ސަސްޕެންޝަންގައި ހަ މަހު މުސާރަ ދިނުމަށް ފަހު ފަޒުލްގެ ބޭބެ މަގާމުން ވަކިކޮށްފި

އެމްޑަބްލިއުއެސްސީގެ ޑީއެމްޑީކަމުގައި ހުންނެވި ފަޒީލް: އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމާފައި ---

ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީލް ރަޝީދު ހަ މަސް ދުވަހު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު، އެ މަގާމުން ވަކިކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ފަޒީލް ޑިސެންބަރު 19، 2024 ގައި ސަސްޕެންޑުކުރީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހައްގުން މާލެއިން ގޯތިތަކެއް ދިން މައްސަލައިގައެވެ.

އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެއީ، ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރަން ޑިރެކްޓަރުންގެ ބޯޑުން ނިންމި ނިންމުމެއް ކަމަށް އެ ޕޯސްޓުގައިވެއެވެ.

"މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާ އެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ،" ސަސްޕެންޑުކުރިތާ ހަ މަސް ފަހުން ބޯޑުން ނިންމި ނިންމުމާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުންޏެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން ގޯތިތަކެއް ލިބުނު މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ. އޭރު އެ ކަންކަމާ ހަވާލުވެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރު ބޭފުޅެއްގެ ފެންވަރުގައެވެ.

https://sun.mv/204076

އެކަމަކު، މި ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ސަސްޕެންޑުކުރުމުން އަމިއްލައަށް ވަނީ އިސްތިއުފާދެއްވައިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.

https://sun.mv/201039

ފުލުހުން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ބޮޑު ތުހުމަތެއް ކުރެވެނީ ފަޒުލްއަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފަޒުލް ކުރިން ވިދާޅުވީ، އެ ކަމުގައި އޭނާގެ މަސްލަހަތެއް ނެތް ކަމަށާއި އެފަދަ މައްސަލައެއް ފެންމަތިވީ އޭނާގެ ބޭބެއާ ގުޅޭ ގޮތުން ކަމަށްވުމަކީ އިއްތިފާގެއް ކަމަށެވެ.

comment ކޮމެންޓް