ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުންގެ ހުނަރު އިތުރުކުރުމަށް ނެޝަނަލް ކެރިއާސް ސާވިސްއިން ޕްރޮގްރާމްތަކެއް ހިންގަން ފަށައިފިއެވެ.
ކިޔަވައި ނިންމުމަށް ފަހު ވަޒީފާ ނުލިބި އެތައް ޒުވާނުންނެއް އުޅެން ޖެހޭކަމުގެ ޝަކުވާކުރެއެވެ. އެ ގޮތުން، ބޭނުންވާ ދާއިރާއަކުން ވަޒީފާއެއް ނުލިބޭކަމުގެ ޝަކުވާ ވެސް ކުރެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރުގެ ނައިބު ޝަހީދާ އަލީ ވިދާޅުވީ، އެ އިދާރާގެ ޕޯޓަލްގައި ވަޒީފާއެއް ބޭނުންވެގެން 8،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް މީހުންނަކީ މިހާރު ވެސް ވަޒީފާތައް ބަދަލުކުރަން ބޭނުންވެފައި ތިބި މީހުން ކަމަށްވާއިރު، ވަޒީފާތަކަށް މީހުން ހޯދަން ކޮންމެ ހަފުތާއަކު ވެސް އިއުލާނުކުރާ ކަމަށް ޝަހީދާ ވިދާޅުވިއެވެ.
އެކަމަކު، ބައެއް ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ވަޒީފާ އަދާ ކުރަން ބޭނުންވާ ދާއިރާ ގިނަ ޒުވާނުންނަށް ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޝާހީދާ ގަބޫލުކުރައްވާ ގޮތުގައި، ވަޒީފާގެ ހުނަރުތައް ދަސްކޮށްގެން އެއް ވަޒީފާއެއްގައި ހުންނަނަމަ، ގިނަ ވަޒީފާތަކަށް މީހުން ލިބޭނެ ކަމަށެވެ. ވަޒީފާތަކަށް ކުދިން ހޯދުމަށް ކުންފުނިތަކާ އެއްކޮށް ވެސް އެޕްރެންޓެންޝިޕް ޕްރޮގްރާމުތައް ހިންގަން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ވަޒީފާތަކުގައި ޒުވާނުން ހަރުލެއްވި، ވަޒީފާ ބޭނުންވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ކުއްޖަކު ބޭނުންވާ ދާއިރާއެއްގެ ވަޒީފާއަކަށް ދާން ބޭނުންވަނީ ކޮން ކަހަލަ ސްކިލްސް އެއްތޯ ކޯއްޗެއްތޯ ކިޔަވަން މިޖެހެނީ. އެއަށް ބޭސްކޮށްގެން އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން ސްކިލްސް ޕްރޮގްރާމްތަކެއް،މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރުގެ ނައިބު ޝަހީދާ އަލީ
ރާއްޖޭގެ އެކި ސަރަހައްދުތައް ހިމެނޭހެން މިހާރު އެޕްރޮގްރާމަށް ވެސް 300 އެއްހާ ފުރުސަތު ހުޅުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޒުވާން އާބާދީގެ 19 އިންސައްތަ މީހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ.
އޭގެ ތެރޭގައި ހިމެނެނީ 4،744 އަންހެނުންނާއި 5،672 ފިރިހެނުންނެވެ.