ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާ ކުރެއްވިޔަސް، އެޑްވައިޒަރީ ރޯލެއްގައި ހުރެ ހުޅުމާލެއަށް ޚިދުމަތްކުރަން ބޭނުންވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލް މިރޭ ވިދާޅުވެއްޖެއެވެ.
މައުރޫފް އެ މަގާމަށް އައްޔަން ކުރެވިއްތާ ހަ މަސް ފަހުން ރިޓަޔާ ކުރައްވަން ވަނީ ނިންމަވައިފައެވެ. މި ކަމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ މަގާމާ ހަވާލުވެ ވަޑައިގަތީ ވެސް ސެމީ ރިޓަޔަމަންޓުގައި ހުންނަވަނިކޮށް ކަމަށެވެ.
މަގާމާ ހަވާލުވިއިރު ވެސް، މާ ގިނަ ދުވަހު އެޗްޑީސީގައި މަސައްކަތް ކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާއި، އެހެން ނަމަވެސް އެ މަސައްކަތަށް އޮތް ޝައުގުވެރިކަމުގެ ސަބަބުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް، ޚިދުމަތް ކުރަން ބޭނުންވާތީ މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް އޭނާ ވިދާޅުވިއެވެ.
" [އެޗްޑީސީއާ] ހަވާލުވިއިރު ވެސް އެނގޭ ވަރަށް ބުރަވާނެކަން ވެސް. އެހާ ގިނަ ދުވަހަކު [އެ މަގާމުގައި] ހުރުމުގެ އިންޓެންޝަނެއް ވެސް ނެތް. އެ ކަމަކު ވެސް ކިތަންމެ ކުރު ނަމަވެސް، މި ކަމުގައި އުޅެން ބޭނުންވެފައިހުރިލެއް ބޮޑުކަމުން އެކްސެޕްޓު ކުރީ. ފެށިގެން އައިއިރު ވެސް އެނގޭ އެހާ ގިނަ ދުވަހު ސަސްޓެއިން ނުކުރެވޭނެކަން ވެސް، މި އޭޖުގައި އަޅުގަނޑު ރިޓަޔާ ކުރަންޖެހޭނެކަމާ،" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލް
އެޗްޑީސީގެ މަސައްކަތްތައް އޭނާ ސިފަ ކުރެއްވީ ވަރަށް ޝައުގުވެރި، ވަރަށް ބުރަ އަދި ގޮންޖެހުންތައް ގިނަ މަސައްކަތްތަކެއްގެ ގޮތުގައެވެ.

އެޗްޑީސީ އޮފީސް --- ފޮޓޯ: އެޗްޑީސީ
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މަގާމާ ހަވާލުވެ ވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވީ ސިޔާސީ ޕްރެޝަރުތަކާހުރެއެވެ.
މި ކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް އޭނާ ސީދާ ޖަވާބެއް ނުދެއްވިއެވެ.
"މި މަގާމަކީ ވަރަށް ޕްރެޝަރު ބޮޑު މަގާމެއް. މި ސްކޭލް އޮފް އޮޕަރޭޝަން އެކަނި ވެސް އެއީ ވަރަށް ބޮޑު ޕްރެޝަރެއް. މިކަހަލަ މަގާމެއްގައި ހުންނައިރު ހުންނާނެ ހުރިހާ ޕްރެޝަރެއް ވެސް. މި މަގާމާ އެކީގައި އަންނަ އެއްޗެއް އެއީ" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލް
މައުރޫފް ވިދާޅުވި ގޮތުގައި އޭނާ ރިޓަޔާ ކުރެއްވި ނަމަވެސް، އެޗްޑީސީއާ ހުޅުމާލޭގެ ތަރައްގީއާ ނުވަތަ މި ދާއިރާއާ މުޅީން ދުރަށް ވަޑައިގަންނަވަނީއެއް ނޫނެވެ. އެޑްވައިޒަރީ ރޯލެއްގައި، ހައްޓަށް ލުއިކޮށް ހުރެ، އެޗްޑީސީއަށް ޚިދުމަތް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންމާ އެއްކޮށް ދޫކޮށްފައި ދަނީކީއެއް ނޫން. ހުޅުމާލެއަށް ވެސް ހަމަ ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ. އެޗްޑީސީއަށް ވެސް ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ. އަދި ރާއްޖޭގެ އެހެން ދާއިރާތަކުގެ ޑިވެލޮޕްމަންޓް އޭރިއާތަކުގައި ކޮންޓްރިބިއުޓް ކުރަން ބޭނުންވޭ އަޅުގަނޑުގެ ޓެކްނިކަލް ޕްރޮފެޝަނަލް ދާއިރާއިން ވެސް" އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު، މައުރޫފް ޖަމީލް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވި, އަދި އެޗްޑީސީގެ ފުރަތަމަ އުފައްދައިގެން އިސްކޮށް އުޅުއްވި މައުރޫފާ މި ސަރުކާރުން އެ ކުންފުނި ހަވާލު ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ.
އަމާނާތްތެރި ހިންގުންތެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މައުރޫފާ އެޗްޑީސީ ހަވާލު ކުރީ މި ސަރުކާރުގައި ފުރަތަމަ އެ މަގާމަށް ވަޒީރެއްގެ ފެންވަރުގައި އައްޔަންކުރެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ވަރަށް ސީރިއަސް ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ މައްސަލަ ބަލަން ފެށުމުން ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މައުރޫފަކީ އާކިޓެކްޓެއްގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާއާ ގުޅޭ ދިރާސާ ވެސް ކުރައްވާ ބޭފުޅެކެެވެ. އޭނާ އެ ދާއިރާއިން ފޮތްތައް ވެސް ލިޔުއްވާފައިވެއެވެ. ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު އޭނާވަނީ މުހިންމު ދައުރެއް އެ ކަމުގައި އަދައިކުރައްވައިފައެވެ.