މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ 100ވަނަ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވައިފިއެވެ.
މައުމޫން މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރެއްގައި މެލޭޝިއާގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ، ޕާރްޑޭނާ ލީޑާޝިޕް ފޯރަމުގައި ޑރ. މަހާތީރާ ބައްދަލުކުރައްވައިފައެވެ.
ދެ ބޭފުޅުންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުން ބޭއްވި މި ބައްދަލުވުމުގައި މައުމޫން ވަނީ ޑރ. މަހާތީރުގެ 100ވަނަ އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި ހަދިޔާއެއްގެ ގޮތުން ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް ދެއްވިއެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އިސްލާމީ ގައުމުތަކުގެ ހާލަތާއި ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ކުރިއަށް ގެންދާ ގަތުލުއާންމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކުރައްވައިފައި ވެއެވެ.
މި ގަތުލުއާންމާ ދެކޮޅަށް ބޮޑެތި ގައުމުތަކުގެ ލީޑަރުން މަސައްކަތް ނުކުރައްވާކަމުގެ ކަންބޮޑުވުން ދެ ބޭފުޅުން ވެސް ވަނީ ފާޅުކުރައްވައިފައެވެ.
މައުމޫން ވަނީ ޑރ. މަހާތީރު ބައިނަލްއަގްވާމީ ގޮތުން ކުރެއްވި މަސައްކަތްތަކާއި ގުޑް ގަވަނަންސަށް އަދި މުސްލިމް ގައުމުތަކުގެ ހައްގުގައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދެ ގައުމުގެ ގާތް ގުޅުން ދެމެހެއްޓުމަށް އެދެމުންނެވެ.
މި ބައްދަލުކުރެއްވުމުގައި މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ޔުމްނާ މައުމޫން ބައިވެރިވެ ވަޑައިގަތެވެ.
ޑރ. މަހާތީރުގެ 100ވަނަ އުފަންދުވަހަކީ މާދަމާއެވެ.