ރިކް ރިއޯޑަންގެ މަޝްހޫރު ވާހަކަ ސީރީޒް "ޕާސީ ޖެކްސަން" އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޝޯގެ އާ ސީޒަން ޑިސެމްބަރުގައި ދައްކަން ފެށުމަށް ތައްޔާރުވެއްޖެއެވެ.
ކޮންމެ އަހަރަކު އާ ސީޒަން އެއް ގެނެސްދޭނެ ކަމަށް ޕްރޮޑަކްޝަނުން އަންގާފައިވާ މި ޝޯގެ އާ ސީޒަން ޑިޒްނީއިން އިއުލާނުކޮށް ޓްރެއިލަރެއް ދާދިފަހުން އާންމުންނަށް ދޫކޮށްލާފައިވެއެވެ. މި ޓްރެއިލަރުން ފެނިގެންދަނީ ޝޯގެ ފުރަތަމަ ސީޒަން ނިމޭ ހިސާބުން ވަގުތުން ކަންތައް ވެގެންދާ ގޮތެވެ.
https://www.youtube.com/watch?v=C38GRl_55UE
ޝޯގެ ކެރެކްޓަރުން މި ޓްރެއިލަރުން ދައްކާލާފައިވެއެވެ.
ޑިޒްނީގެ ސްޓްރީމިން ސާވިސް ޑިޒްނީ ޕްލަސް އިން ދައްކާ މި ޝޯގެ ދެވަނަ ސީޒަން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގެ 19 ވަނަ ދުވަހުގައެވެ. މިއީ ޝޯގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑް ވެސް ޕްރިމިއާ ކުރި ދުވަހެވެ.
"ޕާސީ ޖެކްސަން އެންޑް ދި އޮލިމްޕިއަންސް"ގެ ފުރަތަމަ ސީޒަންގައި އުމުރުން 12 އަހަރުގެ ޕާސީ ޖެކްސަން އަށް އޭނާގެ "ލައިޓްނިން ބޯލްޓް" ވަގަށް ނެގިކަމަށް ތުހުމަތު ކުރުމުން، އާދަޔާ ހިލާފު ކަންކަން ފެނި، ބާރުތަކެއް ލިބެއެވެ. އަދި ޕާސީގެ އެންމެ ގާތް ދެ ރަހްމެތްތެރިންގެ އެހީގައި އޭނާގެ ބާރުތައް ބޭނުންކުރަން ދަސްކޮށް، ސުލްހަވެރިކަން ގާއިމުކުރަން މަސައްކަތް ކުރެއެވެ.
މި ސީރީޒްގައި ޕާސީގެ ރޯލް އަދާކުރަނީ ވޯކާ ސްކޯބެލް އެވެ. އަދި ގްރޯވާގެ ރޯލް އާރްޔަން ސިމްހަޑްރީ އަދާކުރާއިރު، އެނަބެތްގެ ރޯލް އަދާކުރަނީ ލިއާ ޖެފްރީޒް އެވެ. މިއީ ޒޫސްގެ ރޯލް އަދާކުރާ އެކްޓާ ލާންސް ރިޑިކް އެންމެ ފަހުން ފެނިގެންދާނެ ރޯލެވެ. ލާންސް ރިޑިކް ވަނީ 2023 ވަނަ އަހަރުގައި މަރުވެފައެވެ.