އާސަންދައިގެ އިންޓަނެޓަށް ހެނދުނު ދިމާވި މައްސަލަ ހައްލުވާނެ އިރެއް ނޭނގޭ، ޚިދުމަތް މެދުކެނޑިފައި!

އާސަންދަ ކައުންޓަރު: އާސަންދައިގެ އިންޓަނެޓަށް ހެނދުނު ދިމާވި މައްސަލަ ހައްލުވާނެ އިރެއް ނޭނގޭ، ޚިދުމަތް މެދުކެނޑިފައި! -- ފޮޓޯ: އާސަންދަ

އާސަންދަ އޮފީހަށް މިއަދު ހެނދުނު ދިމާވި އިންޓަނެޓުގެ މައްސަލަ ހައްލުވާނެއިރެއް ނޭންގޭކަމަށާއި ޚިދުމަތް މެދުކެނޑިފައި ވާކަމަށް އެ ކުންފުނިން ބުންނެވެ.

އެކުންފުނީގެ ހޮޓްލައިން ނަމްބަރު 1400އަށް ގުޅުމުން ބުނީ، އިންޓަނެޓުގެ މައްސަލައެއް ދިމާވެ ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ހައްލުވާނެ އިރެއް ނޭނގޭ ކަމަށެވެ.

މި މައްސަލަ ދިމާވީ މިއަދު ހެނދުނުކަމަށް ކަސްޓަމާ ސާވިސްއިން ބުންޏެވެ.

ޚިދުމަތް މެދުކެނޑިފައިވީ ނަމަވެސް، އެއޮފީހުގެ މެއިލްއަށް މެއިލް ކުރުމުން ޚިދުމަތް ދޭ ފޯރުކޮށްދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން އެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު 'ސަން'އަށް ވިދާޅުވީ، މިއަދު ހެނދުނުން ފެށިގެން އޮފީހުގައި އިންޓަނެޓަށް މައްސަލައެއް ދިމާވިކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތަށް ބުރޫއެރިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ މައްސަލަ ހައްލުކޮށް އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ކުންފުނީގެ ޚިދުމަތްތައް އަދިވެސް ނުލިބޭކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

އާސަންދައަކީ ގިނަ އަދަދެއްގެ ބަލިމީހުން ކޮންމެ ދުވަހަކު ފަރުވާ ހޯދާ ޚިދުމަތެކެވެ.

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މިފަހުން، ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ބުރޫއެރިއެވެ. ނަމަވެސް، އެމައްސަލަ ހައްލުކޮށް ގަޑިއިރެއްތެރޭ ޚިދުމަތް އާންމު ހާލަތަށް ވަނީ ރުޖޫއަކޮށްފައެވެ.

comment ކޮމެންޓް