މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ބޮޑު އެހީއެއް ޓްރާންސްޕްލާންޓުތަކަށް، ޚަރަދު 7 ލައްކައިގައި

އައިޖީއެމްއެޗްގައި ސާޖަރީއެއް ކުރަނީ: މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ބޮޑު އެހީއެއް ދިނީ ޓްރާންސްޕްލާންޓުތަކަށް -- ފޮޓޯ/ އައިޖީއެމްއެޗް

ނިމުނު ޖޫން މަހު ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާގެ ތެރެއިން އެންމެ ގިނައިން އެހީ ދިނީ ޓްރާންސްޕްލާންޓު ނުވަތަ ގުނަވަން ބަދަލުކުރުމުގެ ފަރުވާއަށް ކަމަށާއި އެކަމަށް ކުރި ޚަރަދު ހަތް ލައްކައަށް ވުރެ އިތުރު ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ފަންޑުން އަންނަނީ ކޮންމެ މަހަކު ވެސް ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ޚަރަދު ކުރަމުންނެވެ. އެ ޚަރަދުތަކުގެ ތަފުސީލުތައް ކޮންމެ މަހަކު ވެސް އާންމުކުރެއެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، 104 މީހުންގެ އެހީއަށް މިދިޔަ މަހު 1.76 މިލިއަން ރުފިޔާ އެހީއަށް ހަމަޖައްސައިފައިވެއެވެ.

އެގޮތުން، ފަރުވާތަކަށް ކުރި ޚަރަދަށް ބަލާއިރު، ޓްރާންސްޕްލާންޓަށް 796،443 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ އެހެނިހެން ބަލިތަކަށް ކަމަށްވާއިރު، އެ ބަލިތަކަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އިތުރު ބަލިތަކަށް ކުރި ޚަރަދުތައް:

  • ކެންސަރަށް 245،949 ރުފިޔާ
  • ސިކުނޑީގެ ބަލިތަކަށް ހޭދަވީ 46،645 ރުފިޔާ
  • ހިތުގެ ބަލިތަކަށް 21،202 ރުފިޔާ
  • ކިޑްނީގެ ބަލިތަކަށް ޚަރަދުވީ 38،164 ރުފިޔާ
  • ފުއްޕާމޭގެ ބަލިތަކަށް 16،962

ބޭސް ފަރުވާގެ އިތުރަށް އެހެނިހެން ކަންކަމަށް ވެސް ޒަކާތު ފަންޑުން ޚަރަދު ކުރެއެވެ. އެ ފަންޑުގެ ފީސަބީލިﷲ ބައިން ގުރުއާން ހިތުދަސް ކުރުމާއި އެ އިލްމު ފެތުރުމަށް ވަނީ ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

އޭގެއިތުރަށް، ދީނީ އެކި ޕްރޮގްރާމުތައް ހިންގުމަށް ތިން ލައްކަ ރުފިޔާ ޚަރަދުކުރިއިރު، މަތީ ތައުލީމު ފުރިހަމަ ކުރުމަށް އެހީގެ ގޮތުގައި 60،488 ރުފިޔާ ދީފައިވެއެވެ. އަދި، ޒަކާތުގެ މަސައްކަތް ކުރުމަށް ނަގާފައިވާ މުވައްޒަފުންގެ މުސާރަ ދިނުމަށް އެ ފަންޑުގެ އާމިލުންގެ ބައިން ވަނީ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ރާއްޖޭގައި އާސަންދަ ފަދަ ގައުމީ ސިއްހީ ނިޒާމެއް އޮތް ނަމަވެސް، ސިއްހީ ފަރުވާއަށް ޚަރަދު ހަމަނުޖެހުމުގެ ސަބަބުން، ސޯޝަލް މީޑިއާގައި ވެސް އާންމުންގެ އެހީއަށް އެދޭ ދިވެހީން ވަރަށް ގިނައެވެ. ޒަކާތު ހައުސްއިންދޭ ބޭސްފަރުވާގެ އެހީއަކީ ދިވެހީންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުންނަށް ބޭސްފަރުވާކުރުމަށް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ބޭސްފަރުވާ ކުރުމަށް ނުފުދޭ ޙާލަތްތަކުގައި އެ މީހުންނަށް އެހީތެރިވުމުގެ ގޮތުން ދެވޭ އެހީއެކެވެ.

އެ ފަންޑުން ފޯރުކޯށްދޭ އެހީގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލުގެ ބިލުތައް ދެއްކުމާއި ބަލިމީހާއާއި ބަލިމީހާގެ އެހީތެރިޔާގެ ހުރުމާއި، ކެއުމާއި، ޓިކެޓްގެ އިތުރުން ބަލީގެ ބާވަތުން ކޮންމެހެން ބޭނުން ކުރަންޖެހޭކަމަށް ޑޮކްޓަރު ލަފާދީފައިވާ ތަކެތި ނުވަތަ ވަސީލަތްތައް ގަތުމަށް ދޭ އެހީއެވެ.

comment ކޮމެންޓް