މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުޅުވާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ކުރިމަތީގައި ކަދުރު ރުއް އިންދުމުގެ ބަދަލުގައި ދިވެހި ރުއް އިންދުމަށް, އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ލަފާދީފިއެވެ.
ވީއައިއޭގެ އާ ޓާމިނަލްގެ ކުރިމަތީގައި ކަދުރު ރުއް އިންދަން ފެށުމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފުރަތަމަ ފެންނަ މަންޒަރުން ދިވެހިވަންތަކަން ގެއްލޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ކަދުރު ރުއް އިންދާ މައްސަލައިގައި "ސަން" އިން ސުވާލުކުރުމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ލަފާދެއްވީ ކަދުރު ރުކުގެ ބަދަލުގައި ދިވެހި ރުކަށް އިސްކަންދިނުމަށެވެ. ސަބަބެއް ކަމަށް ނައީމް ވިދާޅުވީ، ގަސްގަހާއިގެހި އިންދާއިރު ތިމާވެށީގެ ނަޒަރުން ބަލާއިރު އެންމެ ރަނގަޅު ގޮތަކީ މާހައުލަކާ ގުޅުންހުރި ގަސް އިންދުން ކަމަށް ވާތީ ކަމަށެވެ.
ގަސްގަހާއިގެހީގެ އިތުރުން، ރާއްޖޭގެ މާހައުލާ ގުޅުމެއް ނެތް ދިރޭތަކެތި ގެނައުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
ވީއައިއޭގައި ކަދުރު ރުއް އިންދި މައްސަލައިގައި ދިވެހި ތާރީޚު ދިރާސާކުރައްވާ އަހްމަދު އަލާ ދީދީ ލިޔުއްވިގޮތުގައި ކޮންމެ ބަޔަކު ވެސް އެ ބައެއްގެ ގައުމިއްޔަތު ބިނާކޮށްފައިވަނީ އެ ބަޔަކު ވަޒަންވެރިވެ ތިބި މާހައުލާ ގުޅުވައިގެންނެވެ. އެގޮތުން ބޭރު ގައުމުތަކުގެ މެދުގައި ވެސް ދިވެހީން އޭރު މަޝްހޫރުވީ ދިވެހި ރުކުގެ ސަބަބުން ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.

"ދިވެހިރާއްޖޭގެ ރަށްރަށުގެ މަލަމަތީންނާއި ރާއްޖެއަށް ވަންނަ ދޮރޯށިތައް ދޮށުން ފެންނާން ވާނީ ޒަމާނުއްސުރެ ދިވެހިރާއްޖެ ސިފަކޮށްފައިވާ ގޮތެވެ. އެއީ މި ރާއްޖޭގެ މަލަމަތި ޒަމާނުއްސުރެ ފަޅުފިލުވާލަދިން ދިވެހި ރުކެވެ. އެ ރުކުން ލިބުނު ބޮނބިން ދިވެހިން އުފައްދާ އެކްސްޕޯޓުކުޅަ ރޯނަކީ ވިލާތުމީހުންގެ ދުލުން ނަމަ އެބައިމީހުން ދުނިޔެއިން ދުށް އެންމެ މޮޅު ރޯނެވެ. އައްސަވާށެވެ. ރުކަކީ މުޅި ދިވެހި ގައުމިއްޔަތުގެ ރަމްޒެވެ." ސޯޝަލް މީޑިއާއަށް އަލާ ދޫކުރެއްވި ލިޔުމުގައިވެއެވެ.
އަދި ކުރީ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރުކަން ކުރެއްވި ޝަމްއޫނު ޖަލީލް (ލޫކަސް) ވެސް ވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަންނާނީ ރާއްޖޭގެ ތަފާތުކަން ދެކެން ކަމަށާއި، ދުބާއީ އެއާޕޯޓުން ފުރައިގެން ދުބާއީގެ މަލަމަތި ދެކޭކަށް އެ ބަޔަކު ނާންނާނެކަން ފާހަގަކޮށްފައެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރު ކަމުގައި މާލޭގައި ކަދުރު ރުއް އިންދިއިރު، ސިޓީ ކައުންސިލުން އޭރު ބުނީ، ރުއްތައް ބަލަހައްޓާނީ ކަމާގުޅުންހުރި މާހިރުންގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.