ސީރިއާގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލި، ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) އަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށް ކަނޑައަޅަން އެމެރިކާއިން ނިންމައިފިއެވެ.
މިއަދު އަމަލުކުރަން ފަށަން ނިންމާފައިވާ އެ ނިންމުމަކީ ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހިނގި ހަމަނުޖެހުންތަކަށް ފަހު ސީރިއާއާ އަލުން ގުޅިގެން ސީރިއާ ތަރައްގީ ކުރުމަށް އެހީތެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވައިފައިވާ ސިޔާސަތުތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
އެޗްޓީއެސްއަކީ އަލްގައިދާއާ ކުރިން އޮތް ގުޅުމުގެ ސަބަބުން އެމެރިކާއިން 2018 ވަނަ އަހަރުން ފެށިގެން ''ޓެރަރިސްޓް'' ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތެކެވެ.
ސީރިއާގައި އަލްގައިދާގެ ރަސްމީ ގޮފިކަމަށްވާ އަލް ނޫސްރާ ފްރަންޓުން މި ޖަމާއަތް ފުރަތަމަ އުފެދު ނަމަވެސް އެ މީހުންނާ އޮތް ގުޅުން ރަސްމީކޮށް ކަނޑާލީ 2016 ވަނަ އަހަރު އެޗްޓީއެސްގެ ލީޑަރު އަހުމަދު އަލް ޝަރާއާ އެ ޖަމާއަތުގެ މިނިވަންކަން އިއުލާން ކުރުމުންނެވެ.
އަސަދު މަގާމުން ދުރުކުރި އިދިކޮޅު ބާރުތަކުގައި އިސްކޮށް އުޅުއްވި އަލްޝަރާ އަކީ ސީރިއާގެ މިހާރުގެ ރައީސްއެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު، ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހި ކުރުމުގެ ގޮތުން، އަލްޝަރާ ވަނީ ފްރާންސް ރައީސް މެކްރޮން އިމަނުއެލްއާއި ބައްދަލުކުރައްވާފައެވެ. އޭގެފަހުން މެއި މަހު އެމަނިކުފާނު ވަނީ ސައުދީ އަރަބިއާގެ ރިޔާދުގައި ޓްރަމްޕާ ވެސް ބައްދަލުކުރައްވާފައެވެ.
އޭގެ ފަހުން އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއިން ވަނީ ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފައެވެ.
ރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ރަސްމީކޮށް އުވާލާފައި ވަނީ ޖޫން 30 ވަނަ ދުވަހުއެވެ.
ސީރިއާގައި 2011ވަނަ އަހަރު ހިނގި ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއިން ވަނީ ވަރަށް ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމަށް އަޅާފައެވެ.
ސީރިޔާގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ 2011 ވަނަ އަހަރު، އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އާންމު ރައްޔިތުން ހަތިޔާރު އުފުލުމާ ގުޅިގެންނެވެ. ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސުން ބުނީ، އެ ހަނގުރާމައިގައި މަރުވެފައިވާ ކަން ކަށަވަރު ކުރެވޭ މީހުންގެ އަދަދު 507,000 އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
ދާޚިލީ ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން މީހުންގެ ގެދޮރު ނެތިފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.