މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަދި ތެލެސީމިއާ ސެންޓަރު ބަދަލުކުުރުމުން، ތެލެސީމިއާ ކުދިންނަށް ބޭސް ނުލިބުމުގެ މައްސަލަ އެކީ ހައްލުވާނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ތެލެސީމިއާ ކުދިންގެ ބޭސް އެމްބީއެސްއިން ކުރިން ފޯރުކޮށްދޭއިރު، މި ބޭސް ހުސްވާ މައްސަލަ ނުވަތަ ބޭނުންވާ މިންވަރަށް ނުލިބޭ މައްސަލައާއި ފަރުވާ ދިނުމަށް ބޭނުންކުރާ އާލާތްތައް ނުހުންނަ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އެމްބީއެސްއާއި ތެލެސީމިއާ ސެންޓަރު މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.
އެގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުރިހާ ހޮސްޕިޓަލަކީ އަމިއްލަ ޕްރޮކިއުމަންޓް ނިޒާމެއްގެ ތެރެއިން ހޮސްޕިޓަލަށް ބޭނުންވާ ސާމާނާއި ބޭސް ގެންނަ ތަންތަންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމަ އަޅުގަނޑުމެންނަށް ތެލެސީމިއާ ސެންޓަރަށް، މި ކުދިންނަށް ބޭނުންވާ ކޮންސިއުމަބަލްސް ވެސް އަޅުގަނޑުމެންގެ ތެރެއިން އޯޑާ ކުރުމާއި ޕީއޯ ހެދުމާ މިކަންކަން މި ވަނީ ހަރުދަނާ ކުރެވިފައި. އަޅުގަނޑުމެންނަށް ޔަގީންކަން އެބަ ފޯރުކޮށްދެވޭ އެކުދިންނަށް ބޭނުންވާ ބޭހާ އެހެން ކޮންސިއުމަބަލްތައް ސްޓޮކްއައުޓް ނުވެ ފުލީ ފޯރުކޮށްދެވޭނެ މަގު ފަހިކުރެވިފައި ވާކަން،" މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
އޭނާ ވިދާޅުވީ، މި ބަދަލާއެކު އަތޮޅުތެރެއަށް ވެސް ތެލެސީމިއާގެ ފަރުވާ ފޯރުކޮށްދޭނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ކަމަށެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް އަތޮޅުތެރޭގައި ފޯކަލް ޕޮއިންޓުތަކެއް ގާއިމްކޮށް އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރާކަމަށް ވިދާޅުވިއެވެ.
މި ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް ކުރެވުނު މަސައްކަތުގެ ތެރެއިން އަތޮޅުތެރޭގައި ދިރިއުޅޭ ތެލެސީމިއާ ހުންނަ ކުދިންގެ ދަފުތަރެއް އެކުލަވައިލައި އެމީހުން ރަށުގައި ތިބެގެން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
"އެއާއެކީގައި އަޅުގަނޑުމެން ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ އިތުރު ކޮމްޕްލިކޭޝަންސް ހުންނަ ނުވަތަ އެހެން ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް ވެސް ސްޕެޝަލް ކޮންސަލްޓޭޝަން ދިނުމުގެ ޚިދުމަތްތައް އެބަ ކުރިއަށް ގެންދެވޭ،" މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
އަތޮޅުތެރޭގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރާ މަަސައްކަތަށް އަލި އަޅުއްވައިލައްވައި އޭނާ ވިދާޅުވީ އަތޮޅުތަކުގައި ލޭ އެޅުމުގެ ކަންކަން ހަރުދަނާ ކުރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާކަމަށެވެ. އަދި އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި ތިބޭ ނަރުހުންނާއި ޑޮކްޓަރުންނަށް ފުރިހަމަ ތަމްރީނެއް ދީ، ޒަމާނަށް ފެތޭގޮތަށް ޕްރޮޓޮކޯލްތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ފާހަގަކޮށްލަން ބޭނުންވާ ކަމެއް އެއީ އަތޮޅުތަކުގައި ޚިދުމަތް ހޯދުމަށް ބޭނުންވާ ފިލްޓަރުތަކާއި ބޭހާ ހުރިހާކަމެއް ވެސް ފޯކާސްޓެއް ހެދި ހަ މަސްދުވަހުގެ ތަކެތި އެތަނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
ވަރަށް ގިނަ ދުވަސްވެ ހާލަތު ގޯސްވެފައިވާ ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރީ މިދިޔަ މެއި މަހުއެވެ.
އެ ސެންޓަރުގައި ގާއިމުކޮށްފައިވާ ބައެއް ޔުނިޓުތަކުގެ ތެރޭގައި އެނދުމަތިކޮށް ފަރުވާ ދޭންޖެހޭ އަދި ލޭ އަޅާ ބަލިމީހުންނަށް ޚާއްސަ ޖެނެރަލް ވޯޑެއް ހިމެނެއެވެ. އެ ވޯޑުގައި 12 އެނދު ގާއިމުކޮށްފައިވާއިރު، ތުއްތު ކުދިންނަށް ޚާއްސަ ހަ އެނދުގެ ވޯޑެއް ވެސް ހުރެއެވެ. އަދި އަންހެނުންނަށް ޚާއްސަ ހަތް އެނދުގެ ވޯޑެއް ވެސް ގާއިމުކޮށްފައިވެއެވެ.
މި ސެންޓަރުގެ ޚިދުމަތް ރަނގަޅުކުރުމަށް ދާދިފަހުން ވަނީ ހޮޓްލައިނެއް ތައާރަފުކޮށްފައެވެ.
ހެލްތު މިނިސްޓްރީއާއި އެމްބީއެސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، 2023ގެ ނިޔަލަށް އެ ޚިދުމަތުގައި ރެޖިސްޓާކޮށްފައިވާ، ތެލަސީމިއާ ބަލި ހުންނަ މީހުންގެ އަދަދަކީ 659 އެވެ.