ކުށްވެރިޔާ (ފަހުބައި)

"ގުރުއާނުގެ އަލް އިސްރާ ސޫރަތުގެ ތޭވީސް ވަނަ އާޔަތުގައި ﷲ ތައާލާ ވަހީކުރައްވަނީ"وَقَضَىٰ رَبُّكَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ وَبِٱلْوَٰلِدَيْنِ إِحْسَٰنًا، إِمَّا يَبْلُغَنَّ عِندَكَ ٱلْكِبَرَ أَحَدُهُمَآ أَوْ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ ، وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا" މާނައަކީ “އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުފް ވެސް ނުބުނާށެވެ. އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ"

***

"މެޑަމް ހަދިޔާ ސިޓީ ހަވާލުކުރަނީ....މެޑަމް މަރުވަނީނު އޭގެ ކުރިން ބުނަނީ ކުދިން ފޯނު ނުގުޅެނީ ސިޓީ ލިޔަނީ....ޕޯސްޓްކުރަން އަބީރު ކައިރީ ބުނަނީ........"އަބީރު އެތެރެއަށްވަދެ ފޮތް ހަރުގަނޑުގެ އެންމެ ދުރުގައި ހުރި ފޮތްތައް ހާވަންފެށިއެވެ. ފޮތްތަކުގެ ދޭތެރެއަށް ލައްވާފައި ހުރި ސިޓީތަކެއް ނަގާފައި އޭނަ އަލްބާންގެ އަތަށް ދިއްކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. ކޮންމެ ސިޓީ އުރައެއްގައި ނަން ޖަހާފައެވެ. މަންމަގެ އަތުލިޔުމެވެ. އޭނަގެ ނަން އޮތް ސިޓީއުރަ ކަނޑައިލިއިރު ލޮލުން ކަރުނަ ހިލުނެވެ.މަންމައަށް މަރު ގާތްވިކަން އިހުސާސްވެ ވަސިއްޔަތް ކުރަން ސިޓީތައް ލިޔުނީހެއްޔެވެ؟ ތެޅިތެޅިވާ ހިތަކާއެކު އެ ނިއުޅައިގެން ކިޔަން ފެށުމާއެކު ލޯފުސްވިއެވެ. އޭނަގެ މަންމަ މިހުރިހާ ދުވަހު ފޮރުވާފައިވި "ކަޅު" ސިއްރެއް ވުޖޫދަށް އައީއެވެ.

ބާބިލްއަކީ ހަގީގަތުގައި މަންމަގެ އެންމެ ހަނގު ފިރިހެންކޮއްކޮ ޖާވިދުގެ ދަރިއެކެވެ. މައިންބަފައިންނާ ދެކޮޅަށް ރާއްޖެތެރެއަށް ގޮސް ޑްރަގްގެ އަވައިގާ ޖެހިފައިވާ އަންހެނަކާއި ކައިވެނިކުރީއެވެ. ބާބިލް ދުނިޔެއަށް އުފަން ނުވަނީސް ޖާވިދު ނިޔާވުމުން އެކުއްޖާ ޔަތީމްއަކަށްވިއެވެ. ބައެއްމީހުން ކިޔާގޮތުން އަނބިމީހާގެ ކުރީގެ ލޯބިވެރިޔާ ގަސްތުގައި މަރައިލީއެވެ. ޒަހްރާއާއި މަންމަ އެރަށަށްގޮސް ބާބިލް މާލެ ގެނައީ އެ އަންހެންމީހާ ދަރިފުޅު ބެލޭނެގޮތެއް ނެތްކަމަށް ބުނެ އެއްލައިލުމުންނެވެ. އާއިލާގެ އެހެން މީހަކަށް އެކަން އަންގަން ޒަހްރާގެ މައިންބަަފައިންވެސް ބޭނުންނުވީ ލަދުންނާއި ހިތާމައިންގޮހެވެ. އެމީހުން ބަދުނާމްވާން ބޭނުންނުވީއެވެ. ޒަހްރާއަށް ހުރިހާ ހަގީގަތެއް އެނގުމާއެކު އޭނަވެސް ބާބިލްއަށް އެކަން ސިއްރުކުރިއެވެ. ބާބިލްއަށް މިގެއާއި މުދާވެސް ހައްގެވެ. ބާބިލްގެ މައިންބަފައިންގެ ކައިވެނީގެ ސެޓްފިކެޓާއި ހުރިހާ އެއްޗެހި ތިޖޫރީގައި ހުންނާނެއެވެ. ގެއާއި މުދަލުން ބާބިލްއަށް ލިބެންވީ ފައިސާވެސް ހުންނާނީ އެކުއްޖާއަށް މިލްކުވާގޮތަށް ހަދާފައެވެ. އަދި ކުރެވުނު އެންމެ ބޮޑު ކުށަކީ ބާބިލްގެ ކިރުމަޔަކީ މަންމަކަން އަލްބާންއަށް ފޮރުވުމެވެ. އަލްބާންއާއި ދެކުދިންނަކީ އެގޮތަށް ބަލަންޏާ ދެބެންނެވެ. މަންމައާއި މާމަގެ ކުށަށް ތައުބާވެފައިވާ ކަމަށާއި ބާބިލްއަށް ކޮންމެވެސް ދުވަހަކުން ހަގީގަތް ހާމަކޮށްދޭން އެދިފައިވިއެވެ. މަންމަގެ ފަހު ދުވަސްތަކުގައި ބާބިލްގެ ޚިދުމަތާއި ހެޔޮކަމަށް ތައުރީފުކޮށްފައެވެ. މަންމަގެ ހިތް ހެޔޮކަމަށާއި ދުއާއަކީ ޖަންނަތުން ބައްދަލުވުން ކަމަށެވެ. އަލްބާންގެ ލޮލުން ފައިބައިގަތް ކަރުނަތިކިތަށް ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.

އެންމެނަށްވެސް ކުށް ކުރެވޭނެއެވެ. ފާފަ ކުރެވޭނެއެވެ. ތައުބާވުން އޮންނަނީ އެހެންވެއެވެ. ތައުބާވުމުން ﷲ ތައާލާ ފާފަ ފުއްސަވާ ދެއްވައެވެ. މަންމައަކީ ދަރިންނަށް ދެއްވާ އެންމެ ބޮޑު އެއް ނިއުމަތެވެ. އޭނައަށްވެސް އިހުމާލު ވެވުނީއެވެ.

މަންމަ ބުނި ފަދައިން ދެން ދުނިޔެއިން ބައްދަލުވުމުގެ ފުރުސަތެއް ނެތެވެ. ދިމާވިޔަސް ވާނީ ޖަންނަތުންނެވެ.

އަލްބާން ނިންމީ މަންމަގެ ފައިސާއިން އުމްރާ ގްރޫޕެއް ހަދާ މިސްކިތެއް ބިނާކުރުމަށެވެ. މިވަގުތު އޭނަގެ ހަޔާތުގައި އެއަށްވުރެ މުހިއްމު އެހެން ކަމެއްނެތެވެ

***

"އަހެދް ޖްވެލްރީ"ޢަކީ އަހެދްގެ ޖަވާހިރު ފިހާރައިގެ ނަމެވެ. އޭނަގެ ހުވަފެނަކީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެ ވިޔަފާރި ފުޅާކުރުމެވެ. އަދީނާއާއި އަހެދް ދިރިއުޅެން ޚިޔާރުކުރީ ވިލްދާންގެ އެޕާޓްމެންޓެކެވެ. އަދީނާ ހުރުމުން ބައްޕަގެ ގާތުގައި ހުންނަން އަހެދް ބޭނުންނުވީއެވެ. ގެއާއި ޖެހިގެން ހުރުމުން ބޭނުންއިރަކު އޭނަގެ ބައްޕަގެ ގެއަށް ގޮސްލަން ފަސޭހައެވެ. ބާބިލް ދިރިއުޅެނީވެސް އެ އިމާރާތުގެ އެޕާޓްމެންޓެއްގައެވެ. އަދީނާ އަހެދް އަދި ބާބިލްވެސް ނިގާބު އަޅައިގެން ތިބުމުން އެމީހުންނަށް ޝިކާރަވެރިންގެ ފަރާތުން ރައްކާތެރިކަން އިހުސާސްކުރެވެއެވެ. ލޯތަކުން ސަލާމަތްވެގެން ތަންކޮޅެއް މިނިވަންކަމާއެކު އުޅެވެއެވެ.

އަހެދްއާއި ބާބިލް ސިޓިން ރޫމްގެ ސޯފާގައި އިށީދެލައިގެން ތިބިއިރު ދެކެވުނީ ޒަހްރާގެ ވާހަކައެވެ. އެކުދިންގެ ލޮލުންވެސް އޮހުނު ކަރުނަ މަދެއްނޫނެވެ. ނަމަވެސް ކުރެވުނު ޚިދުމަތްތަކާއިއެކު ރީތި ހަނދާންތަކެއްވެސް ވެއެވެ.

"މުރުތަސިމްވެސް ވަރަށް ޑިޕްރެސްވެފައިކަން ނޭގޭ ހަމަ ސަހަރާގެ ފާރު ކައިރީ ކޮންމެ ދުވަހަކުހެން ހުއްޓިލައިގެން ނޫނީ އިށީދެލައިގެން އިންނަނީ..." އަހެދް ހަވީރު ފިހާރައަށް ވަދެލާފައި އަންނައިރު ކޮންމެ ދުވަހަކު ފެންނަނީ އެ މަންޒަރެވެ. ބައެއް ދުވަހު ކައިލް ޒަވިއާރު ނޫނީ އަލްބާންވެސް ފެނެއެވެ.

"އަހެދް ދެން މުރުތަސިމްއާއި ވާހަކަދައްކަންވީނު. ވަރަށް އެހީތެރިކަން ބޭނުންވާނެ.."

"ނެވަރ.....މުރުތަސިމްގެ ޗެޕްޓާ ކްލޯޒްޑް.."އޭނަގެ އަޒުމް ވަރުގަަދައެވެ.

"ކީއްވެ؟"

"ކަމެއްނުވޭ..."އޭނަ ސިއްރުކުރީ ހަގީގަތެވެ. މުރުތަސިމް އެލީޒީގެ ބަހަށް އިތުބާރުކޮށް ޒަހްރާއާއި ވާހަކަދެއްކިގޮތެވެ. ޒަހްރާގެ މަރުގެ ސަބަބަކީވެސް މުރުތަސިމްގެ ވާހަކަތަކުން ކުރި އަސަރުކަމުގައި ހިތް ޔަގީންކޮށްދީފިއެވެ. ހިތުގައި ސިއްރުކުރެވިފައިވާ ލޯބި ފޮރުވީވެސް މުރުތަސިމްގެ އެކުށުގެ ބޮޑުކަމުންނެވެ. މަންމައަށް ގަދަރުނުކުރާ މީހަކަށް އޭނަގެ ހިތުން ޖާގަ ދިނުން އިންސާފުކަމަށް ނުދެކެވުނީއެވެ.

"އެލީޒީ އެހީތެރިވާނެ..އެވާހަކަ ދެން ނުދައްކަމާ..." އަހެދްގެ ހިތުގައިވާ ޒަޚަމްތައް ކިތަންމެ ފުނަސް އޭނަ ހިތްވަރުކުރަން ދަސްކުރިއެވެ." ނަމާދު ގަޑި ޖެހެނީނު..ހިނގާ ނަމާދަށް..."

***

"ސައިކޮލޮޖިސްޓެއްގެ އެހީ ސިމްއަށް ދެން ބޭނުންވަނީ...ނުކައި ނުބޮއި ހިތާމަކުރަމުންގޮސް މީހާ ހަލާކު ތިވަނީނު..."ޒަވިއާރުއާއި އަލްބާން އަދި ކައިލްވެސް އިށީދެލައިގެން ތިބީ އެކޮޓަރީގައި ހުރި ސޯފާސެޓްގައެވެ.

"އެންމެން ދޭ ބަލަ ހެޔޮނުވާނެ......"މުރުތަސިމް ގެ ގައިގާ ވާހަކަދައްކާނެ ވަރެއް ނެތުމުން ކިރިޔާ އަޑުއިވޭވަރަށް ބުނެލިއެވެ."ދުނިޔޭގައި ހުރުމުގެ މާނައެއްނެތް...."

"ދުނިޔެއަށް އައި މަގުސަދު ހަދާން ނައްތާނުލާ ސިމް..." ކައިލް ނަސޭހަތްތެރިވިއެވެ.

"ޔޫ ނީޑް ތެރަޕީ.........."ޒަވިއާރު ބުނެލިއެވެ. އޭނަވެސް މީހުންގެ ތެރޭގައި ގަދަކޮށްލައިގެން އުޅުނަސް ކެތްކުރެވެނީ ހަމަ ކިރިޔާއެވެ. މަންމަ ނިޔާވުމަކީ އެންމެ ބޮޑު ހިތާމައެވެ. އޭނަ ފަހަރެއްގައިވެސް އެދުވަސް ދެކޭނެކަމަކަށް ހިޔެއްނުކުރެއެވެ. އެކަމަށް ތައްޔާރުވެވިފައެއްވެސް ނެތެވެ.

***

މާހްޒަބީންއަށް އަހެދްއާއި ބާބިލް އެކީގައި ފެނުމާއެކު ދެނެގަނެވުނެވެ.ފަހަތުންގޮސް އަރާ ހަމަކޮށްފައި ވާހަކަދައްކަން ފެށުމުން ބާބިލްއަށްވެސް މަޖުބޫރުވީ އޭނަގެ ވާހަކަ ހާމަކުރުމަށެވެ. މާހްޒަބީންވެސް ބާބިލްއާއި ވާހަކަދައްކައިލަން ބޭނުންވާކަމަށް ބުނެ އެޕާޓްމެންޓަށް ދިޔުމުން މަރުވެފައިވާ ހިތަށް ކުޑަ ދިރުމެއްލިބުނެވެ. ބާބިލް އުޅެނީ ހިތްފަސޭހަ އަރާމު ތަނެއްގައެވެ. އޭނައަށް އެ އުފާތަކާއި މުއްސަދިކަން ހައްގެވެ. ބާބިލް ކޮފީއާއި ލުއިކާނާ ގެނެސް ކޮފީ މޭޒުމަތީގައި ބެހެއްޓިއެވެ.

"ބާބް...ވަރަށް އަޑުއަހަން އުދަގޫ ވާހަކައެއް ބުނަން މިއައީ.."

ބާބިލް ޔަގީންކުރީ އަލްބާންގެ ކޮންމެވެސް ޚަބަރެއް އޮތީކަމުގައެވެ.

"މަންމަ ވަރަށް ދެރަވެގެން އެވާހަކަ ދައްކާފައި ރޮއި ހަދާ..ހަގީގަތުގައި މަންމަގެ އެހާ ބޮޑު ކުށެއްނެތް. އެކަމަކު މަންމަވެސް އެކަމުގައި ފާޑަކަށް ބައިވެރިވެވުނު..އަދި ބާބްއަށް މަންމަ ގާތުން ދިންކަމަށް.....އަލް ރޮއްވާލާފައިވެސް ބައެއްފަހަރު މަންމަ ބެލީ ބާބްއަށް ބޮޑަށް ފީޑްކުރަންކަމަށް. ޔަތީމްކުއްޖަކަށް ވީމަ.....މަންމަ ބުނީ މަންމަ ދުނިޔޭގައި ނެތް ދުވަހަކުން ބާބްއަށް ހަގީގަތް ހާމަކޮށްދީފައި ހައްގުތައް އަދާކޮށްދޭށޭ............." މާހްޒަބީން ދުރުދުރުން އެވާހަކަފެށިއެވެ.

ބާބިލްއަށް ޝޮކެއް ލިބުނެވެ. މޫނުގައި އަތުން ހިފަހައްޓައިލެވުނުއިރު މޭ ފަޅައިގެންގޮސްދާނެހެން ހީވިއެވެ. އަލްބާންއަކީ އޭނަގެ އަޚެއް ހެއްޔެވެ؟ މަންމަ ދުނިޔޭގައި ނެތްކަމަށް ހީކޮށްގެން މިހުރިހާ ދުވަހު ހުރިއިރު އަބަދުވެސް ބުނެވުނީ ކުރިން ވެލްވެޓް މެންޝަންގައި އުޅުނު ޚާދިމާއެއްގެ ދަރިއެއްކަމަށެވެ. އެކަމަކު އެއީ އޮޅުވައިލުމެކެވެ. ޑްރަގަށް ދެވިފައިވާ އަންހެނަކަށް ވިޔަސް ނާސިއަކަށްވިޔަސް މަންމަ ވާނީ މަންމައަށެވެ. އޭނަ މަންމައާއި ބައްދަލުކުރާނެއެވެ. މަންމަ އިސްލާހު ކުރަން މަސައްކަތްކުރާނެއެވެ. ޒަހްރާ ކުޑައިރުއްސުރެ އޭނަ ބަލަމުން އައީ އަމިއްލަ ދަރިއެއްފަދައިންނެވެ. ނަމުގައި ޚާދިމާއެއްގެ ގޮތުގައި ހުއްޓަސް އޭނައަށްވުރެ ގިނައިން ޒަހްރާ މަސައްކަތްކުރިއެވެ. ގޭތެރޭގައި ޖެހޭ ކޮންމެކަމެއްގައި ޒަހްރާވެސް ބައިވެރިވެއެވެ. އޭނަގެ ބަދުނަސީބުކަމުން ތޫނުފިލިއެއްނޫނެވެ. ސްކޫލަށް ފޮނުވުމުންވެސް އެހެން ކުދިންހެން ކިޔެވުމަށް އެހާ މޮޅެއްނޫނެވެ. ފިލާވަޅުތައް ދަސްވަނީ އެހާ އުދަގުލުންނެވެ. ޒަހްރާ އޭނައަށް ހިތްވަރު ދިނެވެ. ސްކޫލަށް ފޮނުވާ ތައުލީމް އުގަންނާ ދިނުމުގެ އިތުރުން އެހާ ވަރަށް ނަސޭހަތްދެއެވެ. ފައިސާ ދީފައި ރައްކާކުރަން ބުނެއެވެ. އޭނަ ހީކުރީވެސް ލިބެމުން ދިޔައީ ސަދަގާތުގެ ފައިސާކަމަށެވެ. ޒަހްރާ އޭނައަށް އެކައުންޓެއް ހުޅުވާދީ ފައިސާ އަޅާދިނެވެ.

ފާއިތުވެގެން ގޮސްފައިވާ ކަމަކާއިމެދު ޝަކުވާ ކުރުމުގެ މާނައެއްނެތެވެ.

ޑްރަގްނަގާ މަންމައެއްގެ ގާތުގައި ހުރުމުން ލިބިދާނެ ގެއްލުމަކާއިމެދުވެސް ވިސްނައިލަން އެހިނދުކޮޅު މަޖުބޫރުވިއެވެ. ޔަގީނުންވެސް ވެލްވެޓް މެންޝަންއަކީ އޭނައަށް ރައްކާތެރިކަން ދިން ކިއްލާއެއްފަދަ ތަނެކެވެ.

"މަންމަ ވަސިއްޔަތްކުރީ ހަމަ ބޮޑުބޭބެއަށްވީ މުދާ ބާބިލްއަށް ދޭން...."

"ފައިސާ ބޭނުމެއްނޫން. އަމިއްލައަށް އުޅެވޭވަރުވޭ މިހާރު..."

"އެކަމަކު އެއީ ބާބްގެ ހައްގެއް..އެ މީހެއްގެ ހައްގު އެމީހަކަށް ލިބެން ޖެހޭނެ ނޫނީ ކާފަމެންގެ ބޮލުގައި އެޅިފައިވާ ކައްފާރާއަކަށްވާނީ....ބާބިލްގެ މުދަލާއި ގެއިން މިލްކުވާ ބައި ލިބޭނެ...."

ބާބިލް އިނީ ހަމަ ބުނާނެ އެއްޗެއް ނޭގިފައެވެ.ވީއިރު އަލްބާންއަކީވެސް ބޭބެއެކެވެ. ޒަހްރާ އެހާވަރުން އެދެމީހުން ދުރުކުރަން އުޅުނު ސަބަބަކީ އެއީކަމުގައި ވެދާނެއެވެ. ނޭގިނަމަވެސް އޭނައަށް އުޅެވުނީ ބައްޕް ފަރާތު އާއިލާއާއެކުގައެވެ. އަހެދްއާއި ދެކުދިންނަށްވެސް އިއްތިފާގުން މި ލިބުނީ މުއްސަދިކަމާއި ތަނަވަސްކަމެވެ.

***

އެލީޒީއަށް މުރުތަސިމްގެ ހާލަތު ފެނުމުން އުދަގޫވިއެވެ. ތުނބުޅި މަތިމަހާއި އިސްތަށިގަނޑު ދިގުކޮށްލާފައި "މަޖުނޫން"އެއްހެން އުޅެން ޖެހެނީ މަންމަގެ ބަދަލުގައި ލޯބިވާ އަންހެންކުއްޖާއަށްޓަކާއި ނޫންހެއްޔެެ؟ މިއީ އޭނައަށް ގަބޫލުކުރެވޭ ޒާތުގެ ކަމެއްނޫނެވެ. އެހެންނޫނަސް އެ ސްމާޓް ރީތި ފިރިހެނާގެ ރީތިކަންވެސް ގެއްލިގެން ދިޔައީއެވެ. އޭނައާއިއެކު ފޮޓޯނަގާފައި އިޝްތިހާރުކުރާނެ ބައިވެރިޔާވެސް އެ ދިޔައީއެވެ. މުރުތަސިމް ވައްތަރީ ކަނޑުފޭރޭ މީހަކާއެވެ. މުރުތަސިމްފަދަ "މަދާސް ބޯއި"އަކާއިއެކު ހަޔާތް ފުރިހަމައެއްނުވާނެއެވެ. ނަމަވެސް މިހާރު އެމީހުންގެ ދިރިއުޅުމަށް އެޅޭ ހުރަހަކަށް އެ މަންމަ ނުވާނެތާއެވެ. އޭނަ އުއްމީދުކުރަނީ މުރުތަސިމްއަށް ހެޔޮ ވިސްނިގެން އެނބުރި އޭނަގެ ގާތަށް އަންނާނެކަމަށެވެ. އޭނަގެ މަޝްހޫރުކަން އިތުރުވީވަރަކަށް ދުނިޔޭގެ ލައްޒަތާއި ދަޅައަށް ހެއްލި އިތުރަށް ކުރިއަށް ދާން ބޭނުންވިއެވެ.

އޭނަގެ ހުވަފެންތައް ފުރިހަމަކުރަން މިސްރާބުޖެހީ އިނގިރޭސިވިލާތަށެވެ.

***

ބާބިލްއާއެކު އަހެދްއާއި އަދީނާވެސް ބާބިލްގެ މަންމަ ޖެނީފާ ހޯދަން އެރަށަށް ދަތުރުކުރިއެވެ. ޖެނީފާ ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. ފުދޭވަރަކަށް ތަނަވަސްގެއެކެވެ. ޖެނީފާ ނިކުމެގެން އައީ ސިގްރެޓެއް ދަމަމުންނެވެ. ޖިންސަކާއި ގަޔަށް ހިފާފައިވާ ކުރު ޓޮޕްކޮޅަކާއެކު މޮޑެލްއެއްފަދަ ހަށިގަނޑު އިޝްތިހާރުކޮށްލައިގެންނެވެ. އަތުގެ މުލައްދަނޑީގައި ޓެޓޫއެކެވެ. މޭކަޕްގެ އަސަރު މޫނުމަތިން ފެންނައިރު އިސްތަށިގަނޑުވެސް ރިހިކުލައިގެން ޑައިކޮށްލާފައެވެ. ބާބިލް އަމިއްލައަށް ތައާރަފުވެލިއެވެ.

"ނިންޖާއެއްހެން ހުރީމަ ކަލޭ ވަކިކުރަން މަށަށް އެނގެނީ ކިހިނެއް؟"

ބާބިލް ލަދުން މަރުވާވަރުވިއެވެ. އޭނަ ނިގާބު ނެގުމުން ޖެނީފާ ސިގްރެޓު މޫނުގައި ނުޖެއްސީ ކިރިޔާއެވެ.

" ބުނަން ވާހަކައެއް. ކަލޭ ވިހާފައި މަރައިލަން އުޅެނިކޮށް މަގޭ މަދަރ ކިޔާ ގަމަރިއްޔާއަށް ފެނިގެން ހަޅޭއް ފަޅޭއް ޖަހައިނުގަތްނަމަ މިހާރު އޮތީހީ ސަހަރާގައި...ކަލޭ ނުބަލަންވެގެން އެއްލައިލީމަ އަދި މަ ހުރިތަން ހޯދައިގެން އައީ މިގޭގައި ހުރެވޭނެކަމަށްތަ؟ކަލެއަށްވުރެ ކުރިން ވިހޭ ފިރިހެންދަރި ހުރިތަނެއްވެސް މަ ނުބަލަން..ކަލޭމެން ޖަހައްނަމަށް ދިޔަސް ވަރިހަމަ.......ކަލޭމެން ދެމީހުން ބަލާ އަހަރެން ކަލޭމެންނަށް މަރުވެއްޖެކަަށް.އަދި މީނަ ކިހިނެއް ހައްދު ފަހަނަޅާ މީހަކަށް ވީ؟ "ޖެނީީފާ މަލާމާތްކުރިއެވެ.

ބާބިލް ލަދުން މަރުވާވަރުވިއެވެ. އަހެދްމެން ގޮވައިގެން ނާދެވުނުނަމައެވެ. އޭނަގެ އާއިލާގެ ފަތިފުށް އެނގުމުން އެންމެންވެސް ފޫހިވާނެކަމުގައި ހީކުރެވުނެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ފެށުމުން އަވަހަށް މޫނު ފޮތިކޮޅު ވައްޓައިލިއެވެ.

ކޮންމެވެސް ފިރިހެނަކު ކޮޓަރިން ނުކުތެވެ. ހަރުވާޅު އޮތީ ސޮހިގެން ތިިރިއަށް ފައިބާފައެވެ. ހަކަތައެއްނެތްހެން ކާލި އަޅަމުންނެވެ. އޭނައަށް ރަގަޅަށް ލޯ ހުޅުވައިނުލެވެއެވެ.

"ދޫނި....ކޮންހާ ކަޅު މަޑިތަކެއް މަށަށް މިފެންނަނީ. ތިނެތި އެބަ ފެނޭ.."އޭނަ ސޮއް ގޮވަމުން އަތް ހޫރައިގަތެވެ.

"އަވަހަށް މިތަނުން ދޭ..ދެން މަގޭ ފަހަތުން އައިއްޔާ...ދޮން ބަނބުކޭލެއްހެން ޗަސްކޮށްލާން..އެނގިއްޖެތަ މަންޖޭ..........."ޖެނީފާގެ ބަހުރުވަ ހުރިގޮތުންވެސް އޭނަ ހައިރާންވިއެވެ.ކުއްލިއަކަށް ޝިކާރައަކަށް ޖެހިގަންނަހެން އޭނަ ވިސްނާނުލާ ހުއްޓާ މޫނުގައި އަތް އަޅާ ކޮށްޕައިލިއެވެ.

އަހެދްއާއި އަދީނާއަށް އެއްފަހަރާ އަތްދިއްކޮށްލެވުނެވެ. އެހެންނޫންނަމަ އޭނަ ބިމަށް ވެއްޓުނީހެވެ. ބާބިލްއަށް ކަރުނަތައް ނުހިފެހެއްޓުނެވެ. މަންމަމެންގެ ނަމަށް ހުތުރު އަރުވާފަދަ އަންހެނެކެވެ. ނަމަވެސް އެހެންވީ ޑްރަގާއިހެދި ސިކުނޑި ޚަރާބުވެފައި ހުރީމަކަމަށް ވެދާނެއެވެ. ހިތުގައި ކުލުނެއްނެތް މަންމައަކު ދުނިޔޭގައި ހުރެދާނެކަމަށް ކުރިން އޭނަ ހިޔެއްނުކުރެއެވެ. އޭނައަށް ފެނިފައިވަނީ ލޯބީގެ މިސާލެއްނެތް ފަދަ މަންމައިންނެވެ. ދަރިންނަށްޓަކާ ގުރުބާން ވާ މައިންނެވެ. އޭނަ ހަނދާންވީ މަންމައެއްފަދައިން ލޯތްބާއި އަޅާލުން ދިން ޒަހްރާއެވެ. ޒަހްރާ ކުށްވެރިވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އޭނަ ޝުކުރުވެރިވަނީ ޒަހްރާ އޭނަ މިފަދަ ބިރުވެރި ކިއްލާއަކުން ސަލާމަތްކޮށްދިން ކަމަށްޓަކައެވެ. ބާބިލްގެ ފިޔަވަޅުތައް އަވަސްވިއެވެ. އޭނަ ބޭނުންވީ ވަގުތުން މިތަނުން ފުރައިގެން ދިޔުމަށެވެ. ސަލާމަތުގެ އައްސޭރިއަކަށެވެ. ދޮރާށިން ނިކުންނަނިކޮށް ހޫރުވައިލި ފައިވާން ކިބަ ދިޔައީ ތިން ކުދިންގެ ބޯ މަތިންނެވެ.

އޭނަ މާމަ ހޯދަން މަސައްކަތްކުރުމުން އެނގުނީ މާމަ މާލެއަށް ބަދަލުވީކަމެވެ. އިތުރު މައުލޫމާތެއް ހޯދޭނެގޮތެއްނުވިއެވެ. ހަޔާތުގެ ބައެއް ބާބުތަކަކީ ސިއްރުން ފުރިފައިވާ ކަންތައްތަކެވެ. ބައެއް ކަންތައްތައް ދުނިޔެއިން ހައްލުނުވާއިރު ބައެއް ސިއްރުތައްވެސް ކަށްވަޅަށް ގެންދާން ޖެހެއެވެ. އޭނަ ގަސްތުކުރީ މިހިސާބުން އޭނަގެ އާއިލާ ހޯދުން ހުއްޓައިލުމަށެވެ. ލިބިފައިވާ ނިއުމަތްތަކާއިއެކު ދިރިއުޅުމުގެ ބާކީ އޮތް ބައި ކުރިއަށް ގެންދިޔުމަށެވެ. ބައްޕަގެ އާއިލާއިން އޭނައަށްވަނީ ދުނިޔޭގައި ތަނަވަސްކަމާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ލިބުނު ނިއުމަތްތަކަށް ޝުުކުރުކޮށްގެން އޭނަ އުފަލުގައި ދިރިއުޅުން ހޭދަކުރީމަ ނިމުނީ ނޫންހެއްޔެވެ؟

އަހެދްއާއި ބާބިލް ޓެރެސްގައި އައިސްކޯން ކާންތިބިއިރު ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ދެކުދިންވެސް ދައްކަމުން ދިޔައީ ވިޔަފާރީގެ ވާހަކައެވެ. ދެކުދިންގެ ދިރިއުޅުމަށްވެސް އައީ އާދަޔާ ޚިލާފު ބަދަލެކެވެ. ގުރުއާންގެ އައްޝަރަހް ސޫރަތުގެ ފަސް ވަނަ އާޔަތުގައި ﷲ ތައާލާ ވަހީ ކުރައްވާފައިވަނީ فَإِنَّ مَعَ ٱلْعُسْرِ يُسْرً މާނައަކީ ފަހެ ހަމަ ކަށަވަރުން އުދަގޫކަމާއެކު ފަސޭހަކަންވެއެވެ. އެކުދިންނަށް ލިބުނު ނިއުމަތާއެކު ހެއްދެވި ފަރާތްމަތިން ހަނދާން ނެތުމުގެ ބަދަލުގައި އަޅުކަންތައްތަކަށް ބޮޑަށް އިސްކަން ދިނެވެ. ދުނިޔޭގެ ނިއުމަތްތައް ކުރުވެފައި ފިލާދާނެކަން އެކުދިންނަށް އެނގޭތީއެވެ.

"އަލްބާންވެސް ފައިނަލީ މިވީ ބޭބެއަކަށް ..ތެދަށް ބުނަންޏާ އެހާ ލޯބިވި މީހެއްނެތް އެކަމަކު އަލްއާއި މެރީ ކުރުމަކީ ދެން ކުރެވޭނެކަމެއް ނޫން......އަހަރެން މިހާރު ބޭނުމީ ބޮޑަށް ކެރިއާއަށް ވިސްނުން...އޭގެ ފަހުން ކައިވެންޏަކާއިމެދު ވިސްނާނީ.."ބާބިލް ކުޑަކޮށް ހީލަމުން ކަރުނަތިކި ފޮހެލިއެވެ.

"ހީ ލަވްޑް ޔޫ....ޓްރޫލީ..."

"ތިހެން ބުނެވިދާނެ މުރުތަސިމްއަށްވެސް. އޭނަ އެލީޒީއާއި މެރީކުރިޔަސް ހަމަ ފީލްވީ އަހެދްއާއި ހެދި އުޅުނުހެން.....ޓްރޫ ލަވް ބައެއްފަހަރު ނުލިބިވެސް ހިނގައިދާނެ....ޕާސްޓްގައި ކިތައް އެކަހަލަ ލަވް ސްޓޯރީސް ހަމަ ހިތިގޮތަކަށް ނިމިގެން ދިޔައީ......އެވަރަށް ލޯބިވާކަށް ނުވާނެ. މެދުމިނެއްގައި އުޅެންވާނީ. އެހެންނޫނަސް ޒަހްރާއްތަގެ ފެމިލީވެސް ބޮޑަށް ބެލީ ރަގަޅު އާއިލާތަކުގެ ކުދިންނާއި މެރީކުރުވަން.ހަސަބާއި ނަސަބަށް ބެލުންވެސް އޮންނަންވީ މިކަހަލަ ކަންތައްތަކާއިހެދި. ކާކު ބޭނުންވާނީ ޖެނީފާ ކަހަލަ އަންހެނަކު ޅީދަރިއަކަށް ހަދަން. އަހަންނަށްވެސް ކަމަކުނުދާނެ..އެކަމަކު މަންމަ ވީމަ ދެން އިތުރު އެއްޗެއް ބުނާކަށް ނެތިން...އަދިވެސް މަންމައަށް ހިދާޔަތް ދެއްވުމަށް އެދި ދުޢާކުރަން..އެއީ މަންމައަށްޓަކާ ކޮށްދެވޭނެ ކަމަކީ. މާހްދައްތަވެސް ބުނި މުރުތަސިމްވެސް މެންޓަލް ތަނަކަށް ލާންވެގެން ބޭރަށް ގެންދަނީޔޯ....އެހެން މާހައުލަކަށް ގެންދިޔައީމަކަމަށް ރަގަޅުވާނީ...ޒަވިއާ ވެސް ވަރަށް ގިލްޓީވެފައޯ...ބަޓް އޭނަ ވަރަށް ސްޓްރޯންގްވާނެ. އެހެންވެގެންނޯ އެހެން ކުދިންގެ ޒިންމާ ނަގައިގެން ކުރިއަށް އެދަނީ...."

"ﷲ ތައާލާ އެންމެނަށް ރަހުމަތް ލައްވާށި. އަހަރެމެން ޕްލޭންކުރިޔަސް ﷲ އިރާދަކުރެއްވިގޮތަކަށް ކަންތައްވާނީ. އަހަރެމެން ހަމަ އެކަމާއި ރުހިގެން އިމްތިހާނުތަކާއި ކުރިމަތިލާންވާނީ..."

"އަދިވެސް ހަނދާންވަނީ މަންމަ...އެދުވަހު މަންމަގެ ހަ އިންޗީގެ ހައިހީލް ކިރިޔާ ބޮލުގެ ފުއްކިބައިގާ ނުޖެހުނީ. ޖެހިގެން މަރުވިނަމަވެސް މަންމަ ހިތަށް ނާރާނެ ދޯ އެއްޗެއް...ޑިފެރެންޓް ބްރޭންޑްގެ މަންމައެއް......." ބާބިލް އެތައް ދުވަހެއްފަހުން ގަދަޔަށް ހޭންފެށުމުން އަހެދްއަށްވެސް ހެވުނެވެ."އެކަމަކު ޒިކުރުކޮށްގެން ހުރީމަ އެކަމުންވެސް ރެކިގަނެވުނީ. ޒިކުރަކީ ރައްކާތެރިކަމެއް....."

"އަހަރެމެންގެ ލައިފް ސްޓޯރީގައި އެންމެ ބޮޑު ކުށްވެރިއަކީ މަގޭ މަންމަ...." އިރުކޮޅެއްފަހުން ބާބިލްއަށް ބުނެވުނެވެ.

"ނޫން. ކުށްވެރިއަކީ ސިމް...."އަހެދްއަށް ބުނެވުނެވެ.

"ކީއްވެ؟"ބާބިލްއަށް އަހެދް ކަމެއް ސިއްރުކުރާކަން އެނގުނެވެ. އަހެދް ޖަވާބެއްނުދިނެވެ. ކޮންމެ ފަހަރަކު މުރުތަސިމް ކުށްވެރިކޮށްފައި ހިމޭންވުމުގެ ފަހަތުގައި ސިއްރެއް އޮތްކަން އެނގުނަސް ބާބިލްވެސް ކޮންނަން ނޫޅެ އެހެން ދިމާލަކަށް ވާހަކަ ގެންދަނީއެވެ.

ދެކުދިން ރެއިލިންގައި އަތް އަޅުވާލައިގެން ދުރުން ފެންނަ އަލިތަކަށް ބަލަން ހުއްޓިލައިގެން ތިބީ ހިމޭންކަމާއެކުގައެވެ. ހަޔާތުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އިމްތިހާނުތައް އޮންނާނެކަން އެނގެއެވެ. ހަޔާތަކީ އެކަހަލަ އެއްޗެކެވެ. އަޑިގުޑަންތައް އަންނާނެއެވެ. އެކަކު އަނެކަކަށް ކުށްވެރި ކުރެވޭނެ ހާދިސާތައް ހިނގާނެއެވެ. އެފަދަ ހާލަތުގައި އޮތީ ކުރެވުނު ކުށަށް މާފަށް އެދި، ތައުބާވެ، ކެތްތެރިވުމާއެކު ﷲއަށް ވަކީލުކޮށްގެން ހަޔާތާއި ކުރިމަތިލުމެވެ.

ނިމުނީ

("ޣުރަބާ" އަކީ މުޅިން އާ މޫނު ތަކާއިއެކު ތަފާތު ވާހަކައަކަށް ވިޔަސް އެވާހަކައިން އަހެދްއާއި ބާބިލް ހަޔާތުގެ ބައިވެރިންނަށް ހޮވި މީހުން އެނގޭނެ. އެވާހަކަވެސް ވަރަށް އަވަހަށް ގެނެސްދޭނަން އިންޝާﷲ.)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު