އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް, ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ.
ނުރަ ޖެހުމުން އިސްތަށިގަނޑު ކަޅު ކުރުމަކީ ބައެއް ދިވެހީން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ކަޅު ކުލަ ނުޖެއްސޭނެ ކަމާއި އޭގެ ބަދަލުގައި ޖައްސަން ޖެހޭނީ އެހެން ކުލައެއް ކަމަށް ކުރީންސުރެއް ދިވެހީންގެ ތެރޭގައި ވާހަކަ ދެކެވެއެވެ.
އެހެންވެ ހީނާފަތް އެޅުމާއި ކަޅު ފިޔަވާ އެހެން ކުލަ އިސްތަށީގައި ޖެއްސުމަކީ ބައެއް ދިވެހީން ކޮށް އުޅޭ ކަމެކެވެ.
ފަތުވާ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގައި މައިގަނޑު ދެ ރައުޔެއް ފާހަގަ ކުރެވޭ ކަމަށެވެ. އެއީ އެކަން ހުއްދަ ކަމަށް ބުނާ ރައުޔަކާއި ހުއްދަ ނޫން ކަމަށް ބުނާ ރައުޔެކެވެ. އެ ދެ ރައުޔު ވެސް ބިނާވެފައި ވަނީ ދަލީލު ތަކުގެ މައްޗަށް ކަމަށް އެ މަޖިލީހުން ބުންޏެވެ.
މިއީ އިޖުތިހާދީ މައްސަލައަކަށް ވާތީ އެ ދެ ރައުޔަކީ ވެސް އިލްމުވެރިން ގަބޫލު ކުރައްވާފައިވާ ދެ ރައުޔު ކަމަށް ފަތުވާ މަޖިލީހުން ބުނެއެވެ.
ނަމަވެސް އިސްތަށީގައި ކަޅު ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް ވިދާޅުވާ, އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާތީ ރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅު ކުލަޖެއްސުން ހުއްދަ ކަމަށް ކަމަށެވެ.
ފަތުވާ މަޖިލީހަކީ ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ މަޖިލީހެކެވެ. އެ މަޖިލީސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންއައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސްގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.