އެކްސްގެ ސީއީއޯ ލިންޑާ ޔަކަރީނޯ މަގާމުން އިސްތިއުފާ ދެއްވައިފި

އެކްސްގެ ސީއީއޯ ލިންޑާ ޔަކަރީނޯ -- ފޮޓޯ: އަނަޑޯލު

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް (ކުރީގެ ޓްވިޓާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ލިންޑާ ޔަކަރީނޯ، އެ މަގާމުން އިސްތިއުފާ ދެއްވާނެކަން ބުދަ ދުވަހު އިއުލާން ކުރައްވައިފިއެވެ.

ޔަކަރީނޯގެ މި ނިންމުން އައިސްފައި މިވަނީ، އެ ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ގްރޮކް"އިން ބޭއަދަބީ ވާހަކަތަކެއް ޕޯސްޓްކޮށް، ދުނިޔޭގެ ފެންވަރުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިތާ އެންމެ ދުވަހެއްގެ ތެރޭގައެވެ.

"އަހަރެން އެކްސްގެ ސީއީއޯ ކަމުން އިސްތިއުފާ ދިނުމަށް ނިންމައިފިން،" 2023ވަނަ އަހަރު އެކްސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި އުމުރުން 61 އަހަރުގެ ޔަކަރީނޯ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ ވަނީ އެކްސްގެ ވެރިޔާ އީލޮން މަސްކަށް ޝުކުރު އަދާކުރައްވާ، އެއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ރަނގަޅު ފުރުސަތުކަމަށް ވިދާޅުވެފައެވެ.

ޔަކަރީނޯ މަގާމުން ވަކިވެވަޑައިގަންނަވާކަން އިއުލާން ކުރެއްވުމުގެ އެއްދުވަސް ކުރިން، އަންގާރަ ދުވަހު، އެކްސްގެ އޭއައި ޗެޓްބޮޓް ގްރޮކް ވަނީ އެ ޕްލެޓްފޯމްގައި ހުތުރު އަދި ބޭއަދަބީ ކޮންޓެންޓްތަކެއް ޝާއިއުކޮށްފައެވެ. އެކްސްއިން ވަނީ ބުދަ ދުވަހު މި މައްސަލަ ގަބޫލުކޮށް، އެފަދަ ހުތުރު ޕޯސްޓުތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައެވެ.

ނަމަވެސް، ޔަކަރީނޯގެ އިސްތިއުފާއާ ގްރޮކްގެ މައްސަލައާ ސީދާ ގުޅުމެއްވާކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.

އޭނާގެ މެސެޖުގައި، ޔަކަރީނޯ ވަނީ އޭނާގެ ލީޑަޝިޕްގެ ދަށުން ކުންފުނީގެ ވިޔަފާރި ރަނގަޅުވެ، ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑު މަސައްކަތް ފެށީ ބޭނުންކުރާ ފަރާތްތަކުގެ، ހާއްސަކޮށް ކުޑަކުދިންގެ ރައްކާތެރިކަމަށް އިސްކަންދީ، އިޝްތިހާރުކުރާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކުން،" ޔަކަރީނޯ ލިޔުއްވާފައިވެއެވެ.

ޔަކަރީނޯ ވަނީ އޭނާގެ އިސްތިއުފާއަށް ފަހު، އެކްސްއިން އެކްސްއޭއައި އާއެކު އެހެން ބާބެއް ފެށުމަށް ވެސް އިޝާރާތް ކުރައްވާފައެވެ.

އީލޮން މަސްކް 2022ވަނަ އަހަރު ޓްވިޓާ ގަތުމަށްފަހު، އެ ޕްލެޓްފޯމަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. ކުންފުނީގެ ނަން "އެކްސް"އަށް ބަދަލުކުރުމާއި، ކޮންޓެންޓް މޮޑަރޭޝަންގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގިނަ އިޝްތިހާރުކުރާ ބޮޑެތި ކުންފުނިތަކުން ވަނީ އެކްސްއާ ދުރުވެފައެވެ.

މިފަދަ ދަނޑިވަޅެއްގައި، އިޝްތިހާރުކުރުމުގެ ދާއިރާގައި މަޝްހޫރު، އެންބީސީޔުނިވާސަލްގެ ކުރީގެ އިސްވެރިޔާ ލިންޑާ ޔަކަރީނޯ، އެކްސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ، އިޝްތިހާރުކުރާ ފަރާތްތަކުގެ އިތުބާރު އަލުން ހޯދައި، ކުންފުނީގެ ވިޔަފާރި ރަނގަޅު ކުރުމުގެ ބޮޑު އަމާޒެއްގައެވެ.

ޔަކަރީނޯ ވިޔަފާރީގެ ކަންކަން ބަލަހައްޓޒާއިރު، އީލޮން މަސްކް ހުންނެވީ ޕްރޮޑަކްޓާއި އިންޖިނިއަރިންއާ ގުޅޭ ކަންކަމުގައި އިސްކޮށެވެ. މިކަމުގެ ސަބަބުން، ޔަކަރީނޯގެ ދެ އަހަރު ދުވަހުގެ ސީއީއޯކަމުގައި، މަސްކްގެ އާ އީޖާދުތަކާއި ވިޔަފާރީގެ ކަންކަން ކަށަވަރުކުރުމާމެދު އޭނާ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލިއެވެއެވެ.

comment ކޮމެންޓް