ފ. މަގޫދޫގައި ކުރީ ސަރުކާރުން ތަރައްގީކުރަން ފެށި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
ގާތްގަނޑަކަށް 232 މިލިއަން ރުފިޔާ ހަރަދުކޮށްގެން މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކުރީ 650 ދުވަހުގެ ތެރޭ އެންމެހާ މަސައްކަތްތައް ނިންމާލާ ގޮތަށެވެ. އެކަމަކު، އެ ރަށުގެ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ހުއްޓާލުމަށް ފަހު ހަމަ އެ އަހަރުގެ ޖުލައި މަހު ވަނީ އަލުން ފަށައިފައެވެ.
މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާތީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާ ސުވާލުކުރައްވާފައިވެއެވެ. މި އަހަރުގެ މޭ މަހު މުއްތަލިބު އޭރު ވިދާޅުވި ގޮތުގައި މި ސަރުކާރުން މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެއްކޮށް ނިންމާލައި ރަސްމީކޮށް ހުޅުވާނެއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތްތައް ހުއްޓާލާފައި އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ކަމަށެވެ. އެގޮތުން، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ތައުލީމު ހާސިލްކުރެއްވި ޝަމްހީދު ވިދާޅުވިގޮތުގައި، އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށް ބޮޑު ހަރަދެއް ކުރާއިރު، ތާރު އަޅަނީ އޭބީސީ ފަށަލަ އެޅުމަށް ފަހުގައެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު --- ފޮޓޯ: މަޖިލިސް
"އޭބީސީ އަޅާފައި ދެން މަސައްކަތެއް ނުކޮށް އެ ބާއްވައިފިއްޔާ އަލުން ބަލުން، މި މާ ގިނަ ދުވަސް ވެއްޖިއްޔާ އަލުން ބަލުން ޖެހޭނީ އޭބީސީ އަޅަން،" ޝަމްހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭބީސީ ފަށަލަ އަޅައި މާ ގިނަ ދުވަސްވަންދެން މިހެން ބަހައްޓައިފިކަމުގައި ވާ ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ، މުދަލާއި ވަސީލަތްތައް އިސްރާފުވުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދާނެ ކަމަށެވެ.
އެހެންވެ، ޝަމްހީދު ހުށަހެޅުއްވީ ސިޓީއެއް މެދުވެރިކޮށް ލިޔުމުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޖަވާބެއް ހޯދުމަށެވެ. ޝަމްހީދުގެ ހުށަހެޅުއްވުމަށް ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ތާއީދުކުރެއްވިއެވެ.
ކޮމިޓީގެ އިއްތިފާގުން ނިންމީ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާ ސަބަބު ހޯދުމަށް މިިނިސްޓްރީ އާ ސުވާލުކުރުމަށެވެ.
މޭ މަހު ބޭއްވި ޖަލްސާގައި ޝަމްހީދުގެ ސުވާލަށް ޖަވާބުދެއްވަމުން މުއްތަލިބު އޭރު ވިދާޅުވި ގޮތުގައި މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރަން ކުރީ ސަރުކާރުން ނިންމީ އެންމެ ރަނގަޅަކަށް ނޫނެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ލަސްތަކެއް އައިސްފިކަން. އެންމެ ކުރީގައި ނިލަންދޫގައި އެޅުމަށް، އަބަދު ވެސް ނިލަންދޫގައި އެޅުމަށް ނިންމާފައި އޮތް އެއާޕޯޓެއް މަގޫދުއަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން،" މުއްތަލިބު އޭރު ވިދާޅުވިއެވެ.
އެހެންކަމުން މަގޫދޫ އެއާޕޯޓާ އެއްކޮށް، މި ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ދަށުން އެ އަތޮޅުގެ ނިލަންދޫގައި ވެސް އެއާޕޯޓު އެޅުމަށް މި ސަރުކާރުން ނިންމީ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި، އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީކުރާނެއެވެ.