ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދި ދިވެހި ސިފައިންގެ ކުލަބަށް ޓްރޮފީ ދެނީ-- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަން ސިފައިންނަށް ލިބުނީ އިއްޔެ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އަތުން 3-1 ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިވުމާ އެކުއެވެ.

ނަމަވެސް، ސިފައިން ވަނީ އެންމެ ފަހު މެޗުގައި ރޭ އެޗްޑީސީ އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންގޮސްފައިވަނީ 25-22، 25-22 އަދި 28-26 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ބިދޭސީ ކުޅުންތެރިޔާ ސެބާސްޓިއަން ގިރާލްޑޯ ގޯމޭޒްއެވެ.

ބަލިވި ނަމަވެސް ސިފައިންގެ ކުލަބަށް ލީގު ކަށަވަރުވުމާ އެކު މި މެޗު ނިމުމުން އެ ޓީމަށް ވަނީ ޓްރޮފީ ހަވާލުކޮށްފައެވެ. ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މި އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދާފައިވަނީ ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާ އެކުއެވެ. ދެވަނައަށް ހޯދި ދަޑިމަގަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނަ ހޯދި އެޗްޑީސީއަށް ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި ނިންމި ހުރާއަށް ވެސް ހަ ޕޮއިންޓް ލިބުނެވެ.

ތާވަލުގެ އެންމެ ފުލުގައި ޕޮލިސް ކުލަބު އޮތީ އެންމެ ތިން ޕޮއިންޓާ އެކުއެވެ. އެއާއެކު ޕޮލިސް ކުލަބު ވަނީ ގައުމީ މުބާރާތަށް ނުހޮވި މުބާރާތާ އަލްވަދާއު ކިޔާފައެވެ.

މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ ދަޑިމަގުގެ އަލީ ހުޒާމް އަދި ސިފައިންގެ އާދަމް ނަސީމެވެ. އެންމެ މޮޅު މިޑިލް ބްލޮކަރުންނަށް، ސިފައިންގެ އާދަމް ފައިރޫޒާއި އެޗްޑީސީގެ މުހައްމަދު އަހުސަން ހޮވުނުއިރު، އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކީ އެޗްޑީސީގެ ޝަމާއިލް ހުސެއިނެވެ. އެންމެ މޮޅު ސެޓަރަކަށް ސިފައިންގެ ހުސެއިން ޝާހިދު ހޮވުނުއިރު އެންމެ މޮޅު ލިބަރޯއަކީ ދަޑިމަގުގެ އަހުމަދު ނަބީލެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ސިފައިންގެ ލުއިސް ފިލީޕޭއެވެ.

ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ، ސިފައިން، އެޗްޑީސީ، ހުރާ އަދި ދަޑިމަގު ދެން ނުކުންނާނީ ގައުމީ މުބާރާތަށެވެ. ގައުމީ މުބާރާތް ފަށާނީ އަންނަ ހުކުރު ދުވަހެވެ.

comment ކޮމެންޓް