ގޯލްޑަންގައި ރަށް ބަދަލުކޮށްގެން ކުޅޭ އުސޫލަށް ބޮޑު ބަދަލެއް

ގޯލްޑަންގެ އެންމެފަހުގެ ޗެމްޕިއަންކަން ހޯދި ކާށިދޫ-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

‏ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖު‎ގައި އެއް އަހަރު މުބާރާތް ނުކުޅެ ހުރުމަށްފަހު ރަށް ބަދަލުކޮށްގެން އެހެން ރަށަކަށް ކުޅެވޭ ގޮތަށް އޮތް އޮތުން ތިން އަހަރަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނައިކަން ގޯލްޑަން ފުޓްސަލްއިން ހާމަކޮށްފައިވާއިރު، އަންނަ އަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު މުބާރާތް ބާއްވަން ނިންމާ ބައިވެރިވާން ބޭނުންވާ ރަށްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގެ މަގްސަދުތަކުގެ ތެރޭގައި ކުޅުންތެރިން އުފަށް ރަށް ތަމްސީލުކުރުމުގެ ފުރުސަތު ދިނުން ހިމެނެއެވެ. މި ބަދަލާއެކު ކުޅުންތެރިންނަށް 2026 ވަނަ އަހަރުގެ މުބާރާތުގައި ރަޖިސްޓްރީ ބަދަލުކޮށްގެން ކުޅެވޭނީ 2023، 2024 އަދި 2025 ގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނަށް އެކަނި ކަމަށް ގޯލްޑަން ފުޓްސަލްއިން މައުލޫމާތުދެއެވެ.

ނަމަވެސް ގޯލްޑަން ފުޓްސަލް އިން ވަނީ އުފަންރަށަށް ކުޅެން ބޭނުންވާ ކުޅުންތެރިންނަށްވެސް ހާއްސަ ފުރުސަތެއް ހުޅުވާލާފައެވެ. އެގޮތުން ފާއިތުވި ތިން އަހަރުގެ މުބާރާތުގައި އަމިއްލަ ރަށް ނޫން އެހެން ރަށަކަށް ކުޅެފައިވާ ކުޅުންތެރިން އަމިއްލަ ރަށަށް ބަދަލުވުމަށް ހާއްސަ ފުރުސަތެއް މިފަހަރު ވަނީ ދީފައެވެ.

އެހެންކަމުން އެކަމަށް ހާއްސަ ފޯމެއް ފުރުމަށްފަހު 2026 ވަނަ އަހަރުގެ މުބާރާތުގައި އަމިއްލަ ރަށަށް ބަދަލުވެ ކުޅުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު ތިންވަނަ ދުވަހެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ރަށު ކައުންސިލްތަކަށް ވަނީ ހުޅުވާލާފައެވެ. އޭގެ ފަހުންވެސް ބައިވެރިވުމުގެ ފުރުސަތު ރަށްތަކަށް ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ ކުރީކޮޅު ބޭއްވި ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ ކ. ކާށިދޫއެވެ.‏

comment ކޮމެންޓް