ޓެކްނޮލޮޖީގެ ގޮތުން ދެކެމުން މިދާ ބޮޑެތި ކުރި އެރުންތަކާ އެކު އަހަރެމެންގެ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް ހޭދަ ކުރަން ޖެހިފައި ވަނީ ޑިޖިޓަލް ދުނިޔޭގައެވެ. މުވާސަލާތު ކުރުމާއި، އުނގެނުމާއި، މަސައްކަތް ކުރުމާއި، ވިޔަފާރި އާއި، އަދި މުނިފޫހި ފިލުވުން ފަދަ ބޭނުންތަކުގައި ކޮންމެ ދުވަހަކު ވެސް ފޯނާއި ކޮންޕިއުޓަރާއި މީސްމީޑިއާގެ ތަފާތު މަންސަތައް އަހަރެމެން ބޭނުން ކުރަމެވެ. ނަމަވެސް އަހަރެމެންގެ މި ޑިޖިޓަލް ދިރިއުޅުން ބިނާ ކުރުމުގައި އަވަދި ނެތި އުޅޭ އިރު މި ހުރިހައި އެއްޗެއް ދޫކޮށް، ފަނާވަނިވި ދުނިޔެ އާ ވަކި ވާން ޖެހޭނެ ދުވަހެއް އެބަ އަންނަ ކަން ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ.
އިސްލާމްދީން އުނގަންނައި ދެނީ އަބަދު ވެސް މަރު ހަނދާން ކޮށް އެ ކަމަށް ތައްޔާރު ވުމަށެވެ. މަރާއި އާޚިރަތް މަތީން ހަނދާން ކުރުމަކީ އަޅާ އާއި އޭނާގެ ރައްބާ ގާތް ކޮށްދޭނެ ކަމެކެވެ. ދުނިޔެވީ ޝަހުވަތްތަކާ ދުރުކޮށް ދީ ފާފަތަކާ ދުރުގައި އުޅުމަށް މަގު ފަހި ކޮށް ދޭނެ ސަބަބެކެވެ. ސުވަރުގެ އާ ކައިރި ކޮށްދީ ނަރަކަ އާ ދުރު ކޮށް ދޭނެ މަގެކެވެ. މަރާ މެދު ގިނަގިނައިން ވިސްނުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަސިއްޔަތް ކުރެއްވީ އެހެން ވެގެންނެއެވެ (ތިރުމިޛީ، 2307).
މަރަށް ތައްޔާރު ވުމޭ ބުނެވޭ ބަހުގެ މާނަ އަކީ ﷲ ރުއްސަވާ ގޮތަށް ޢަމަލުތައް ބެހެއްޓުމާ އެކު، ކޮންމެ އިރަކު ވެސް މަރު ވެދާނެ ކަމަށް ވިސްނައި ވަސިއްޔަތް ލިޔުމާއި ދަރަނިތައް އަދާ ކުރުން ފަދަ ކަންތައްތައް ކުރުމެވެ. މި ޒަމާނަށް ބަލާ އިރު މަރަށް ތައްޔާރު ވުމުގެ ތެރޭގައި، ޑިޖިޓަލް ދުނިޔެ އަށް އަހަރެމެން ދޫކޮށް ދާ ކަންކަމާއި ތަކެއްޗާ މެދު ވިސްނައި އަހަންމިއްޔަތު ކަން ދިނުން ވެސް ހިމެނެއެވެ. މަރު ވުމަށް ފަހު ތިބާގެ ފޭސްބުކް، ޓިކްޓޮކް، ނުވަތަ އިންސްޓަގްރާމް އެކައުންޓުތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ އީމެއިލާއި އޮންލައިން އެހެނިހެން މުއާމަލާތްތައް ބަލަހައްޓާނީ ކާކު ހެއްޔެވެ؟
މަރުވުމުގެ ކުރީން ވަސިއްޔަތް ލިޔުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. އެ މީހަކު ވަސިއްޔަތް ކުރަން ޖެހޭ ފަދަ ކަމެއް ވާ ނަމަ އެ ކަމެއް ވަސިއްޔަތުގެ ގޮތުގައި ލިޔެފައި ބޭއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންގެވިއެވެ (ބުޚާރީ، 2738). ވުމާ އެކު މި ޑިޖިޓަލް ޒަމާނުގައި، ޑިޖިޓަލް ވަސިއްޔަތެއް ލިޔުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ތިރީގައި ވާ ފަދަ މުހިއްމު ބައިތައް ޑިޖިޓަލް ވަސިއްޔަތުގައި ހިމެނިދާނެއެވެ.
- އީމެއިލް، ކްލައުޑް ސްޓޯރޭޖް، ސޯޝަލް މީޑިއާ ފަދަ އެކައުންޓުތަކަށް އެކްސަސް ވުމަށް ބޭނުން ކުރާ ޔޫޒަރ ނަމާއި ޕާސްވޯޑުތަކާއި ސެކިއުރިޓީ ސުވާލު ނުވަތަ ބެކަޕް ކޯޑު ފަދަ މައުލޫމާތުތައް.
- ފުހެލަން ވީ އަދި ރައްކާތެރި ކަމާ އެކު ބަލަހައްޓައި ކުރިއަށް ގެންދަން ވީ ކޮން އެކައުންޓުތަކެއް ކަން.
- އެކައުންޓު ފުހެލާނެ ނުވަތަ ރައްކާތެރި ކޮށް ދަމަހައްޓާނެ ގޮތުގެ މައުލޫމާތު.
- ސަބްސްކްރިޕްޝަންތަކާ ބެހޭ މައުލޫމާތު.
- ޑިޖިޓަލް އެސެޓް ނުވަތަ އޮންލައިން ވިޔަފާރިތަކާ ބެހޭ މައުލޫމާތު.
- ޑިޖިޓަލް ކޮންޓެންޓާއި އެސެޓް ބަލަހައްޓާނީ ކާކު ކަން.
އަހަރެމެންގެ އޮންލައިން ހަރަކާތްތައް ވެސް ޢަމަލުގެ ފަތުގައި ލިޔުއްވާނެ!
މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ޤާފު، 18) "(ކުރާ ޢަމަލުތައް) ބަލަހައްޓަވަން އޭނާގެ ކައިރީގައި ޙާޟިރު ވެ މަލާއިކަތަކު ނެތި، އޭނާ އަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ." އޮންލައިން މަންސަތަކަށް އަހަރެމެން ދޫކުރާ ކޮންމެ ވީޑިޔޯއެއް، ފޮޓޯއެއް، ނުވަތަ ކޮމެންޓަކީ އަހަރެމެންގެ ޢަމަލުތަކުގެ ފަތުގެ ބައެކެވެ. އަހަރެމެން މަރު ވުމަށް ފަހުގައި ވެސް، މި ތަކެތީގެ އަސަރުތައް ދެމިގެން ދާނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. އިންސާނާ މަރުވުމުން، (އޭނާ ކޮށްފައި ވާ) ތިން ކަމަކުން ފިޔަވައި އޭނާގެ ޢަމަލުތައް ހުއްޓުމަކަށް އާދެއެވެ. (އެ ތިން ކަމަކީ) އޭނާ ދޫކޮށްފައި ވާ ދެމިގެން ދާ ފަދަ ޞަދަޤާތެއް، ނުވަތަ ދޫކޮށްފައި ވާ ފައިދާ ކުރަނިވި ޢިލްމެއް، ނުވަތަ އޭނާ އަށް ޓަކައި ހެޔޮ ދުޢާ ކުރާނެ ޞާލިޙު ދަރިއެކެވެ" (މުސްލިމް، 1631). މިސާލަކަށް، މަންފާ ލިބޭނެ ޢިލްމުތައް ފަތުރާ ވީޑިޔޯއެއް ނުވަތަ ޔޫޓިއުބު ޗެނަލެއް، ބްލޮގެއް ނުވަތަ ޤުރުއާން ފަދަ އިސްލާމީ ޢިލްމުތަކަށް ޚާއްސަ އެޕެއް ހަދައި އިންޓަނެޓަށް ދޫކޮށްލުމަކީ - އިރާދަ ކުރެއްވިއްޔާ - މި ޙަދީޘްގައި އެ ވާ ފަދަ ދެމިގެން ދާ ޞަދަޤާތާއި މަންފާ ކުރަނިވި ޢިލްމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އަބަދު ވެސް މަރަށް ތައްޔާރު ވެ ހުރުމަށް ޓަކައި ތިމާގެ އަމިއްލަ ނަފުސު ހިސާބު ކުރަން ޖެހޭ ފަދައިން، ތިމާގެ ޑިޖިޓަލް ކޮންޓެންޓްތައް ވެސް ގަވާއިދުން ބަލައި މުޙާސަބާ ކުރަން ޖެހޭނެއެވެ. މަރު ވެގެން ދާ އިރު، ޑިޖިޓަލް ދުނިޔެ އަށް ތިމާ ދޫކޮށްފައި ދަނީ ކޮން ކަހަލަ އެއްޗެއްސެއްތޯ ބަލަން ވާނެއެވެ. އެ އެއްޗެއް ދޫކޮށްފައި ދިއުމުން، ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީ ވާން ޖެހޭ ފަދަ އެކަށީގެން ނުވާ ކޮންޓެންޓެއް ދޫކުރެވިފައި ވޭ ހެއްޔެވެ؟ މީހަކާ ބެހޭ ގޮތުން ނުހައްގު ވާހަކަތަކެއް ލިޔެ އާއްމު ކޮށްފައި ވުމުން، އޭނާގެ ނުރުހުމާއި ބަދު ދުޢާ ލިބިލިބި ހުންނާނެ ފަދަ ލިޔުމެއް ޝާއިޢު ކޮށްފައި އޮންނާނެ ހެއްޔެވެ؟ ބޭ އަދަބީ ފޮޓޯ އާއި ވީޑިއޯ އަދި އެ ފަދަ ކުރެހުމާއި ލިޔުން އިންޓަނެޓަށް ދޫކޮށްފައި ހުންނާނެ ހެއްޔެވެ؟ އެ ފަދަ އެއްވެސް އެއްޗެއް ހުރި ނަމަ ލަސް ނުކޮށް ފޮހެލައި، ތިމާ ބޭނުން ކުރާ މަންސަތައް ސާފު ކުރަން ވާނެއެވެ. އަދި ތައުބާ ވެ އެ ފަދަ ކަންކަން ތަކުރާރު ނުކޮށް ތައުބާގެ މަތީގައި ދެމި ހުންނާން ވާނެއެވެ.
ﷲ ތަޢާލާ ދުނިޔޭގައި ލައްވާފައި ވާ ދިރޭ ކޮންމެ ފުރާނައެއް ވެސް މި ދުނިޔޭގެ ދަންފަޅި ހަމަ ކުރުމަށް ފަހު، މަރާ ބައްދަލު ކުރާނެއެވެ. ނޭނގެނީ އެ ކަން ހިނގާނެ ވަގުތާއި ތަނެކެވެ. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ ކަން އެނގިގެން ނުވެއެވެ (ލުޤުމާނު، 34). މަންމަގެ ބަނޑުގައި ގަރުބަ ގަތް ހިސާބުން ފެށިގެން ފާއިތު ވަމުން ދާ ކޮންމެ ވަގުތެއް އިންޒާރު ދެނީ އިންސާނާ އޭނާގެ މަރާ ކައިރި ވަމުން ދާ ކަމެވެ. ވީމާ، ބުއްދިވެރިޔަކީ އަބަދުވެސް ހުރިހާ ގޮތަކުން - ރޫޙާނީ، ޢާޠިފީ، މާލީ ގޮތުން - މަރަށް ތައްޔާރު ވެގެން ހުންނަ މީހާއެވެ. އަދި މީގެ އިތުރުން ޑިޖިޓަލް މި ޒަމާނުގައި ޑިޖިޓަލް ގޮތުން މަރަށް ތައްޔާރު ވުމަކީ ވެސް ކުރަން ޖެހޭނެ ކަމެކެވެ. އަހަރެމެންގެ އޮންލައިން ޢަމަލުތައް - އެއީ ރަނގަޅު އަދި ގޯސް ޢަމަލުތަކެއް ކަމަށް ވިޔަސް - އެ ހުރިހާ ކަމެއް އަހަރެމެންނާ އެކުގައި ކަށްވަޅަށް ދަތުރު ކުރާނެއެވެ. ހަމަ ކަށަވަރުން، އޭގެ ނަތީޖާއާ އަހަރެމެން ބައްދަލު ކުރާނެއެވެ (އައްޒަލްޒަލާ، 7-8).