އާންމު ވޯޓަކަށް ދާންޖެހެނީ ގާނޫނުއަސާސީގައި "ތަޅުލެވިފައިވާ" މާއްދާތަކެއް ހުރުމުން: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް: ވިދާޅުވީ އާންމު ވޯޓަކަށް ދާންޖެހެނީ ރައްޔިތުންނާ ގުޅުންހުރި 'ތަޅު ލެވިފައިވާ' ބައެއް މާއްދާތައް ހުރުމުން ކަމަށް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެނީ ގާނޫނުއަސާސީގައި ރައްޔިތުންނާ ގުޅުންހުރި ''ތަޅު ލެވިފައިވާ'' ބައެއް މާއްދާތައް ހުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި އާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ ބަހުސްގައި މެންބަރު ނާޒިމް ވަނީ އާންމު ވޯޓަކަށް ދިޔުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެފަދަ ވޯޓުތައް ކާމިޔާބުކަމާއެކު ނަގާފައިވާކަން ތާރީޚުން ހެކިދޭކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެކަމުން ފިލާވަޅު ލިބިގެން ރާއްޖެއިން ވެސް އެފަދަ ވޯޓެއް ނެގުމާ އެއްކޮޅަށް ނާޒިމް ވަކާލާތުކުރެއްވިއެވެ.

އެންމެ ފަހުން ރާއްޖޭގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ އާ ގާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން އޭރުގެ ޚާއްސަ މަޖިލީހުންކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެއީ ގައުމުގައި ބާއްވާނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބަލަން ނެގި އާންމު ވޯޓެކެވެ.

ނާޒިމް ވިދާޅުވީ އެ ދުވަހު ނެގި ވޯޓުގެ މަތީގައި 'ބަނދެވިގެން' ތިބިތާ އެތައް އަހަރެއް ފާއިތުވެގެން ހިނގައްޖެކަމަށެވެ.

މިހާރު ގާނޫނުއަސާސީގެ ބައެއް މާއްދާތައް ވަނީ ތަޅުލެވިފައި. އަސާސީ ހައްގުތަކުގެ ބާބުގައި ހިމެނޭ ބައެއް މާއްދާތަކާއި އަދި އާންމުންގެ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ކަންތައްތައް ބިނާވެފައި މިވަނީ ގާނޫނުއަސާސީގައި ތަޅުލެވިފައިވާ މާއްދާއާ. އެ މާއްދާތައް ހުޅުވުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް

މިހާރު އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮތް ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެތް ނަމަވެސް، ހުށަހަޅާފައި އޮތް ބިލަކީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަގުފަހިކުރާނެ ބިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

އާންމު ވޯޓު ނެގޭނެ ކަންކަން

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
  • ގައުމީ މުހިންމު މައްސަލަތައް
  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު
  • ރިޔާސަތުގެ ދައުރު
  • ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
  • ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
  • ދިވެހިރާއްޖޭގެ ސަރަހައްދު

މިހާރު ހުށަހަޅާފައި އޮތް ބިލުގައި ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެއެވެ.

comment ކޮމެންޓް