ސެމީ ފައިނަލްގައި ސިނާ އާއި ޖޯކޮވިޗްގެ ކުރިމަތިލުމެއް

ސެމީ ފައިނަލްގައި ސިނާ އާއި ޖޯކޮވިޗްގެ ކުރިމަތިލުމެއް --

އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޗެމްޕިއަންޝިޕް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީފައިނަލްގައި ޔަނިކް ސިނާ އާއި ނޯވަކް ޖޯކޮވިޗް ކުރިމަތިލާގޮތަށް ހަމަޖެހިއްޖެއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ސިނާ ޖާގަހޯދީ ކުއާޓާ ފައިނަލްގައި ދިހަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަންއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓުގައި ޝެލްޓަންވަނީ ރަނގަޅު ކުޅުމެއް ދައްކާ ޓައި ބްރޭކަކަށް އެސެޓު ގެންގޮސްފައެވެ.

މި ޓައިބްރޭކް ހަތެއް ދެއަކުން ކާމިޔާބުކޮށް ފުރަތަމަ ސެޓު ކާމިޔާބު ކުރީ ސިނާއެވެ. އަދި ޖެހިގެން އައި ދެ ސެޓުގައި ސިނާ ކައިރީގައި ޝެލްޓަންއަށް އެންމެ ރަނގަޅަށް ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ފަހު ދެސެޓު ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުން ސިނާ ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމެވެ.

މެޗަށްފަހު ވާހަަކަ ދައްކަމުން ސިނާ ވަނީ ސެމީ ފައިނަލް މެޗަށް އޭނާ މުޅިން ފިޓްވާނެކަމަށް ބުނެފައެވެ. ހަތަރުވަނަ ބުރުގައި ގްރިގޯ ޑިމިޓްރޯއާ ދެކޮޅަށް ކުޅުނު މެޗުގައި ވެއްޓި ސިނާގެ އުޅަބޮންޓަށް ވަނީ އަނިޔާވެފައެވެ. އެމެޗުގައި އޭނާ މެޑިކަލް ޓައިމް އައުޓެއް ނެގިއިރު ޝެލްޓަން މެޗުގައި އޭނާގެ އަތަށް ވަނީ ރައްކާތެރިވުމުގެ ގޮތުން ހާއްސަ ސްލީވްއެއް އަރުވާފައެވެ.

ސިނާ ބުނިގޮތުގައި އޭނާގެ އަތުގެ ތަދުއަންނަނީ ރަނގަޅުވަމުންނެވެ. ޝެލްޓަން މެޗުގައި އޭނާ ކުޅުނީ ޕެއިން ކިލާ ބޭސް ކައިގެން ކަމަށާއި ޝެލްޓަންގެ ބާރު ސާވްތައް ނެގުމުގައި އުނދަގޫ ތަކަކާ ކުރިމަތިވި ކަމަށް އޭނާ ބުންޏެވެ. އަދި ހުކުރު ދުވަހުގެ މެޗަށް މުޅިން ފިޓްވާނެކަމަށް އޭނާ އުންމީދު ކުރާކަމުގައި ވެސް ސިނާ ފާހަގަ ބުންޏެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ހަވަނައަށް ސީޑު ކުރެވިފައިވާ ސާބިއާގެ ޖޯކޮވިޗް ޖާގަހޯދީ ކުއާޓާ ފައިނަލްގައި ބާވީސް ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ފްލާވިއޯ ކޮބޯލީއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ހައެއް އަށަކުން ކާމިޔާބު ކޮށްފައިވަނީ ކޮބޯލީއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓު ހައެއް ދެއެއް، ހަތެއް ފަހެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކޮށް ޖޯކޮވިޗް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިކާމިޔާބީއާއެކު ވިމްބަލްޑަން ސެމީ ފައިނަލްގައި އެންމެ ގިނަ ފަހަރު ވާދަކުރުމުގެ ރިކޯޑް މިވަނީ ޖޯކޮވިޗް ގާއިމް ކޮށްފައެވެ.

މިމުބާރާތުގެ ގުރުއަތުލުން ނިމުމާއެކު އެންމެ ގިނަ ބަޔަކު އެ ކުމަތިލުމަކަށް އެންމެ ބޮޑަށް އިންތިޒާރު ކުރި ކުރިމަތިލުމަކީ ސިނާ އާއި ޖޯކޮވިޗްގެ މެދުގައި ކުޅުނު ސެމީ ފައިނަލް މެޗެވެ. މި ދެކުޅުންތެރިން ވަނީ ފްރެންޗް އޯޕަންގެ ސެމީ ފައިނަލްގައި ވެސް ވާދަކޮށްފައެވެ.

އެފަހަރުގެ މެޗު ކާމިޔާބު ކޮށްފައިވަނީ ސިނާއެވެ. މި ދެކުޅުންތެރިންގެ މެދުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްފައިވަނީ ސިނާއެވެ. ނަމަވެސް ޖޯކޮވިޗް މިމުބާރާތުގައި ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ހުކުރު ދުވަހު ފޯރިގަދަ ސެމީ ފައިނަލެއް ފެނުމަކީ ވަރަށް ގާތް ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު