ހަފުތާ ބަންދުގައި ސޮރީގެ ދެ ޝޯއެއް އަޅުވަން އައްޒައާއި ނަހުލާ ލަންކާއަށް

ސޮރީގެ ލީޑުން ފެންނަ އައްޒަ އަދި، ޑައިރެކްޓަރު ނަހުލާ ----

އޮލިމްޕަހުގައި އަޅުވަމުން އަންނަ 'ސޮރީ' ލަންކާގައި އަޅުވަން ފިލްމުގެ ޑައިރެކްޓަރު ފާތިމަތު ނަހުލާއާއި ލީޑް އެކްޓަރު މަރިޔަމް އައްޒަ ލަންކާއަށް ގޮސްފިއެވެ.

އަންނަ ހުކުރާއި ހޮނިހިރު ދުވަހު ލަންކާގައި މި ޝޯ އަޅުވާނީ ސިޓީ ލައިޓް ސިނަމާގައެވެ. ޝޯގެ ޓިކެޓުތައް ބުކްކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، ތިންވަނަ ޝޯއެއް ވެސް އަޅުވަން ޖެހިދާނެ ކަމަށް ނަހުލާ ބުންޏެވެ.

ލަންކާގެ އިތުރަށް މި މަހު 19ގައި ތައިލެންޑުގައި ވެސް މި ފިލްމު އަޅުވަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް، މެލޭޝިއާއާއި އަބޫދާބީގައި ފިލްމު އަޅުވާ ދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ އެކަމާ ވިސްނަމުން އަންނަ ކަމަށް ނަހުލާ ވަނީ ބުނެފައެވެ.

ގިނަ ބަޔެއްގެ ތައުރީފު މި ފިލްމަށް ލިބެމުން އަންނައިރު، މާލޭގެ އިތުރަށް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ފިލްމު އަންނަނީ އަޅުވަމުންނެވެ.

ނަހުލާ ބުނީ، މި ފިލްމު ގިނަ ރަށްތަކެއްގައި އެޅުވުމަށް މިހާރު ވެސް އެދެމުން އަންނަ ކަމަށެވެ. އެކަމަކު، ގިނަ ރަށްތަކުގައި ފިލްމު އަޅުވާނެ ތަނެއް ނެތުމުން ގިނަ ބަޔަކު ފިލްމަށް އިންތިޒާރުކުރަން ޖެހޭކަން ނަހުލާ ފާހަގަކުރިއެވެ.

އެހެންވިޔަސް، މަސައްކަތް ކުރަމުން އަންނަނީ ހުރިހާ ރަށެއްގައި ވެސް ފިލްމު އަޅުވަން ކަމަށް ނަހުލާ ބުންޏެވެ.

ސޮރީގެ ލީޑުން ފެންނާނީ މަރިޔަމް އައްޒައާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހާއި މަރިޔަމް ނިޝާ ވެސް ފެންނާނެއެވެ.

comment ކޮމެންޓް