ކޮންމެ ހަތަރު އަހަރުން އެއްފަހަރު ބާއްވާ ފުޓުބޯޅައިގެ އެންމެ ބޮޑު އިވެންޓު، "ވޯލްޑް ކަޕް"އާ ގުޅިގެން ރިލީޒްކުރާ އޮފިޝަލް ލަވައަކީ ގިނަ ބައެއް އެއާ މެދު ވާހަކަ ދައްކައި، ފާޑުކިޔައި އެއްޗެކެވެ. ކުރިއަށް އޮތް ވޯލްޑްކަޕް ކައިރިވާއިރު ރަސްމީ ލަވަ ކިޔާނެ މީހުން މިއޮތީ މިހާރު އެނގިފައެވެ.
ކޮންމެ ވޯލްޑް ކަޕްގެ ލަވަތަކަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާ ލަވަތަކެކެވެ. އަދި، އަނެއްބައެއްގެ މެދުގައި ފާޑުކިޔުން ވެސް ރައްދުވާ ލަވަތަކެކެވެ. ކޮންމެގޮތެއް ވިޔަސް މި ލަވަތަކަކީ އެންމެ ގިނަ ބަޔަކު އެ ދުވަސްވަރެއްގައި ވާހަކަދައްކާ އެކައްޗެވެ.
ވޯލްޑްކަޕާ ދިމާކޮށް ތަފާތު ލަވަތަކެއް ނެރުނު ނަމަވެސް އޭގެތެރެއިން ހިމެނޭ ރަސްމީ ލަވައެއް އޮންނާނެއެވެ. އަންނަ އަހަރު އެމެރިކާ ބައްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕުގެ ރަސްމީ ލަވަކިޔާނީ ހޯލީވުޑްގެ މި ވަގުތުގެ އެންމެ ނުފޫޒުގަދަ ފަންނާނުންނެވެ.
އަންނަ އަހަރުގެ ރަސްމީ ލަވަ ނެރުމަށް މަސައްކަތް ކުރަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭއާއި ވީކެންޑް އެކީ ގުޅިގެންނެވެ. ދެ މީހުން އެކުގައި ތައްޔާރުކުރާ މި ލަވައިގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެއެވެ.
ލަވައާ ގުޅޭ އިތުރު މައުލޫމާތެއް ހިސާކޮށްފައިނުވި ނަމަވެސް މިހާރު މަސައްކަތް ކުރަމުން އަންނަނީ އެންމެ ގުޅޭނެ ރާގެއް އުފެއްދުމުގެ މަސައްކަތް ކަމަށް މައުލޫމާތު ލިބެއެވެ.
އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑަޕްގެ ރަސްމީ ލަވައަކީ ޓްރިނިޑާޑް ކާޑޯނާއާއި ޑަވީޑޯ އަދި އައިޝާ ކިޔާފައިވާ "ހަޔާ ހަޔާ"އެވެ. ނަމަވެސް، އެ އަހަރު އެންމެ ވައިރަލް ވީ މަރިޔަމް ފާރެސްއާއި މަލޫމާ އަދި ނިކީ މިނާޖް ކިޔާފައިވާ "ތުކު ތާކާ"އެވެ. އޭގެ ކުރީން ބޭއްވި ވޯލްޑްކަޕްގެ ލަވައަކީ އިރާ އެސްތުރާފީއާއި ވިލް ސްމިތު އަދި ނިކީ ޖޭމްގެ "ލިވް އިޓް އަޕް"އެވެ.
ނަމަވެސް މިހާތަނަށް ނެރުނު ވޯލްކަޕްގެ ލަވަތަކުގެ ތެރެއިން އަދިވެސް އެންމެ ގިނަ ބަޔަކަށް ކަމުދަނީ ޝަކީރާ، 2010 ވަނަ އަހަރުގެ ވޯލްޑްކަޕްއަށް ކިޔާފައިވާ "ވައްކާ ވައްކާ"އެވެ. މިއީ އަދިވެސް ގިނަ ބަޔަކު ބުނާގޮތުގައި މިހާތަނަށް ނެރުނު އެންމެ މޮޅު ވޯލްޑްކަޕް ލަވައެވެ.