ފެނުނީ، އެ ހުރިހާ ދުވަހު އިކާން ދެކެން ބޭނުންވެގެން އުޅުނު އަސަރެވެ. ރޫބީ ގެނެސް ގަޔާއި ބޮނޑިކޮށްލާފައި އެތައް ވައުދެއް ވާން އިކާންގެ ހިތް އެދުނެވެ.
"ބުނަންވީތަ؟..." އިކާންއަށް ހިތްވަރު ލިބުނެވެ. "ރޫބީއަށް އެނގޭތަ އަހަރެމެން ކުރިން ބައްދަލުވިކަން... އަހަންނަށް ރޫބީ ހާއްސަވީ މިހާރު އެކަންޏެއް ނޫން... އެއީ ވިހި......."
އެތައް ވާހަކައެއް ބުނަން ބޭނުންވި ނަމަވެސް އިކާނަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުލިބުނެވެ. ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ.
********
"ކޮން ހޮޓަލެކޭތަ ބުނީ؟..." އިބާ މަސައްކަތްކުރީ ފަޒާލަށް ގުޅާށެވެ. "ފޯނެއްވެސް ނުނަގައޭ..."
"ކޮބާ ކޮންތާކަށްތޯ ދާންވީ؟.... އެހާގިނައިރު އަޅުގަނޑަށް މަޑެއް ނުކުރެވޭނެ އިނގޭތޯ..." ޑްރައިވަރު އިނީ ލަސްވެގެން ހިތްހަމަނުޖެހިފައެވެ. ހުޅުމާލެ އައިގޮތަށް އިބާ އެ ޓެކްސީ ހުއްޓުވައިގެން އިންނަތާ ބައިގަޑިއިރަށްވުރެ ގިނަވީއެވެ.
"ހިނގާ މިތަނަށް ފައިބަމާ..." ޔަޒްދާން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ޔަޒްދާން ދިރިއުޅޭ ގެއާއި އެ ހިސާބު މާ ދުރެއް ނޫނެވެ. ޑްރައިވަރު ހިތްހަމަޖެހޭވަރަށް ފައިސާ ދީފައި ޔަޒްދާން ކާރުން ފޭބިއެވެ.
"ފަޒާލްގަނޑު... ގަސްދުގަ ލަނޑުދޭންވެގެން ފޯނު ނުނަގަނީ..." އިބާ ތުންފިއްތާލައިގެން ހުރެ ޔަޒްދާންގެ ފަހަތުން ހިނގައިގަތެވެ. "މީ ޔަޒްދާންބެ ގެ ކައިރިއެއްނު... ހިނގާ އިހަށް ގެއަށް... ތާސްޓީވެއްޖެ... އެ ފަޒާލްގަނޑު ގުޅީމަ ހޭއަރުވާލަންޖެހޭނެ.... މިރޭ ދެން އެހެން ކަމެއް ނުކުރެވޭނެ..."
"އަދިވެސް މާލެދާ ހިޔާލެއް ނުކުރަންތަ؟... މީ ހާދަ މޮޔަ ކުއްޖާފުޅެކޭ..." ޔަޒްދާން އިބާގެ ބޮލުގައި ޝަހާދަތް އިނގިލި މަޑުމަޑުން ކޮއްޕައިލިއެވެ.
"ކީއްވެ މޮޔައޭ ތިބުނީ؟... އޭނ؟... އިބާ މޮޔައެއް ނުވާނެ އިނގޭ... އިބާއަށް އެއިޓީންވާން އުޅެނީ..." ޔަޒްދާންގެ ކުރިމައްޗަށް އަރަމުން، އިބާ ބުނެލިއެވެ. ޔަޒްދާން ކުރިއަށް ހިނގަމުންދިޔަ ވަރަކަށް، އޭނާގެ ކުރިމަތީގައި ހުރި އިބާ ފަހަތަށް ފިޔަވަޅު ނަގަމުން ދިޔައެވެ.
"އެއިޓީންވިޔަސް، ސިކުނޑި މިވަރު..." ޔަޒްދާން އަތުން އިޝާރާތްކުރިއެވެ. "އިބާއަށްވުރެ ސިކްސް އިޔަރސް ކިޑެއްވެސް ވިސްނުންތޫނުވާނެ..."
ގޭގެ ދޮރު ހުޅުވުމަށް ތަޅު ކައިރިއަށް ޖެހުނު ވަގުތު، ޔަޒްދާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ދޮރު ހުރީ ކުޑަކުޑަކޮށް ހުޅުވިފައެވެ. ޔަޒްދާން މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އިބާ އޭނާގެ ފުރަގަހަށް ލިއެވެ.
"ކުރަތްޕެއްތަ؟..." އިބާ ހީކުރީ ޔަޒްދާނަށް ކުރަތްޕެއް ފެނުނީ ކަމަށެވެ. އަޑު ބާރުކަމުން މުޅި ތަން އެކޯވެގެން ދިޔައެވެ. ވަށައިގެން ހުރި ފާރުތަކުގައި އިބާގެ އަޑު ޖެހިފައި އެނބުރި އިބާގެ ކަންފަތަށް އެ އަޑު އިވުނެވެ.
"ޝްޝްޝް..." ޔަޒްދާންއަށް އިބާގެ އަނގަމަތީގައި އަތް އެޅުނުއިރު ވަގުތު ފާއިތުވެއްޖެއެވެ.
އެތެރެއިން އެއްޗެހިތަކެއް ފައިބައިގަތް އަޑު އިވުނެވެ. އެތެރޭގައި ހުރި މީހަކަށް އިބާގެ އަޑު އިވުނީކަން ޔަޒްދާނަށް ކަށަވަރު ވިއެވެ. އިބާގެ ދެލޯ ބޮޑުވިއެވެ. ވެގެންއުޅޭގޮތް އެނގުމުން، އިބާގެ ހިތުގައި ބިރުވެރިކަމަށްވުރެ ބޮޑަށް އުފެދުނީ ޝައުގެވެ.
"ވަގެއްތަ؟..." އިބާ ސިއްރުން އަހައިލިއެވެ.
"ޝްޝްޝް... މިތާ މަޑުކުރޭ!... އެތެރެއަށް ނުވަންނާތި!..." ޔަޒްދާން ގޭތެރެއަށް ވަންއިރު، އިބާ ހުރީ އެތެރެއަށް ވަންނަހިތުން ކެތްމަދުވެފައެވެ.
ޔަޒްދާން ބުނި އެއްޗެއް އަޑުއެހުމެއްނެތި އިބާ މަޑުމަޑުން ގޭތެރެއަށް ވަނެވެ. އެތެރެ އޮތީ އަނދިރިކޮށެވެ. ދޮރުން ބޭރުން އެޅިފައިވާ ފަނޑު އަލިކަމެއް ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ފައިދަށުގައި ހުރި އެއްޗެހި ގިރާކުރަމުން ކުރިއަށްދިޔަ އިބާއަށް ޔަޒްދާން ކުރިއަށް ދާތަން ފެނެއެވެ. ޔަޒްދާން ދިޔައީ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. ޔަޒްދާން ކޮޓަރިއަށް ވަން ވަގުތު، ސިޓިންގްރޫމުގައި ހުރި ބޫޓު ހަރުގެ އަނެއް ފަރާތުން މީހެއްގެ ހިލަންވިހެން އިބާއަށް ހީވިއެވެ. އެމީހަކު އުޅުނީ ދޮރުން ބޭރަށް ދެމިގަންނާށެވެ. އިބާ ކުއްލިއަކަށް ދޮރުމައްޗަށް އެރިއެވެ. ކުޑަކޮށް ފުންމާލާފައި ކަހަލަ ގޮތަކަށް ފައިން އެމީހެއްގެ މޫނުމަތީގައި ޖަހަން އުޅުނެވެ. އިބާގެ ހަމަލާ ނާކިޔާބުވިއެވެ. އެމީހަކު ދާދި ފަސޭހައިން އިބާގެ ފައިދަށުން ދެމިގަނެގެން ބޭރަށް ނުކުތްއިރު، އިބާ އޮތީ ފައި އޮޅިގެން ތިރިއަށް ވެއްޓިފައެވެ. މުޅި ގޭތެރެ އަލިވީއިރު، އިބާ އޮތީ ގުޑިވެސް ނުލެވިފައެވެ. ދެލޮލުން ކަރުނަ އަންނަމުންދިޔައިރުވެސް އިބާ މަސައްކަތްކުރީ ގަދަކަމުން ހޭށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އިބާގެ އަތުގައި އެމީހަކާއި ދެކޮޅަށް ބޭނުންކުރާނެ ހެއްކެއް އޮތެވެ. ވެއްޓެންދިޔަ ވަގުތު އިބާ ވަނީ އޭނަގެ މަގުސަދު ހާސިލުކޮށްފައެވެ.
"މި...އޮ...ތީ..." އިބާ މުށް ހުޅުވައިލިއެވެ.
"އިބާ.." ޔަޒްދާނަށް ދުވެފައި އިބާގެ ކައިރިއަށް ދެވުނު ގޮތްވެސް ނޭނގުނެވެ.
********
ދޮރުމަތީގައި ހުރީ، ފަޒާލެވެ. ފަޒާލް ދިއްކޮށްލީ، އިކާންއާއި ރޫބީގެ ފޯނެވެ. ރޫބީގެ ފޯނު ވެއްޓުނުގޮތަކުން އަރިމަތިން ތަންކޮޅެއް ތަޅައިގެންގޮސްފައި އޮތެވެ. އިކާން ފޯނުގައި ހިފުމުން ފަޒާލް ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އެއްޗެއް ހަނދާންވާ ފަދައިން ހުއްޓުނެވެ.
"މިދަނީ ފްރެންޑަކާ މީޓްކޮށްލަން.. ފަތިހު އަންނާނަން..." ފަޒާލްގެ މަގުސަދަކަށްވީ، އިކާން އާއި ރޫބީއަށް ވަގުތު ދިނުމެވެ. "އިބާ ގުޅި... މައްސަލައެއް ގޯސްވެދާނެތީ އަހަރެން ބުނިން މިކޮޅަށް އައި ވާހަކަ..."
ރޫބީގެ ފޯނުގެ އިސްކްރީން ދިއްލުނެވެ. އިސްކްރީނަށް އަރާފައި އޮތް ނަން ކިޔައިލުމާއިއެކު، އިކާންގެ ހިތް ހީވީ ހުއްޓުނުހެންނެވެ.
"އޯލްޑް ކްރަޝް..." އިކާނަށް ބަލައިލެވުނީ ރޫބީއަށެވެ.
ރޫބީ ގަޔާވެޔޭ ބުނި މީހަކީ އެއީބާއޭ އިކާންގެ ހިތަށް އެރިއެވެ. ބޭއިހުތިޔާރުގައި އިކާނަށް ފޯނު ނަގައި ކަންފަތުގައި ޖައްސައިލެވުނެވެ. ފޯނުގެ އަނެއްކޮޅުން އިވުނީ އިކާން ކުޑަކޮށްވެސް އުއްމީދުކުރި އަޑެއް ނޫނެވެ.
"ޔަޒްދާން..." އިކާނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ.
"ރޫބީ... ރޫބީ..." ޔަޒްދާން ކަންބޮޑުވެފައި ރޫބީއަށް ގޮވަމުން ދިޔައެވެ.
"ޔަޒްދާން..." އިކާންއަށް އެއްޗެއް ނުބުނެ ނުހުރެވުނެވެ.
ރޫބީގެ ފޯނުން އިކާން ވާހަކަ ދެއްކުމުން، ޔަޒްދާނަށް ސިހުމެއް ލިބުނެވެ. އެދެމެދުގައި އޮތް ގުޅުން އެހާ ގާތް ހަރުފަތަކަށް ދިޔަކަމެއް ޔަޒްދާނަށް ކުރިއަކުން ނޭނގެއެވެ.
"ރޫބީގެ ފޯނު ދޯ ތީ؟... ކާކު ގުޅީ؟..." ރޫބީ ސޯފާއިން ތެދުވެގެން އިކާންގެ ކައިރިއަށް ދިޔައެވެ.
"އޯލްޑް..ކްރަ......" އިކާންގެ ޖުމުލަ ފުރިހަމަނުވަނީސް، ރޫބީ އަވަހަށް އިކާންގެ އަތުން ފޯނު އަތުލިއެވެ.
"ހަލޯ... އޭނ؟... ކީކޭ؟..." ރޫބީ ފޯނު ކަންފަތުގައި ޖެހި ވަގުތު ޔަޒްދާން ބުނި ވާހަކައަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ.
********
ދުވެފައި ހޮސްޕިޓަލުގެ ތެރެއަށް ވަން، އިކާން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ލިފްޓަށް އިންތިޒާރުކުރާ ވަރަށްވުރެ އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ވޯޑަށް ވަން އިކާންއަށް އިބާ ފެނުނީ އެނދެއްގައި އޮއްވައެވެ. އިބާގެ އެއް އަތާއި އެއް ފައިގައި ޕްލާސްޓަރު އަޅާފައި އޮތެވެ. އިކާންއަށް ފެނިދާނެތީ އިބާ އޮތީ މޫނުގައި އަތް އަޅައިގެންނެވެ. ޔަޒްދާން އިކާނަށް ގުޅިކަން އެނގުމުންވެސް، އިބާ އޮތީ ނުތަނަވަސްވެފައެވެ.
"ދޮންބެއަށް އެނގެޔޭ ތީ އިބާކަން..." އިބާގެ މޫނުމަތީގައި އޮތް އަތް ނަގަން މަސައްކަތް ކުރަމުން އިކާން ބުނެލިއެވެ.
"އާޙްޙްޙް..." އިބާ ތަދުވާ ކަމަށް ހެދުނެވެ.
އިކާން ދެލޯ ހަނިކޮށްލަމުން ފަހަތުގައި ހުރި ޔަޒްދާނަށް ބަލައިލިއެވެ. އިބާ އޮތް އެނދުގެ ވަށައިގެން ފޮތިގަނޑު ދަމައި، ނިވާކޮށްފައި އިކާން ޔަޒްދާނާއި ކުރިމަތިލިއެވެ. އިކާން ވޯޑުން ބޭރަށް ނުކުތުމުން، އެއްޗެއް ވިސްނުނު ފަދައިން ޔަޒްދާންވެސް ފަހަތުން ނުކުތެވެ. އިކާން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ވެދިޔަ ހުރިހާ ކަމެއް ގުޅިފައިވީ ޔަޒްދާންއަށެވެ. އެއްކޮޅުން އިބާއެވެ. އަނެއްކޮޅުން ރޫބީއެވެ. ޔަޒްދާންގެ ސަބަބުން އިކާން ބޭނުންވާގޮތަށް އެއްކަމެއްވެސް ނުދެއެވެ. ރޫބީގެ ހިތް ދެވިފައިވާ ޒުވާނަކީ ޔަޒްދާންކަން އެނގުމުން، އިކާންގެ ހިތަށް ވެފައިވީ އުނދަގޫ ގޮތެކެވެ.
"އިކާން ލުކް... އައި އޭމް ސޮރީ.." އިބާއަށް ވީގޮތުން ޔަޒްދާން ހުރީ ދެރަވެފައެވެ.
އިކާންގެ އަތް މުށްކެވުނެވެ. ޔަޒްދާންގެ އަޑު އިވުމުންވެސް އިކާންގެ ލޭ ހޫނުވިއެވެ. ޔަޒްދާންގެ ގަމީހުގެ ގިރުވާނުގައި ހިފިގޮތަށް ފާރުގައި ޖައްސައިލިއެވެ. ދެމީހުންގެ ދެމެދުގައި އިސްކޮޅުގެ ފަރަގު ހުއްޓަސް، ޔަޒްދާންގެ ކައިރީގައި އިކާން މާ ވަރުގަދައެވެ.
(ނުނިމޭ)