ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން، ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ފެންޑާ ފޮތް މައުރަޒު" މިއަދު ފަށައިފިއެވެ.
އެ މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު ޢަބްދުއްރަޝީދު ހުސައިނެވެ. އެ މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި ވާހަކައާއި ނާވިލު ލިބެން ހުންނާއެވެ.
އެ ފޮތްތަކުގެ ތެރޭގައި ދިވެހިބަހުގެ ގަވައިދު 1،2،3،4އާއި ބަހުގެ ހަމައިގެ އަތްމަތީ ފޮތާއި ފަހުބަސް ފޮތާއި ޖަމީލުގެ ޑްރާމާތައް ހިމެނެއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ "ދިވެހިރާއްޖޭ ރަހުންނާއި ރަނިން" ދިވެހި ބަހުންނާއި އިނގިރޭސިބަހުން ލިބެން ހުންނާނެއެވެ. އަދި އެންމެ ފަހުން ދިވެހިބަހުގެ އެކެޑަމީން ނެރުނު އަބްދުﷲ ޞާދިޤު (ސޯދުބެ)ގެ "ޞާދިޤުގެ ޅެންބަހުރުވަ 3"އާއި، ލިޔުންތެރިޔާ ޢަބްދުﷲ ޢަފީފްގެ "އަލިދޯދި" ޅެން ފޮތް ވެސް ލިބެންހުންނާނެއެވެ.

ދިވެހިބަހުގެ އެކެޑަމީން ބާއްވާ ފެންޑާ މައުރަޒު: މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު ޢަބްދުއްރަޝީދު ހުސައިން -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ
ދިވެހިބަހުގެ އެކެޑަމީން ބުނީ، މި ފަހަރުގެ މައުރަޒުގައި ވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފޮތް ވެސް ލިބެން ހުންނާނެ ކަމަށެވެ.
އެ މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ ދިވެހިބަހުގެ އެކެޑަމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. އެ މައުރަޒު އޮންނާނީ މިއަދާއި މާދަމާ، ހެނދުނު 9:00އިން ހަވީރު 17:30ށް، ދިވެހިބަހުގެ އެކެޑަމީގައެވެ.
ދިވެހިބަހުގެ އެކެޑަމީން މި މައުރަޒު ބާއްވަނީ، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރާ ފަރާތްތަކަށް ފޮތްތައް ފަސޭހައިން ލިބޭނެ މަގެއް ފަހިކޮށްދިނުމުގެ އިތުރުން ލިޔުންތެރީންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.