ގްރޫމްކުރުން ފަދަ ސީރިއަސް ތުހުމަތުތައް ފެންމަތިވެފައިވާ ދެކުނު ކޮރެއާގެ އޭ ލިސްޓް ތަރި ކިމް ސޫ ހިޔުންގެ ވާހަކަ ގެނެސްދިން މީޑިއާތައް އެ ގައުމުގެ ޕްރެސް އެތިކްސް ކޮމިޝަން (ކޭޕެކް)އިން ކުށްވެރިކޮށްފިއެވެ.
ދެކުނު ކޮރިއާގެ އެންމެ ހިޓު ޝޯތައް ކަމަށްވާ "އިޓްސް އޯކޭ ނޮޓް ޓު ބީ އޯކޭ"އާއި "ކްރޭޝް ލޭންޑިން އޮން ޔޫ" ފަދަ ޝޯތަކުން ފެނިފައިވާ ތަރި ސޫ ހިޔުންއާ ދެކޮޅަށް ގްރޫމް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއަށް ފަހު އެތައް ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންދަނިކޮށް މީޑިއާތަކުން މި ވާހަތައް އާންމުކުރަން ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ނަމަވެސް، މީޑިއާތަކުން މި ވާހަކަތައް ހިއްސާކޮށް އާންމުންގެ ސަމާލުކަމަށް ގެނައުމާ ގުޅިގެން ކޭޕެކްއިން ގޯސްކުރީ މީޑިއާއެވެ. ކޭޕެކްއިން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީޑިއާތަކުން މި ވާހަކަތައް ހިއްސާކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވަނީސް ކަމަށެވެ. އެއީ، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުން ބޭރުވެފައިވާ އަމަލެއް ކަމުގައި ކޭޕެކްއިން ބުނެފައިވެއެވެ.
ގްރޫމް ކުރުމުގެ މައްސަލައަކީ ކަށަވަރުވެފައިނުވާ މައްސަލައެއް ކަމަށް ވެސް ކޭޕެކްއިން ބުނެއެވެ.
އެހެންނަމަވެސް، ކޭޕެކްއިން މިހެން ބުނަނީ ކިމް ސޫ ހިޔުންް މި ތުހުމަތުތަކަށް ދެކޮޅު ހަދާތީއެވެ. އެކަމަކު، މިކަމަށް ބާރު ދޭ އެތައް ހެއްކެއް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ސްކްރީންޝޮޓްތަކާއި ރިކޯޑިންތަކުގެ އިތުރުން ފައިސާގެ ޓްރާންސެކްޝަންތައް ވެސް ހިމެނެއެވެ.
ކޮންމެއަކަސް މި މައްސަލައާ ގުޅިގެން ކޭޕެކްއިން ވަނީ ކޮރިއާގެ 21 މީޑިއާއެއް ކުށްވެރިކޮށްފައެވެ. އޭގެ ތެރެއިން ބައެއް މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ވެސް އެކަށީގެންވާ ކަމަށް ވަނީ އިޝާރާތްކޮށްފައެވެ.
ކިމް ސޫ ހިޔުންއާ ދެކޮޅަށް މައްސަލަ ފެންމަތިވެފައިވަނީ ޒުވާން އެކްޓަރު ކިމް ސެއިރޯންގެ މަރާ ގުޅިގެންނެވެ. އުމުރުން 24 އަހަރުގެ ސެއިރޯން މަރުވިކަމުގެ ޚަބަރުން ގިނަ ބަޔަކު ސިއްސުވާލާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. ފުރަތަމަ އޭނާގެ މަރުގެ ފަހަތުގައި ވަނީ ގަނާކުރުމުގެ މައްސަލަތަކެއް ކަމަށް ބުނެ އުޅުނެވެ.
ނަމަވެސް، އޭނާގެ މަރާ އެކު ތަފާތު އެކި މައުލޫމާތުތަކެއް ވަނީ ލީކުވެފައެވެ. އެ މައުލޫމާތުތަކުން އެނގުނު ގޮތުގައި މަޝްހޫރު ތަރި ސޫ ހިޔުން ދިޔައީ ސެއިރޯން އެންމެ 15 އަހަރުން ފެށިގެން ގްރޫމްކުރަމުންނެވެ. އަދި, އެންމެ ފަހުން ސެއިރޯން ދޫކޮށްލިއިރު އޭނާގެ ބޮލުގައި ނުދެއްކޭވަރުގެ ބޮޑެތު ދަރަނިތަކެއް އަޅުވައި އެކި ގޮތްގޮތުން ބިރު ދައްކާފައިވާކަން ވެސް ލީކުތަކުން އެނގުނެވެ.