އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންނަށް ފުރައްސާރަކުރާ ކަމަށް ތުހުމަތުކޮށް އެ ގައުމުގައި ވެރިކަންކުރާ ޠާލިބާންގެ އިސް ދެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން މިއަދު ނެރެފިއެވެ.
އައިސީސީން ނެރުނު ބަޔާނެއްގައި ބުނީ ޠާލިބާނުންގެ އިސް ލީޑަރު ހިބަތުالله އަޚުންޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލްޙަކީމް ޙައްގާނީ އަންހެނުންނަށާއި، އަންހެން ކުދިންނަށް ފުރައްސާރަ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށެވެ.
"މުޅި އާބާދީއަށް ވަކި ގަވާއިދުތަކަކާއި މަނާކަންތައްތަކެއް ޠާލިބާނުން ކަނޑައަޅާފައިވާއިރު، އަންހެން ކުދިންނާއި އަންހެނުންނަށް ހާއްސަކޮށް އެކަންތައްތައް އަމާޒުކޮށް، އަސާސީ ހައްގުތަކާއި މިނިވަންކަމުން ވަނީ މަހުރޫމްކޮށްފައި." ކޯޓުން ނެރުނު ބަޔާނުގައިވެއެވެ.
އެ ކޯޓުން ބުނީ ތުހުމަތު ކުރެވޭ ޖަރީމާތައް ހިންގާފައި ވަނީ ޠާލިބާނުން ވެރިކަމަށް އައި ތާރީޚް ކަމަށްވާ، 2021ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15ވަނަ ދުވަހުން ފެށިގެން 2025ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޠާލިބާނުން ވަނީ އަންހެނުންނާއި އަންހެން ކުދިން ތައުލީމާއި އަމިއްލަ ދިރިއުޅުމާއި އާއިލީ ދިރިއުޅުމުގެ ހައްގުތަކާއި ހަރަކާތްތެރިވުމާއި ޚިޔާލުފާޅުކުރުމާއި ވިސްނުމާއި، ދީނުގެ މިނިވަންކަމުން ވެސް ވަރަށް ބޮޑަށް މަހުރޫމްކޮށްފައި ކަމަށް އައިސީސީގެ ފަނޑިޔާރުން ބުނެއެވެ.
އަޚުންޒާދާ 2016ވަނަ އަހަރު ޠާލިބާނުންގެ އެންމެ މަތީ ކޮމާންޑަރަކަށް ވެވަޑައިގެންނެވިއިރު، މިހާރު އޭނާ އަކީ އަފްޣާނިސްތާނުގެ އިސްލާމިކް އެމިރޭޓް ކަމަށް ބުނާ ޖަމާއަތުގެ ލީޑަރެވެ. ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ސޯވިއެޓް އަސްކަރީ ކެމްޕޭނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ އިސްލާމިސްޓް ޖަމާއަތްތަކުގައި އަޚުންޒާދާ ބައިވެރިވެވަޑައިގަތެވެ.
ހައްޤާނީ އަކީ ޠާލިބާނުންގެ ބާނީ މުއްލާ އުމަރާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށާއި، 2020ވަނަ އަހަރު އެމެރިކާގެ މަންދޫބުންނާ އެކު ކުރި މަޝްވަރާތަކުގައި ޠާލިބާނުންގެ ފަރާތުން މުއާމަލާތް ކުރެއްވި ބޭފުޅެއް ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އަފްޣާނިސްތާނަކީ މިހާރު ދުނިޔޭގައި އަންހެނުންނާއި އަންހެން ކުދިންނަށް ސާނަވީ އަދި މަތީ ތައުލީމު ނުލިބޭ ހަމައެކަނި ގައުމެވެ. ގާތްގަނޑަކަށް އެއް މިލިއަނާއި ބައި މީހުން ގަސްތުގައި ސްކޫލް ތައުލީމުން މަހުރޫމްކޮށްފައިވެއެވެ.
އެގޮތުން ޠާލިބާނުން ސަރުކާރުން ވަނީ ގާތްގަޑަކަށް 1.4 މިލިއަން އަންހެން ކުދިން ތައުލީމު ހާސިލް ކުރުމުގެ ހައްގުން މަހުރޫމުކޮށްފައި ކަމަށް އދ. އިން ތުހުމަތުކުރެއެވެ.
ނެދަލޭންޑްސްގެ ހޭގްގައި ހުންނަ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ފަދަ ދުނިޔޭގެ އެންމެ ނުބައި ޖަރީމާތަކުގެ މައްސަލަތައް ބަލާ އެންމެ މަތީ ކޯޓެވެ. އައިސީސީ އެކުލަވައިލީ 1998ވަނަ އަހަރުއެވެ.
އައިސީސީގެ މެންބަރު ގައުމުތަކުގެ އަދަދު 124އަށް އަރާއިރު، މި ގައުމުތަކަށް އައިސީސީން ހައްޔަރުކުރުމުގެ އަމުރު ރައްދުވާ އެއްވެސް ފަރާތެއް ޒިޔާރަތް ކުރުމުން ހައްޔަރުކުރަން ލާޒިމުވާނެއެވެ. ނަމަވެސް އެފަދަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު އައިސީސީއަކަށް ނޯވެއެވެ.