ރެއާލް ލަދުގަންނަވާލާފައި ޕީއެސްޖީ ފައިނަލަށް

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޔޫރަޕްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)ން ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޕީއެސްޖީން ކަށަވަރުކުރީ ރޭ ދަންވަރު ކުޅުނު ސެމީ ފައިނަލްގައި ރެއާލް މެޑްރިޑާ ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަކަމާ އެކު ކާމިޔާބުކޮށްގެންނެވެ. ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.

ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗު އެ ޓީމުން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. މިގޮތުން, މެޗުގެ ހަވަނަ މިނެޓުގައި ލަނޑެއް ޖަހައި ޕީއެސްޖީންވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފަބިއަން ރުއީޒެވެ. އަދި، މި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން އުސްމާން ޑެންބެލޭ ވަނީ އިތުރު ލަނޑެއް ޖަހާ ޕީއެސްޖީގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ޕީއެސްޖިގެ ތިންވަނަ ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރުއީޒެވެ. އެ ލަނޑާ އެކު ގާތްގަނޑަކަށް މުބާރާތުގެ ފައިނަލްގެ ޖާގައެއް ޕީއެސްޖީއަށް ލިބޭނެކަން ޔަގީންވިއެވެ. މެޗުގައި ރެއާލްގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ނުފެނެއެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ގޮންޒާލޯ ރާމޯސްއެވެ.

މި ކާމިޔާބީއާ އެކު ޕީއެސްޖީން އަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި ބައްދަލުކުރާނީ ޔޫރަޕްގެ ކްލަބެއް ކަމަށްވާ ޗެލްސީއާއެވެ. މި ކާމިޔާބީއާ އެކު ޕީއެސްޖީން މިހާރު މިވަނީ ޔޫރަޕްގެ ފާހަގަކޮށްލެވޭ ގިނަ ކްލަބްތަކެއް މި ސީޒަންގައި ބަލިކޮށްފައެވެ. މީގެ ތެރޭގައި 5-0 އިން އިންޓާ މިލާން ބަލިކުރުމާއި އެތުލެޓިކޯ މެޑްރިޑް 4-0 އިންނާއި ބަޔާން މިޔުނިކް 2-0 އިން ވަނީ ބަލިކޮށްފައެވެ.

ރެއާލުން މި ނާކާމިޔާބީއާ އެކު ސީޒަން މިވަނީ ތައްޓަކާ ނުލާ ނިންމާލާފައެވެ.

ޗެލްސީއާއި ޕީއެސްޖީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެރޭ ދަންވަރު 12 ޖަހާއިރެވެ.

comment ކޮމެންޓް