ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނަށް ގުޅައި، 8،396 މީހުން ނަފްސާނީ އެހީ ހޯދައިފިއެވެ.
ސައުވީސް ގަޑިއިރު ޚިދުމަތް ދޭ ގޮތަށް މި ހެލްޕްލައިން ތައާރަފުކުރީ ނަފުސާނީ އެކި ކަންކަން ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށެވެ.
ހަފުތާ 14ގެ ވައުދުފުޅުގެ ދަށުން ނަފުސާނީ އެހީ ފޯރުކޮށްދޭން ހެލްޕްލައިންގެ ޚިދުމަތް ފެށީ ފެބްރުއަރީ 21، 2024ގައެވެ. ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، މިހާތަނަށް 8،396 އަށްވުރެ ގިނަ މީހުންނަށް އެ ހެލްޕްލައިނުން ނަފުސާނީ އެހީ ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން، މިދިޔަ އަހަރު އެ ޚިދުމަތް ދެވުނީ 2،576 މީހުންނަށެވެ. އެކަމަކު، މި އަހަރުގެ މިހާތަނަށް އައިއިރު، އެ އަދަދު 5،820 އިތުރުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އޭގެއިތުރުން، މި ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީއާއެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މައުލޫމާތު ދިނުމާއި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފާ ކުރަމުންދާނެއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޚާއްސަކޮށް އެ މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި ވެސް އެ ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.